Roadha Mihaaru
މަރުގެ އަދަބު ދިނުމުގެ އިޖްރައާތު ބާތިލްކުރަން ކޯޓަށް

މަރުގެ އަދަބު ދިނުމުގެ އިޖްރައާތުތައް ބާތިލްކުރަން ހައި ކޯޓަށްް ހުށަހަޅައިފި

30 ޖޫން 2016

މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގައި މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ އިޖްރައާތު ބަޔާންކުރާ މާއްދާތައް ބާތިލްކުރަން މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކުން ހައި ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގައި މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ އިޖްރައާތު ބަޔާންކުރާ މާއްދާތައް ބާތިލްކުރަން މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކުން ހައި ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް މެރުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓާފައި ވަނިކޮށް އެ ގަވާއިދުގެ ބައެއް މާއްދާތައް ބާތިލްކުރަން ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މާއްދާތައް ބާތިލް ކުރުމުގެ އިތުރުން އެ މައްސަލަ ނިމެންދެން މަރުގެ އަދަބު ތަންފީޒު ކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެދޭން ވެސް އެ މައްސަލާގައި ވަނީ އެދިފަ އެވެ.

އެ ދައުވާގައި ވަނީ މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭގޮތުން 2014 ގައި އަމަލުކުރަން ފެށި ގަވާއިދުގެ އަށް ވަނަ މާއްދާއިން ފެށިގެން 17 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކަކީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާއާ ޚިލާފް މާއްދާތަކެއް ކަމަށެވެ.

ބާތިލްކުރަން އެދިފައިވާ އެ މާއްދާތަކަކީ މަރުގެ އަދަބު ތަންފީޒު ކުރާނެ ގޮތާއި ތަންފީޒު ކުރުމުގެ ކުރިން އަމަލުކުރަންޖެހޭ އިޖްރައާތުތަކާއި ތަންފީޒު ކުރުމަށް ފަހު އަމަލުކުރަންޖެހޭ އިޖްރައާތު ބަޔާން ކުރާ މާއްދާތަކެވެ.

ހައި ކޯޓަކީ ގާނޫނެއް ނުވަތަ ގަވާއިދެއް އެއިން ބައެއް ބާތިލް ކުރަން ހުށަހަޅާ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް އޮންނަ ކޯޓެކެވެ.

އެ މައްސަލަ މިއަދު ހުށަހެޅިއިރު ދަން ޖައްސައިގެން މަރުގެ އަދަބު ދެވޭ ގޮތަށް އެ ގަވާއިދަށް އިއްޔެ ވަނީ އިސްލާހު ގެނެސްފަ އެވެ.

އެ ގަވާއިދު ބާތިލްކުރަން ހުށަހެޅިއިރު ސަރުކާރުން މިހާރު ވެސް ދަނީ މަރުގެ އަދަބު ދިނުމާ ބެހޭ ބިލެއް ތައްޔާރުކުރަމުންނެވެ. އެ ބިލަކީ މިހާރު އޮތް ގަވާއިދަށް ވުރެ ފުރިހަމައަށް ކަންކަން ކުރަން ހަދާ ބިލެއް ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރު އެވެ. އެއީ އޭރުގެ ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލަން ސިހުރު ހެދިކަން ސާބިތުވި މީހެއްގެ މައްޗަށެވެ. އޭގެފަހުން ވެސް އެކި މައްސަލަތަކުގައި މީހުން މަރަން ހުކުމްކޮށްފައި ވިޔަސް އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.