ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަރުމަނަށް ވަޑައިގަތުމަކީ ގަވާއިދާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށާއި ގާސިމް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.
01 ޑިސެމްބަރ 2017
ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަރުމަނަށް ވަޑައިގަތުމަކީ ގަވާއިދާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށާއި ގާސިމް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.
ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި ހުންނެވުމަށް ފަހު، ޖަރުމަނު ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން ގާސިމް ޖަރުމަނަށް ވަޑައިގަތީ މިދިޔަ މަހުގެ ފަހުކޮޅެވެ. ގާސިމްގެ އާއިލާ އިން ބުނި ގޮތުގައި ހިތްޕުޅުގެ ކާމިޔާބު އޮޕަރޭޝަނާ ގުޅިގެން ހަދަން ޖެހޭ ބައެއް ޓެސްޓުތައް ފުރިހަމަ ކުރުމަށް ފަހު، ގާސިމަށް ދަތުރު ކުރެއްވޭނެ ކަމަށް ޑޮކްޓަރުން އެންގީ އޮކްޓޯބަރު 28 ގެ ފަހުންނެވެ.
އަޒްލީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.- މިހާރު ފޮޓޯ
ގާސިމް ޖަރުމަނަށް ވަޑައިގެންނެވިއިރު، ގާސިމްގެ ވަގުތީ ޓްރެވަލް ޑޮކިއުމަންޓްގެ މުއްދަތު އޮތީ ހަމަވެފަ އެވެ. އޮކްޓޯބަރު 2 ވަނަ ދުވަހުގެ ނިޔަލަށް ޓްރެވަލް ޑޮކިއުމަންޓް ހަމަވި އިރު، ކަރެކްޝަނަލް ސާވިސް އިން ވަނީ ޓްރެވަލް ޑޮކިއުމަންޓްގެ މުއްދަތު އާކޮށްދެވެން ނެތް ކަމަށް ބުނެފަ އެވެ. އަދި ފުލުހުންނާ ގުޅިގެން ގާސިމް ރާއްޖެ ވަޑައިގަތުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމަށް ވެސް ކަރެކްޝަނުން އެންގި އެވެ.
އަޒްލީން "މިހާރު" އަށް ވިދާޅުވި ގޮތުގައި ކަރެކްޝަނުން ހަމައެކަނި އަންގާފައި އޮތީ ސިންގަޕޫރުގައި ގާސިމް ހުންނަވައިގެން ބޭސްފަރުވާގެ ކަންކަން ފުރިހަމަ ކުރެއްވުމަށެވެ. އަދި އިތުރު ގައުމަކަށް ވަޑައިގެން، ބޭސްފަރުވާގެ ކަންކަން ފުރިހަމަ ކުރަން ހުއްދަ ނުދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖަރުމަނަށް ފުރާވަޑައިގަތުމުގެ ކުރިން، އަޅުގަނޑުމެންނަކަށް ނާންގާ ގާސިމް އެ ގައުމަށް ވަޑައިގަންނަވަން ނިންމެވި ކަމެއް. އެކަމަކު، މިހާރު އެބަ ކަށަވަރު ކުރެވޭ ގާސިމް ޖަރުމަނުގައި ހުންނެވިކަން،" އަޒްލީން ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ ގާސިމް ޖަރުމަނަށް ވަޑައިގަތުމަކީ އަމިއްލަ އަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި ޖަރުމަނަށް ވަޑައިގަތީ ކިހިނެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވި ގޮތުގައި ސިންގަޕޫރުގައި ހުންނަވައިގެން ގާސިމް ބޭސްފަރުވާ ކުރެއްވުމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. އެހެންވެ، ގާސިމް ވީހާ ވެސް އަވަހަކަށް ރާއްޖެ ވަޑައިގަންނަވަން ޖެހޭ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ގަވާއިދާ ހިލާފަށް ޖަރުމަނަށް ވަޑައިގެންނެވި މައްސަލަ ކަމާ ބެހޭ އިދާރާތަކުން ބަލައި ފިޔަވަޅު އަޅަން ޖެހިއްޖެނަމަ، އެކަން ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ގާސިމްގެ ބޭސްފަރުވާގެ ކަންކަން ޒަމާނުއްސުރެ ކުރިއަށް ގެންދެވީ ޖަރުމަނުގައި ކަމަށެވެ. އަދި ބޭސްފަރުވާ އަށް ގާސިމް މި ފަހަރު ޖަރުމަނަށް ވަޑައިގަތީ، ސިންގަޕޫރުގައި އޭނާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ޖަރުމަނުގައި ހުންނަވާ، ގާސިމްގެ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށް ބަޔާނުގައިވެ އެވެ.
ވަކީލުންގެ ޓީމުން ބުނި ގޮތުގައި މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމަންޓެއް އޮތުމުގެ ސަބަބުން ސިންގަޕޫރުގައި ހުންނަވައިގެން ބޭސްފަރުވާގެ ކަންތައްތައް ގާސިމް ކުރިއަށް ގެންދަވަން ޖެހިވަޑައިގަތުމަކީ އެ ގައުމުގެ ސަރުކާރުން ދިން ހާއްސަ ހުއްދައެއްގެ ދަށުން ނުހަނު ދަތި އުނދަގުލެކެވެ. ގާސިމް ޖަރުމަނުގައި ހުންނެވީ އެ ގައުމުގެ ސަރުކާރުން ބޭސްފަރުވާ ކުރެއްވުމަށް އިންސާނިއްޔަތަށްޓަކައި އޭނާ އަށް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް ވެސް ވަކީލުންގެ ޓީމުން ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވިކަން ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް، ހިތްޕުޅުގެ އާލާސްކަންފުޅަށް ބޭސްކުރައްވަން ގާސިމް ސިންގަޕޫރަށް ވަޑައިގަތުމަށް ކަރެކްޝަނުން ދިން މުއްދަތު އޮކްޓޯބަރު މަހުގެ ކުރީކޮޅު ވަނީ ހަމަވެފަ އެވެ. އޭގެ ފަހުން ގާސިމް ރާއްޖެ އިން ބޭރުގައި ހުންނެވުމަށް އިތުރު ފުރުސަތެއް ދެވެން ނެތް ކަމަށް ކަރެކްޝަންސުން އެންގި އެވެ.
ގާސިމްގެ އާއިލާ އިން ބުނި ގޮތުގައި ގާސިމަށް ރާއްޖެ ވަޑައިގެންނެވެން އޮތީ މުއްދަތު ހަމަނުވާ ޓްރެވަލް ޑޮކިއުމެންޓެއް ގާސިމް އަތުގައި އޮވެގެންނެވެ.
ގާސިމްގެ ވަކީލުން ކުރިން ބުނެފައިވާ ގޮތުގައި ކަރެކްޝަންސްގެ އެންގުމާ އެއްގޮތަށް ރާއްޖެ ވަޑައިގަތުމަށް ދެ ފަހަރެއްގެ މަތިން ގާސިމް ސިންގަޕޫރު އެއާޕޯޓަށް ވަޑައިގެންނެވި އެވެ. އެކަމަކު ދަތުރުކުރައްވަން ސިއްހީ ހާލުކޮޅު ތަން ނުދޭތީވެ ސިންގަޕޯ އެއާލައިނުގެ ބޯޓަށް ގާސިމް ނޭރުވިކަން ކަރެކްޝަނަށް އެންގި އެވެ.
ގާސިމަށް ކުރި ހުކުމާ ހިލާފުވީ ސަރުކާރުން: ރިޔާޒް
ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެނީ
ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރު ނުކުރުމުން ކޯޓަށް
ގާސިމްގެ ވަކީލުންގެ ސިޓީއެއް ކްރިމިނަލް ކޯޓަށް
ޖަރުމަން ސަރުކާރުގެ ހުއްދައަކާއެކު ގާސިމް ޖަރުމަނަށް
ކަރެކްޝަނުން ވަނީ ކޯޓުގެ ހުރުމަތް ކަނޑާފައި: ވަކީލުން
ގާސިމްގެ ފަރުވާގެ މުއްދަތުގެ މައްސަލަ ޝަރީއަތަށް
"ގާސިމްގެ ފަރުވާ އަށް އިތުރު މުއްދަތެއް ދެވޭކަށް ނެތް
ގާސިމް އިތުރު ފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގެންފި
ގެއަށް ދޫކުރެވޭ ވަރަށް ވުރެ ގާސިމް ސީރިއަސް: ސަމީރު