Roadha Mihaaru
ޝަރީއަތް މަޑުނުޖައްސަން ނިންމުމުން އިސްތިއުނާފަށް ދަނީ

ފާރިސްގެ ޝަރީއަތް މަޑުޖައްސާނުލަން ނިންމި ނިންމުން އިސްތިއުނާފް ކުރާނަން: ވަކީލުން

20 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ވަގުތީ ގޮތުން މަޑުޖައްސާލެވެން ނެތް ކަމަށް ނިންމި ނިންމުން އިސްތިއުނާފް ކުރާނެ ކަމަށް އޭނާގެ ވަކީލުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ވަގުތީ ގޮތުން މަޑުޖައްސާލެވެން ނެތް ކަމަށް ނިންމި ނިންމުން އިސްތިއުނާފް ކުރާނެ ކަމަށް އޭނާގެ ވަކީލުން މިއަދު ބުނެފި އެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ފާރިސް އަށް ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުނީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ހަދަންޖެހޭ ގަވާއިދެއް އަދި ނުހެދި އޮތުމުންނެވެ. އެކަމަކު ކްރިމިނަލް ކޯޓުން މިއަދު ނިންމީ ޝަރީއަތް މަޑުޖައްސާލެވެން ނެތް ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްްޔޫމްގެ ދަރިކަލުން ފާރިސްގެ ވަކީލުން މިކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޓީމުގައި ހިމެނޭ މައުމޫން ހަމީދު ވިދާޅުވީ ފާރިސްގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާ މެދު ކޯޓުން ނިންމި ނިންމުންތައް އިސްތިއުނާފް ކުރަން ބޭނުުންވާ އެންމެ ބޮޑު ސަބަބަކީ ގަވާއިދު ނެތީސް ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާތީ ކަމަށެވެ. ކޯޓުގެ އެ ނިންމުން ލިޔުމުން ހޯދަން އެދިވަޑައިގެންފައިވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

"ގާނޫނުން އެކަން ވަކި ގޮތަކަށް އިންތިޒާމް ކޮށްފައި ހުރީމަ، އެހެންވީމަ އަޅުގަނޑުމެން އަދިވެސް މަތީ މަރުހަލާގެ ކޯޓަކަށް ހުށަހަޅައިގެން އެ އަށް ގޮތެއް ނިންމުމުގެ މަސައްކަތް ކުރިއަށް ގެންދަން ބޭނުން ލަސްނުކޮށް،" އޭނާ ވިދާޅުވި އެވެ.

ޝަރީއަތް މަޑުޖައްސާލުމުގެ އިތުރުން އެހެން ފަސް ކަމެއް ވެސް ފާރިސްގެ ފަރާތުން ހުށަހެޅި އެވެ. އެ ހުށަހެޅުންތަކާ މެދު ކޯޓުން މިއަދު ނިންމި ނިންމުން ވެސް އިސްތިއުނާފް ކުރާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން ދެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހަޅަން ޖެހޭއިރު، ދައުލަތުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނެތެވެ. އެއްވެސް ހުށަހެޅުމެއް ދައުލަތުން ހުށަހަޅާފައި ނެތުމަކީ އެއްވެސް ހެކިވެރިއެއްގެ ހެކިބަސް ސިއްރުން ނަގަން ދައުލަތުން ބޭނުންނުވީ ކަމަށާއި އެހެންވެ އެ މައްސަލާގައި ފާރިސްއާ ދެކޮޅަށް ސިއްރުން ދެން ހެކިބަސް ނުދެވޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެފަދަ ގޮތަކަށް ހެކިބަސް ނެގުމަށްޓަކައި ހުށަހެޅުމެއް ހުށަހަޅުއްވަން ޖެހޭނެ. އެ ހުށަހެޅުން ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅުއްވާފައެއް ނުވޭ. އެހެންވީމަ އެ ހުށަހެޅުން ނެތް ތަނުގައި އެގޮތަށް ސިއްރުން ހެކިބަސް ނެގޭނެ ކަމަކަށް ކޯޓަކަށް ކަނޑައެއް ނޭޅުއްވޭނެ. ދެން ބައްލަވަން ޖެހޭނީ ހެކިބަސް ދޭން ތިބި ކޮންމެ މީހަކީ ހާމަކަން މަތީ ހެކިބަސް އަދާ ކުރައްވަންޖެހޭނެ ބޭފުޅުން ކަން،" މައުމޫން ވިދާޅުވި އެވެ

ދައުލަތުން މަސައްކަތް ކުރަނީ ފާރިސްއާ ދެކޮޅަށް ހުރި ހެކިތައް އެކަނި ހާމަކުރަން ކަމަށާއި ކަން ހިނގާފައިވާ ގޮތް ހޯދަން ދައުލަތުން މަސައްކަތް ކޮށްފައި ނުވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

ފާރިސްގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާ މެދު ގޮތެއް ނިންމާފައިވާތީ، ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމާ ދެމެދު ދޭންޖެހޭ 30 ދުވަހުގެ މުއްދަތު ދިނުމަށް ފަހު، އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފަށާނީ އަންނަ އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހު އެވެ. އެކަމަކު އޭގެ ކުރިން އިބްތިދާއީ އިތުރު އަޑުއެހުމެއް ބާއްވަން ޖެހިއްޖެ ނަމަ ބާއްވާނެ ކަމަށް ގާޒީ ވަނީ އިއުލާން ކުރައްވައިފަ އެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުންތައް ކުރިއަށް ދާއިރު މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ފާރިސްގެ މައްޗަށް މިހާރު ވަނީ އިތުރު ދައުވާއެއް މިއަދު އުފުލައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.