Roadha Mihaaru
ފްލެޓް މައްސަލައިގައި މަޖިލިސް މެމްބަރުން މިނިސްޓްރީއަށް

ފްލެޓްގެ މައުލޫމާތު ހޯދަން މަޖިލިސް މެމްބަރުންނާއި ކައުންސިލަރުން ހައުސިން މިނިސްޓްރީ އަށް

17 ސެޕްޓެމްބަރ 2017

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ އިން ފްލެޓް ލިބުނު މީހުންގެ ނަން އާއްމު ނުކުރާތީ އެކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން، ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރުންނާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ހައުސިން މިނިސްޓްރީ އަށް މިއަދު ވަޑައިގެންފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ އިން ފްލެޓް ލިބުނު މީހުންގެ ނަން އާއްމު ނުކުރާތީ އެކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން، ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރުންނާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ހައުސިން މިނިސްޓްރީ އަށް މިއަދު ވަޑައިގެންފި އެވެ.

ފްލެޓް ދޫކުރި ގޮތާ ގުޅޭ ގޮތުން މައުލޫމާތު ސާފުކޮށް، ރައްޔިތުންގެ ޝަކުވާތަކަށް ޖަވާބު ހޯދުމަށް، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރުމަށް ވަޑައިގަތީ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމުގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް އަދި އެ ކައުންސިލްގެ އެހެން މެމްބަރުން ވެސް ވަޑައިގެންނެވި އެވެ.

ހައުސިން މިނިސްޓްރީގައި ހުންނަވައި މާރިޔާ ވިދާޅުވީ މަޖިލިސް މެމްބަރުންނާއި ކައުންސިލަރުން އެ ތަނަށް ވަޑައިގަތީ ރައްޔިތުންގެ މަންދޫބުންގެ ހައިސިއްޔަތުން، ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހިއްސާކުރުމަށް ކަމަށެވެ. އަދި ހުޅުމާލޭން ދޫކޮށްފައި މި ވަނީ ދައުލަތުގެ ފްލެޓްތަކެއް ކަމުން، އެކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފްލެޓާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މަޖިލިސް މެމްބަރުންނާއެކު ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ހައުސިން މިނިސްޓްރީގައި-- ފޮޓޯ/ އަހުމަދު މަހުލޫފް

ފްލެޓާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މަޖިލިސް މެމްބަރުންނާއެކު ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ހައުސިން މިނިސްޓްރީގައި-- ފޮޓޯ/ އަހުމަދު މަހުލޫފް

"އުއްމީދުކުރަން މިކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް މުއިއްޒު އަޅުގަނޑުމެންނާ ބައްދަލު ކުރައްވާނެ ކަމަށް،" މާރިޔާ ވިދާޅުވި އެވެ.

ފްލެޓްތައް ބަހާފައިވާ ގޮތާ މެދު ގިނަ ބަޔަކު ޝަކުވާ ކުރަމުން ދާއިރު، ފްލެޓް ލިބުނު މީހުންގެ މައުލޫމާތު އާންމުކޮށްފައި ނުވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ.

މައްސަލަ ހުށަހެޅި މީހުންގެ މައިގަނޑު ޝަކުވާ އަކީ ފްލެޓް ލިބުނު ގޮތުގެ ތަފްސީލު ލިބެން ނެތުމެވެ. އަދި ޕޮއިންޓް ދީފައިވާ ގޮތާއި ފްލެޓް ނުލިބުނު ސަަބަބު ސަރުކާރުން ސިއްރު ކޮށްފައިވާތީ ވެސް ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.

ފްލެޓް ލިބުނު މީހުންގެ މައުލޫމާތު ހާމަނުކުރީ ފްލެޓް ލިބުނު މީހުން ސިއްރުކުރަން ކަމަށް ބުނެ ވީހާ ވެސް ދެފުށް ފެންނަ ގޮތަކަށް އެކަން ކުރުމަށް ގިނަ ބަޔަކު ދަނީ ސަރުކާރާށް ގޮވައިލަމުންނެވެ. އެކަމަކު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލިސްޓުގައި ފޯމު ނަންބަރު އެކަނި ހިމެނީ ފްލެޓް ލިބޭ މީހުންނާއި ނުލިބޭ މީހުންގެ ވެސް ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ހުޅުމާލެ އިން ދޫކުރަން ހަމަޖައްސާފައިވާ މި ފްލެޓްތަކަށް ކުރިމަތިލާން 2014 ގައި ހުޅުވައިލުމުން ގާތްގަނޑަކަށް 15،000 މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން ފްލެޓް ކަށަވަރުވީ 661 މީހަކަށެވެ. އިއުލާނުގައިވާ ގޮތުން ކެޓަގަރީ އެކަކުން ފްލެޓް ދޭން ހަމަޖައްސާފައި ވަނީ 500 މީހުންނަށެވެ. އަދި ކެޓަގަރީ ދޭއްގެ ފްލެޓުތަކުން 161 މީހުންނަށެވެ.