Roadha Mihaaru
ބައްދަލުވުން ކާމިޔާބު، މި ދާއިރާއަށް ބަދަލު އަންނާނެ

ބައްދަލުވުން ވަރަށް ކާމިޔާބު، ރާއްޖޭގެ ސިއްހީ ދާއިރާ އަށް ހެޔޮ ބަދަލު އަންނާނެ: މިނިސްޓަރު

10 ސެޕްޓެމްބަރ 2017

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސައުތު އީސްޓް އޭޝިޔާ ސަރަހައްދުގެ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި އޭގެ ބަދަލު ރާއްޖޭގެ ސިއްހީ ދާއިރާ އަށް އަންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސައުތު އީސްޓް އޭޝިޔާ ސަރަހައްދުގެ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި އޭގެ ބަދަލު ރާއްޖޭގެ ސިއްހީ ދާއިރާ އަށް އަންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ބޭއްވި، މި ސަރަހައްދުގެ ސިއްހަތާ ބެހޭ ބޮޑު ބައްދަލުވުން ނިންމާލުމަށްފަހު ނޫސްވެރިންނާ ވާހަަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ބައްދަލުވުުމުގައި މަޝްވަރާކުރީ ހުރިހާ ގައުމެއް ވެސް ގުޅިގެން ކަމަށާއި އޭގެ ސަބަބުން ވެސް ރާއްޖޭގެ ސިއްހީ ނިޒާމަށް ބަދަލުތަކެއް އަންނާނެ ކަމަށެެވެ.

މިނިސްޓަރު ވިދާޅުވީ 2030 ވަނަ އަހަރު ކުރިން ޓީބީ ނައްތާލުމަށް ޑަބްލިއުއެޗްއޯ އިން އަޒުމް ކަނޑައަޅާފައިވާއިރު އެ އަމާޒަށް ރާއްޖޭން ވާސިލްވުމަށް ނިންމާފައިވަނީ 2020ގެ ކުރިންނެެވެ. އެކަމަށް ޑަބްލިއުއެޗްއޯއިންނާއި އެހެން ގައުމުތަކުން ދޭނެ އެހީ އާއި ފަންޑިންނާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ މި ބައްދަލުވުމުގެ ތެރެއިން ލިބުނު ކާމިޔާބީއެއްކަން ފާހަގަކުރެއްވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ނުރައްކާތަކަށް ތައްޔާރުވުމާ ގުޅޭ "މާލެ ޑިކްލަރޭޝަން އޮން ބިލްޑިން ހެލްތު ސިސްޓަމްސް ރެޒިލިއަންސް ޓު ކްލައިމެޓް ޗޭންޖް"ގެ ނަމުގައި ގަރާރެއް ފާސްކޮށް، އޭގައި ފާހަގަކޮށްފައިވާ ކަންތައް ހާސިލްކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އެއީ ވެސް ބޮޑު ކުރިއެރުމެއް ކަން ނާޒިމް ފާހަގަކުރެއްވި އެވެ.

"މި ބައްދަލުވުމުގައި މަޝްވަރާކުރީ ސަރަހައްދީ ފެންވަރުގައި، އެ ގައުމުތަކަށް ދިމާވާ މައްސަލަތަކާ އެކީގައި. އޭގެ ސަބަބުން ސިއްހީ ދާއިރާ އަށް ދިމާވާ މައްސަލަަތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ހިނގައްޖެ. އެކަމުގެ ހެޔޮ ބަދަލު ރާއްޖެ އަށް ވެސް އަންނާނެ،" ޕެރެޑައިސް ރިސޯޓުގައި ބޭއްވި ބައްދަލުވުމުގައި ނާޒިމް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯ އިން މި ސަރަހައްދަށް ކަނޑައަޅާފައިވާ ރީޖަނަލް ޑިރެކްޓާ ޑރ. ޕޫނަމް ކެތްރަޕަލް ވިދާޅުވީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ސިއްހީ ދާއިރާ އަށް އެންމެ ހަރަދުކުރަނީ ރާއްޖޭން ކަމަށާއި ހޯދަމުންދާ ކާމިޔާބީތަކުން އެކަން އެނގިގެންދާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވަނީ ރާއްޖޭން ސިއްހީ ދާއިރާ ހަރުދަނާކޮށް ހޯދަމުންދާ ކާމިޔާބީތަކަށް ތައުރީފުކުރައްވައިފަ އެވެ.

މި ސަރަހައްދުގެ ސިއްހަތާ ބެހޭ ދާއިރާގެ ބޮޑު ބައްދަލުވުން ނިންމާލާފައިވާއިރު މުހިއްމު މަޝްވަރާތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން ތިމާވެއްޓަށް އަންނަ ބަދަލުތަކުން ސިއްހަތަށް ކުރާ އަސަރުތަކާއި އެ ކަންތައްތައް ކުޑަކުރުމާ ގުޅޭގޮތުން ވާހަކަދައްކާފައި ވެ އެވެ.

ޕެރެޑައިސް ރިސޯޓުގައި ބޭއްވި މި ބައްދަލުވުމުގައި މި ސަރަހައްދުގެ 11 ގައުމެއްގެ ސިއްހީ ދާއިރާގެ އިސް އޮފިޝަލުން އަދި އެ ހަރަކާތުގައި ޖުމްލަ 250 މަންދޫބުން ވަނީ ބައިވެރިވެފަ އެެވެ.