Roadha Mihaaru
މަޖިލިސް ހަތަރު މެމްބަރަކު ޝަހުސް އޮޅުވާލި: މައުމޫން

މަޖިލީހުގެ ހަތަރު މެމްބަރަކު ވަނީ ޝަހުސް އޮޅުވާލާފައި: މައުމޫން ހަމީދު

02 ނޮވެމްބަރ 2017

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސްގެ މައްޗަށް ޝަހުސް އޮޅުވާލުމުގެ ދައުވާ ކުރާއިރު އެއަށް ވުރެ ބޮޑަށް ޝަހުސް އޮޅުވާލާފައިވާ ހަތަރު މެމްބަރަކު ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް އެބަތިއްބެވި ކަމަށް ފާރިސްގެ ވަކީލު މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސްގެ މައްޗަށް ޝަހުސް އޮޅުވާލުމުގެ ދައުވާ ކުރާއިރު އެއަށް ވުރެ ބޮޑަށް ޝަހުސް އޮޅުވާލާފައިވާ ހަތަރު މެމްބަރަކު ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް އެބަތިއްބެވި ކަމަށް ފާރިސްގެ ވަކީލު މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފާރިސް އަށް އުފުލާފައިވާ ދައުވާއާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫން ވިދާޅުވީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވައިދާ ހިލާފަށް ބޭނުން ކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ ކުރާއިރު، ސަރުކާރަށް ނިސްބަތްވާ ހަތަރު މެމްބަރަކު އެއަށް ވުރެ ބޮޑަށް ޝަހުސު އޮޅުވާލާފައިވާ ކަމަށެވެ. އެކަމަކު އެކަން ކުށެއްގެ ގޮތުގައި ނުބަލާ ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުންފާޅުކުރެއްވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު އެމްޑީޕީން ވަކިކުރިތާ ދެ އަހަރާއި ހަތް މަސްވިއިރު ވެސް މަޖިލީހުގައި އޭނާ ހުންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގަ އެވެ. އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގާއި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ނަމަވެސް، ކެމްޕޭނު ކުރައްވައި، މީހުންގެ ހިތްތަކަށް ތަސައްވުރު ކުރުވާފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓުންގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީއަތަކަށް ފާރިސް މާލެ ގެންނެވުމަށް ފަހު އަނބުރާ ޖަލަށް ގެންދަވަނީ-- މިހާރު ފޮޓޯ

ޝަރީއަތަކަށް ފާރިސް މާލެ ގެންނެވުމަށް ފަހު އަނބުރާ ޖަލަށް ގެންދަވަނީ-- މިހާރު ފޮޓޯ

އޭގެ އިތުރުން ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު އިންތިހާބުވެވަޑައިގަތީ ޕީޕީއެމް ކެންޑިޑޭޓެއްގެ ގޮތުގައި ނަމަވެސް އޭނާ ޕީޕީއެމްގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވަނީ އޭގެ ތިން އަހަރު ފަހުން މިދިޔަ އަހަރުގެ ޖުލައި މަހުގައި ކަމަށް މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފާރިސް ޝަހުސު އޮޅުވާލި ނަމަ އެ މެމްބަރުން މާބޮޑަށް އެކަން ކުރެއްވި ކަމަށާއި އެކަމަކު އޭގެ ތަހުގީގެއް ހިންގައި، ދައުވާ ނުކުރާ ކަމަށެވެ.

"މިއިން މި އެނގޭ އެއްޗަކީ ފާރިސްގެ މައްޗަށް ދައުވާ މި ކުރަނީ އަނެއްކާ ވެސް އުފައްދައިގެން އުޅޭ މައްސަލައެއްގައޭ. ޖިނާއީ ކުށަކަށް ނުވާ އަމަލުތަކެއްގެ ވާހަކަ ދައްކައި، އޭގެ އަމަލެއް ކަމަށް ދައްކާ ދައުވާ މި ކުރަނީ،" ފާރިސްގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާ ދޮގު ކުރައްވާކަން ފާހަގަ ކުރައްވައި މައުމޫން ވިދާޅުވި އެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށް ފަހުން ކެންސަލް ކުރިއިރު، އެ ދައުވާގައި ފާރިސްގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި 47 މީހަކާއި 27 ލިޔުމެއް އިއްޔެ ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

މައުމޫން ވިދާޅުވި ގޮތުގައި އެ ހެކިން ބަހާލާފައިވަނީ އަށް ބަޔަކަށެވެ. އެއީ އެ މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކުރި ފުލުހުންނާއި ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ މެމްބަރުންނާއި ޕީޕީއެމްގެ ކައުންސިލް މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާއި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި ފާރިސް ދެއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރިވި މީހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އަދި އެޓާނީ ޖެނެރަލް އެވެ.

މި ހެކިން ޝަރީއަތަށް ހާޒިރުކޮށްގެން ސާބިތުކޮށްދޭން ބޭނުންވާ ކަންތައްތަކުގެ ގޮތުގައި 12 ކަމެއް އޭނާ ފާހަގަ ކުރެއްވި އެވެ. އޭގެ ތެރޭން އެންމެ މުހިއްމުކަމެއްގެ ގޮތުގައި މައުމޫން ފާހަގަކުރެއްވީ ފާރިސް ޕީޕީއެމުން ވަކި ކުރީ ގާނޫނާ ގަވައިދާ އެއްގޮތަށް ނޫން ކަމެވެ.

އޭނާ ވިދާޅުވީ ސްލޫކީ ކޮމެޓީން ފާރިސްގެ މައްސަލަ ބެލީ، ސައްހަ އިޖުރާއަތަކުން ނޫން ކަމަށާއި އެހެންވެ، އެ ކޮމެޓީގެ ނިންމުން ސައްހަ ނުވާނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ފާރިސް ވަކިކުރީ ޕީޕީއެމް ކައުންސިލްގެ 20 މެމްބަރުންގެ ޝަކުވާއާ ގުޅިގެން ކަމަށް ބުނި ނަމަވެސް، އެ މެމްބަރުން ޝަކުވާ ހުށަހަޅައިގެން މެމްބަރުކަމުން ވަކިނުވާނެ ކަމަށާއި އީސީއަށް އެ ބާރު ލިބިފައި ނުވާކަން ކޯޓުގައި ސާބިތު ކޮށްދެއްވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

އޭގެ އިތުރުން ޕީޕީއެމްގެ ދިދަ އާއި ލޯގޯ އަދި އެ ޕާޓީ ތަމްސީލު ކުރުމަށް މުޝްތަޝާރުގެ ހުއްދައެއް ބޭނުން ނުވާނެ ކަމަށާއި ދައުވާ ބިނާކޮށްފައިވަނީ ވެސް ސައްހަ ނޫން ޝަކުވާއެއްގެ މައްޗަށް ފުލުހުން ހިންގާފައިވާ ޖިނާއީ ތަހުގީގަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފާރިސްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ތާވަލު ކުރި ނަމަވެސް ފަހު ވަގުތު އެ އަޑުއެހުން ކެންސަލް ކުރީ، ސިއްރު ދެ ހެކިންގެ ތެރެއިން މީހަކު ބަލިވެގެން ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ. އެ ހުކުމް އަޔަސް މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.