Roadha Mihaaru
އެމްޕީއެލްގައި ޒަހަމްވި މީހާ އަދިވެސް ސީރިއަސް

އެމްޕީއެލް އެކްސިޑެންޓް: ޒަހަމްވި މީހާ އަދިވެސް ސީރިއަސް

07 ފެބުރުއަރީ 2021

މިދިޔަ ހުކުރު ދުވަހުގެ ދަންވަރު މާލެ ވިޔަފާރި ބަނދަރުގައި ކްރޭނަކުން އުފުލި ކާޕެޓް ރޯލެއް ވެއްޓި އޭގެ ދަށުވި މީހާގެ ހާލަތަށް ބަދަލެއް ނާންނަ ކަމަށާއި އަދިވެސް ވަރަށް ސީރިއަސް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިދިޔަ ހުކުރު ދުވަހުގެ ދަންވަރު މާލެ ވިޔަފާރި ބަނދަރުގައި ކްރޭނަކުން އުފުލި ކާޕެޓް ރޯލެއް ވެއްޓި އޭގެ ދަށުވި މީހާގެ ހާލަތަށް ބަދަލެއް ނާންނަ ކަމަށާއި އަދިވެސް ވަރަށް ސީރިއަސް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ދަންވަރު 2:15 ހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ "މިނާ އިންވެސްޓްމެންޓް" ގައި މަސައްކަތްކުރާ 28 އަހަރުގެ މީހަކަށެވެ. ކްރޭނަކުން ދޯންޏަކަށް މުދާ އަރުވަނިކޮށް ވެއްޓުނު ކާޕެޓް ރޯލެއް ދަށުވި މީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފުރަތަމަ ފަރުވާދިނީ އޮޕަރޭޝަން ތިއޭޓަރުގަ އެވެ. ހަމަ އެ ރޭ އައިސީޔޫ އަށް ބަދަލުކޮށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ.

"އިތުރު ބަދަލެއް ނާދެ، އަދިވެސް ހަމަ ހާލު ކްރިޓިކަލް،" އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ހައްވާ އަފީފާ ވިދާޅުވި އެވެ.

އެމްޕީއެލް އިން މި އެކްސިޑެންޓުގެ ތަހުގީގު ފަށައި، ވަކި ގޮތެއް އަންގަންދެން މިހާރުވަނީ ޒަހަމްވި މީހާ މަސައްކަތްކުރި ގްރޫޕާއި އެ އޮޕަރޭޝަނުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ވެސް ސަސްޕެންޑްކޮށްފަ އެވެ.

މިދިޔަ މަހު ވެސް އެމްޕީއެލްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒަހަމްވި މީހަކު ވަނީ މަރުވެފަ އެވެ. ކޮންޓެއިނަރެއްގެ ތެރޭ ބިއްލޫރި ޕެލެޓެއް ފުރޮޅާލައި ތާށިވި މީހާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދޭތާ ނުވަ ދުވަސް ފަހުންނެވެ.