Roadha Mihaaru
ރައީސްގެ މަންދޫބެއްގެ ގޮތުން އަޒްލީން، ގާސިމް އަރިހަށް

ރައީސްގެ މަންދޫބެއްގެ ގޮތުން އަޒްލީނާއި މުންދު، ގާސިމާ ބައްދަލުކުރައްވައިފި

28 އޯގަސްޓް 2017

ހިތުގެ އާލާސްކަންފުޅަކާ ގުޅިގެން މިހާރު އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ، ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިރޭ ބައްދަލުކުރައްވައިފި އެވެ.

ހިތުގެ އާލާސްކަންފުޅަކާ ގުޅިގެން މިހާރު އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ، ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިރޭ ބައްދަލުކުރައްވައިފި އެވެ.

އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއްގައި ދެއްކެެވި ވާހަކައަކާ ގުޅިގެން ރިޝްވަތުގެ ތުހުމަތުކޮށް، ތިން އަހަރުގެ ޖަލު ހުކުމެއް މިދިޔަ ބުރާސްފަތި ދުވަހު ގާސިމަށް އައިސްފައިވާއިރު، އެ ދުވަހު ބޭއްްވި ޝަރީއަތެއްގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓި އޭނާ ވަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ. އަދި ގާސިމަށް ރާއްޖެ އިން ބޭރުން ބޭސްފަރުވާ އާއި ޓެސްޓް ހެދުމަށް ވީހާވެސް އަވަހަކަށް ގެންދިއުމަށް އައިޖީއެމްއެޗުގެ ޑރ. އަލީ ޝަފީގް ވަނީ އެދިވަޑައިގެންފަ އެވެ.

އެކަމަކު މިހާ ހިސާބަށް ވެސް ގާސިމް ބޭސްފަރުވާ އަށް ބޭރަށް ފޮނުވުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނުދޭ މައްސަލަ ވަނީ ހޫނުވެފަ އެވެ.

ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން ގާސިމްގެ އަރިހަށް އަޒްލީނާއި މުންދު ވަޑައިގެންނެވި ސަބަބެއް އަދިއެއް ނޭނގެ އެވެ. އަދި އެ ބައްދަލުވުމުގެ ތަފުސީލެއް ވެސް ނުލިބެ އެވެ.

ގާސިމްގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި، ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، މިނިސްޓަރު އަޒްލީން، ގާސިމްގެ އަރިހަށް ވަޑައިގަތީ "ބަލި ހާލަތުގައި އޮންނެވި ބޭފުޅެއްގެ އަރިހަށް ކުރެއްވި ޒިޔާރަތެއް"ގެ ގޮތުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޔާމީންގެ މަންދޫބެއްގެ ގޮތުން ހޯމް މިނިސްޓަރު އަޒްލީނާއި މުންދު ކުއްލި ގޮތަކަށް އައިޖީއެމްއެޗަށް ވަޑައިގެން ގާސިމާ ބައްދަލުކުރެއްވިއިރު، ގާސިމްގެ ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ކަންކަން ވީހާ ވެސް އަވަހަކަށް ހަމަޖެއްސުމަށް އޭނާ ވަނީ ކަރެކްޝަނަލް ސާވިސްގައި އިއްޔެ އެދިވަޑައިގެންފަ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް ގާސިމް ބޭރަށް ފޮނުވުމުގެ ހުއްދައެއް ނުދެ އެވެ.

ގާސިމްގެ އަރިހަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް މިއަދު ވަނީ ޒިޔާރަތްކޮށް، އޭނާގެ އާލާސްކަންފުޅާ އަދި ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގައި ކުރިމަތިވެފައިވާ ހުރަސްތައް ބަލައިފަ އެވެ.

ގާސިމްގެ މައްޗަށް ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކޯޓުން ޖެހީ ޣައިރު ހާޒިރުގަ އެވެ. އޭރު ގާސިމް އޮންނެވީ އާލާސްކަންފުޅާ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފަ އެވެ.