Roadha Mihaaru
ކުރާ ހޭދައާ އެއްވަރަށް ސިއްހީ ހިދުމަތް ދެވޭ: ނާޒިމް

ސިއްހީ ދާއިރާއަށް ކުރާ ހޭދައާ އެއްވަރަށް ހިދުމަތްތައް ދެވޭ: ނާޒިމް

06 ސެޕްޓެމްބަރ 2017

ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރަމުން އަންނަ ހޭދައާ އެއްވަރަށް ހިދުމަތް ފޯރުކޮށްދެވޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރަމުން އަންނަ ހޭދައާ އެއްވަރަށް ހިދުމަތް ފޯރުކޮށްދެވޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެެވެ.

ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ސައުތު އީސްޓް އޭޝިޔާ ސަރަހައްދުގެ ބައްދަލުވުން ފަށަން ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާގެ ބަޖެޓުން މައިގަނޑު ގޮތެއްގައި ބޮޑު ދެ ހަރަދެއް ކުރަން ޖެހޭ ކަމަށެވެ. އެއީ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ މަރާމާތުތަކަށާއި ފަރުވާއަށް ބޭރަށް ދާ މީހުންނަށް ކުރަން ޖެހޭ ހަރަދުތައް ކަމަށެވެ.

ދައުލަތުގެ ބަޖެޓުން ސިއްހީ ދާއިރާއަށް ބޮޑު ހޭދައެއް ކުރާއިރު ސްކޭނެއް ހަދަން އެތައް ދުވަހަކު މަޑުކުރުމަކީ ސިއްހީ ދާއިރާގެ ކާމިޔާބީއެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނާޒިމް ވިދާޅުވީ ސިއްހީ ނިޒާމު ފުރިހަމަވެގެން އަންނަނީ ތަންތަން މަރާތުކޮށް އަދި އިމާރާތް ވެސް ކޮށްގެން ކަމަށެވެ. އެހެންކަމުން ހިދުމަތް ރަނގަޅު ކުރުމަށް ބަޖެޓުން އެ ހަރަދުތައް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ހޮސްޕިޓަލްތަކުގެ މަސައްކަތް ކުރިއަށް ދާއިރު، އިތުރު މެޝިންތަކާއި އާލާތްތައް ވެސް ބަހައްޓާނެ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން މި ސަރަހައްދަށް ކަނޑައަޅާފައިވާ ރީޖަނަލް ޑިރެކްޓާ ޑރ. ޕޫނަމް ކެތްރަޕަލް ސިންހާ ވަނީ ސިއްހީ ދާއިރާގައި ސަރުކާރުން ހޯދާފައިވާ ބައެއް ކާމިޔާބީތައް ފާހަގަކުރައްވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭސްފިހާރަ ގާއިމްކުރުމަކީ ވެސް ސިއްހީ ދާއިރާގެ ކާމިޔާބީގެ ހެއްކެކެވެ.

ޕެރެޑައިސް ރިސޯޓުގައި މިއަދު ފެށި ޑަބްލިއުއެޗްއޯގެ ސައުތު އީސްޓް އޭޝިޔާ ގައުމުތަކުގެ ރީޖަނަލް މީޓިންނާ ގުޅޭގޮތުން އެ ޖަމިއްޔާއިން މި ސަރަހައްދަށް ކަނޑައަޅާފައިވާ ޑިރެކްޓާ ޑރ. ޕޫނަމް ވާހަކަދައްކަވަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕެރެޑައިސް ރިސޯޓުގައި މިއަދު ފެށި ޑަބްލިއުއެޗްއޯގެ ސައުތު އީސްޓް އޭޝިޔާ ގައުމުތަކުގެ ރީޖަނަލް މީޓިންނާ ގުޅޭގޮތުން އެ ޖަމިއްޔާއިން މި ސަރަހައްދަށް ކަނޑައަޅާފައިވާ ޑިރެކްޓާ ޑރ. ޕޫނަމް ވާހަކަދައްކަވަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ މި ސަރަހައްދުގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖެއަކީ ޖަޒީރާ ރަށްތަކަކަށް ބެހިފައިވާ ގައުމަކަށް ވާއިރު، ހިދުމަތްތައް ފޯރުކޮށްދިނުމާއި ހިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް ދިމާވާނެ ކަމަށެވެ. އެހެންކަމުން އެކަންތައްތައް ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ޕޫނަމް ވިދާޅުވި ގޮތުގައި ސައުތު އީސްޓް އޭޝިޔާގައި ހިމެނޭ 11 ގައުމުގެ ތެރެއިން، ރާއްޖެ ފާހަގަކޮށްލެވެނީ ބަލިތަކަށް ފަރުވާ ހޯދަން ބޭރަށް ދާން ބޭނުންވާ މީހުން އުޅޭ ގައުމެއްގެ ގޮތުގަ އެވެ. މީގެ އިތުރުން ރާއްޖެއަކީ މި ސަރަހައްދުން ވެސް ސިއްހީ ދާއިރާއަށް އެންމެ ބޮޑު ހޭދައެއް ކުރާ ގައުމު ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ މި ސަރަހައްދުން ވެސް ފެނުނު ހަމައެކަނި ގައުމު، ބައްޔަށް ފަރުވާ ހޯދަން ރާއްޖޭން ބޭރަށް ދާން ބޭނުންވާ ގިނަ މީހުން މި ގައުމުގައި އުޅޭ. އެއީ ވެސް ވަރަށް ބައިވަރު ހަރަދުތައް،" ޕޫނަމް ވިދާޅުވި އެވެ.

ރާއްޖޭގައި އަމިއްލަ އަދި ސަރުކާރު ހޮސްޕިޓަލްތައް ހަދަމުން އަންނަ އިރު ހިދުމަތަށް ނުކުންނަ މީހުންގެ އަދަދު ވެސް އިތުރުވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭ އިރު އަމިއްލަ އަތުން ބޭސްފަރުވާއަށް ކުރާ ހޭދަ 29 ޕަސެންޓަށް ދަށްކުރެވިފައިވާ ކަމަށެވެ. އަދި ފަރުވާއަށް ކޮންމެ ބޮލަކަށް 810 ޑޮލަރު (12،490ރ.) ގެ މަގުން ސަރުކާރުން ކޮންމެ އަހަރަކު ވެސް ހަރަދުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އެއީ މަތީ އަދި މެދު ފަންތީގެ ގައުމުތަކާ އަޅާބަލާއިރު ވެސް ދެ ގުނަ އަދަދެއް،" ނާޒިމް ވިދާޅުވި އެވެ.

އަންނަ އާދިއްތަ ދުވަހާ ހަމައަށް ޕެރަޑައިސް ރިސޯޓުގައި ބާއްވާ މި ބައްދަލުުވުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ތިމާވެއްޓަށް އަންނަ ބަދަލުތަކުން ސިއްހަތަށް ކުރާ އަސަރުތަކާ ގުޅޭ ގޮތުންނެވެ. އަދި މި ސަރަހައްދުގެ ގައުމުތަކަށް ދިމާވާ ސިއްހީ މައްސަލަތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށް މުހިއްމު ނިންމުންތަކެއް ނިންމާނެ އެވެ.