Roadha Mihaaru
އެމްޕީއެލް އެކްސިޑެންޓް: ބަޔަކު ސަސްޕެންޑްކޮށްފި

އެމްޕީއެލްގައި ހިނގި އެކްސިޑެންޓާ ގުޅިގެން "މިނާ އިންވެސްޓްމެންޓް" ސަސްޕެންޑްކޮށްފި

06 ފެބުރުއަރީ 2021

މާލޭގެ ވިޔަފާރި ބަނދަރުގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވުމުން، އޭނާ މަސައްކަތްކުރާ ކުންފުނި ސަސްޕެންޑް ކުރަން އެމްޕީއެލް އިން މިއަދު ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލޭގެ ވިޔަފާރި ބަނދަރުގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވުމުން، އޭނާ މަސައްކަތްކުރާ ކުންފުނި ސަސްޕެންޑް ކުރަން އެމްޕީއެލް އިން މިއަދު ނިންމައިފި އެވެ.

ރޭ ދަންވަރު 2:15 ހާ އިރު ހިނގި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ "މިނާ އިންވެސްޓްމެންޓް" ކްލިއަރެންސް ގްރޫޕުގައި މަސައްކަތްކުރާ 28 އަހަރުގެ މަޖޫރީއަކަށެވެ. ކްރޭނެއް ބޭނުންކޮށްގެން ދޯންޏަކަށް މުދާ އަރުވަނިކޮށް، ކާޕެޓް ރޯލެއް ވެއްޓުމުން އެ ޒުވާނާ އޭގެ ދަށުވެ، ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އޭނާ ވަގުތުން އައިޖީއެމްއެޗަށް ގެންދިއުމަށް ފަހު އޮޕަރޭޝަން ތިއެޓަރުގައި ފަރުވާ ދިނެވެ. އަދި އެ މީހާ މިހާރު ބާއްވާފައި އޮތީ އައިސީޔޫގަ އެވެ.

އެމްޕީއެލްގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމިޓީން މި މައްސަލަ ބަލަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ތަހުގީގާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމަން ދެން މިނާ އިންވެސްޓްމެންޓްގެ އިތުރުން، އެ އޮޕަރޭޝަންގައި ހަރަކާތްތެރިވި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑް ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

މާލޭ ވިޔަފާރި ބަނދަރުގައި ހިނގާ އޮޕަރޭޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

މިދިޔަ މަހު ވެސް އެމްޕީއެލްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ. ވެއްޓުނު ބިއްލޫރި ޕެލެޓްގައި ދަށުވި މީހާ، އެ އެކްސިޑެންޓް ހިނގިތާ ނުވަ ދުވަސް ފަހުން މަރުވީ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެނިކޮށެވެ.