Roadha Mihaaru
"ފާރިސްގެ ދައުވާ އިސްލާހުކުރީ މުއްދަތު ހަމަވި ފަހުން"

ފާރިސްގެ ދައުވާ އިސްލާހުކުރީ ގާނޫނުގައި ބުނާ މުއްދަތު ހަމަވި ފަހުން: ވަކީލު

17 ސެޕްޓެމްބަރ 2017

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ އަށް ދައުލަތުން ބަދަލު ގެނައީ، ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނާ މުއްދަތު ހަމަވި ފަހުން ކަމަށާއި އެހެންވެ، ގާނޫނުގައި ބުނާ ގޮތުގެ މަތިން ސައްހަ ދައުވާއެއް ފާރިސާ ދެކޮޅަށް މިހާރު ނެތް ކަމަށް ފާރިސްގެ ވަކީލުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ އަށް ދައުލަތުން ބަދަލު ގެނައީ، ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނާ މުއްދަތު ހަމަވި ފަހުން ކަމަށާއި އެހެންވެ، ގާނޫނުގައި ބުނާ ގޮތުގެ މަތިން ސައްހަ ދައުވާއެއް ފާރިސާ ދެކޮޅަށް މިހާރު ނެތް ކަމަށް ފާރިސްގެ ވަކީލުން ބުނެފި އެވެ.

މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ވަނިކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލައިގައި ދައުވާ ކުރި އިރު އެންމެ ފުރަތަމަ ދައުވާގައި އޮތީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ. އެކަމަކު ފަހުން ވަނީ ދައުވާ އިސްލާހުކޮށް، ރިޝްވަތު ހުށަހެޅުމުގެ ދައުވާ އަށް ބަދަލުކޮށްފަ އެވެ.

ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފަށް ފާރިސްގެ ވަކީލް މައުމޫން ހަމީދު މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގައި ފާރިސް ހައްޔަރުކޮށް، ބަންދުގައި ބަހައްޓާފައި ވަނިކޮށް އެ މައްސަލާގައި ފާރިސަށް ފުރަތަމަ ދައުވާކުރީ ރިޝްވަތު ހިފުމުގެ ކުށުގައި ކަމަށެވެ. ފަހުން އެ ދައުވާ އިސްލާހުކޮށް، ރިޝްވަތު ހުށަހެޅުމުގެ ކުށަށް ބަދަލު ކޮށްފައި ވިޔަސް އެކަން ކޮށްފައިވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގައި ބުނާ މުއްދަތު ހަމަވި ފަހުން ކަމަށް އެ ސިޓީގައިވެ އެވެ.

"އަޅުގަނޑުގެ މުވައްކިލުގެ މައްޗަށް ޖިނާއީ އިޖްރާއާތުގެ ގާނޫނާ އެއްގޮތަށް އުފުލާފައިވާ ސައްހަ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިހާރު ނެތް.." އެ ސިޓީގައި މައުމޫން ވިދާޅުވެފައިވެ އެވެ.

އެ ސިޓީގައި މައުމޫން އެދިވަޑައިގެންފައިވަނީ ފާރިސްގެ ބަންދު ނިމުމަކަށް ގެނެސް، ވަގުތުން އޭނާ މިނިވަންކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.

އެ ސިޓީ މައުމޫން ހަވާލާ ދެއްވާފައިވާ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާއަކީ ޖިިނާއީ މައްސަލަތަކުގައި ތަހުގީގު ނިންމައި، ދައުވާ އުފުލަންޖެހޭ މުއްދަތު ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާ ބުނާ ގޮތުން ބަންދު ކުރެވިފައިވާ މީހެއް ނަމަ އެ މީހެއްގެ ބަންދުގެ މުއްދަތު ފުރަތަމަ އިތުރުކުރާ ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި ދައުވާ އުފުލަންޖެހޭނެެ އެވެ.

އެހެން ނަމަވެސް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު މައްސަލައެއްގައި ކަމަށްވާ ނަމަ ތަހުގީގު ނިންމުމަށް އިތުރު 30 ދުވަހުގެ މުއްދަތެއް ޕްރޮސެކިއުޓާ ޖެނެރަލަށް ދެވިދާނެ ކަމަށް އެ މާއްދާގައިވެ އެވެ.

ފާރިސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން ނިންމާލާފައިވާ އިރު އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވާނެ އެވެ. އެ މައްސަލަ ހައި ކޯޓުން ބަލަމުން ގެންދިޔަ ބެންޗަށް ބަދަލު ގެނެސްފައިވާތީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނެ ފާރިސްގެ ވަކީލުން ވަނީ ސުޕްރީމް ކޯޓުގެ ސަމާލު ކަމަށް އެ ކަން ގެނެސްފަ އެވެ.