Roadha Mihaaru
ޒަހަމްވި އެމްޕީއެލް މީހާގެ ފައި ބުރިކޮށްލަން ޖެހިއްޖެ

ކޮންޓެއިނަރުން ޖެހި ޒަހަމްވި މީހާގެ ފައި ބުރިކޮށްލަން ޖެހިއްޖެ

11 ސެޕްޓެމްބަރ 2017

މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް ބޯޓަކަށް ކޮންޓެއިނަރެއް އަރުވަނިކޮށް، އެއިން ޖެހި މިދިޔަ ހޯމަދުވަހު ޒަޚަމްވި މީހާގެ ކަނާތު ފައި ބުރިކޮށްލަން ޖެހިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް ބޯޓަކަށް ކޮންޓެއިނަރެއް އަރުވަނިކޮށް، އެއިން ޖެހި މިދިޔަ ހޯމަދުވަހު ޒަޚަމްވި މީހާގެ ކަނާތު ފައި ބުރިކޮށްލަން ޖެހިއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާގެ ފައި ބުރިކޮށްލުމުގެ އޮޕަރޭޝަން އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައި މިރޭ ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ތަފްސީލެއް އަދި ނުލިބެ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި އަނިޔާވި މީހާގެ ކަނާތު ފައި ވަނީ ވަރަށް ބޮޑަށް ޗިސްވެފަ އެވެ. އިތުރު ފަރުވާ އަށް އޭނާ އިންޑިއާ އަށް ފޮނުވާލީ، ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން މިދިޔަ ހުކުރު ދުވަހު އައިޖީއެމްއެޗުގައި 10 ގަޑިއިރުގެ ބޮޑު އޮޕަރޭޝަނެއް ކުރުމަށް ފަހު އެވެ.

އިންޑިއާ އަށް ފޮނުވާލިއިރު ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

ބޯޓަކަށް ކޮންޓެއިނާތަކެއް ބަރުކުރަން އުޅެނިކޮށް، އޭނާ އަށް އަނިޔާވީ ހުސް ކޮންޓެއިނަރެއް އެ ބޯޓުގެ ފަލްކާ ތެރޭގައި ބަހައްޓަން އުޅުމުގެ ތެރޭގައި ފައި ފިތިގެންނެވެ.

އެމްޕީއެލުން ބުނި ގޮތުގައި އެ މީހާ އަށް އަނިޔާވީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅައިގެން މަސައްކަތް ކުރަނިކޮށެވެ. ކާގޯ ބޯތަކުގައި ކޮންޓެއިނަރު ބަރުކުރުމާއި ކޮންޓެއިނަރު ބޭލުމަކީ ރިސްކު ބޮޑު ކަމެއް ކަމަށާއި އެފަދަ ހާދިސާއެއް މަދުން ނަމަވެސް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްޕީއެލުން ބުންޏެވެ. މީގެ ކުރިން، އެމްޕީއެލްގައި ހިނގި ހާދިސާއެއްގައި ކޮންޓެއިނަރުން ޖެހި ޒަޚަމްވި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި، އޭނާގެ ފައި ވަނީ ބުރިކޮށްލަން ޖެހިފަ އެވެ.