Roadha Mihaaru
ދިވެހި ސިފައިންގެ ތަމްރީނެއް މިއަންމާއާ އެކު ނެތް

ދިވެހި ސިފައިންގެ ތަމްރީނުތަކެއް މިއަންމާއާ އެކު ހިންގަން ރާވާފައެއް ނެތް: އެމްއެންޑީއެފް

04 ސެޕްޓެމްބަރ 2017

ދިވެހި ސިފައިންނާއި މިއަންމާގެ ސިފައިން ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ރާވާފައި ނެތް ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިވެހި ސިފައިންނާއި މިއަންމާގެ ސިފައިން ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ރާވާފައި ނެތް ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.

މިއަންމާގެ ރޮހިންޖާގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅިގެން، މިއަންމާއާ އެކު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ދިވެހި ސަރުކާރުން އިއްޔެ ނިންމުމާ އެކު، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެއް ކަމަކީ ދިވެހި ސިފައިންނާއި މިއަންމާގެ ސިފައިން ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ހިންގަން ރާވާފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތަކާ ގުޅިގެންނެވެ.

ޓައިމްސް އޮފް އިންޑިއާ ގައި މިދިޔަ މަހުގެ ދެވަނަ ދުވަހު ޝާއިއު ކޮށްފައިވާ ޚަބަރެއްގައި ބުނީ، ދިވެހި ސިފައިންނާއި މިއަންމާގެ ސިފައިންނާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ބޭއްވުމަށް އިންޑިއާގެ އަސްކަރިއްޔާ އިން ނިންމާފައިވާ ކަމަށެވެ.

އިންޑިއާގެ ސިފައިންގެ އިސް އޮފިސަރަކާ ހަވާލާދީ ލިޔެފަައިވާ އެ ޚަބަރުގައި ބުނީ ތިން ގައުމު ގުޅިގެން ހިންގާ އެ ތަމްރީނުތައް އިންޑިއާގެ ޕޫނާ ނުވަތަ ބެލްޖިއަމްގައި ބޭއްވުމަށް ވަނީ ނިންމާފައި ކަމަށެވެ. އެކަމަކު ތަމްރީނުތައް ފަށާނެ ތާރީޚެއް ބުނެފައެއް ނެތެވެ.

ސިފައިންތަކެއް ރަށެއްގައި ތަމްރީނު ހަދަނީ.---ފައިލް ފޮޓޯ: އެމްއެންޑީއެފް

ސިފައިންތަކެއް ރަށެއްގައި ތަމްރީނު ހަދަނީ.---ފައިލް ފޮޓޯ: އެމްއެންޑީއެފް

ނަމަވެސް މިކަމާ ގުޅިގެން ދިވެހި ސިފައިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެއީ ހަގީގަތާ ޚިލާފު ޚަބަރެއް ކަމަށެވެ. ދިވެހި އަސްކަރިއްޔާ އާއި މިއަންމާގެ އަސްކަރިއްޔާ ގުޅިގެން ތަމްރީނު ޕްރޮގްރާމެއް ހިންގަން ހަމަޖެހިފައި ނެތް ކަމަށް އެ ބަޔާނުގައިވެ އެވެ.

"އަދި ކުރިމަގުގައި އެފަދަ އަސްކަރީ ތަމްރީނުތަކެއް މިޔަންމާ އަސްކަރިއްޔާއާ އެކު ހިންގުމަށް ތާވަލުކޮށްފައި ނެތް ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ދިވެހި އަސްކަރިއްޔާގެ ބަޔާނުގައިވެ އެވެ.

މިއަންމާގެ ރޮހިންޖާ މުސްލިމުންނާ މެދު އެ ގައުމުގެ ސިފައިން އަނިވާވެރިވާން ފެށީ މިިދިޔަ މަހުގެ 25 ގައި ރޮހިންޖާގެ ބަޔަކު އަސްކަރީ ޕޯސްޓަކަށް ދިން ހަމަލާއާ ގުޅިގެންނެވެ. އޭރު ދޭން ފެށި ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ، އެކަން ދުނިޔޭގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ.

މި މައްސަލާގައި ރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.