Roadha Mihaaru
ތިން މެމްބަރަކު ހައްޔަރުކުރަން އުޅޭކަމަށް ތުހުމަތުކޮށްފި

އިދިކޮޅު ތިން މެމްބަރަކު ހައްޔަރުކުރަން އުޅޭ ކަމަށް ތުހުމަތުކޮށްފި

24 ސެޕްޓެމްބަރ 2017

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް އަދި ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފްގެ މައްޗަށް މާރާމާރީގެ ތުހުމަތުކޮށް ހައްޔަރުކުރަން އުޅޭ ކަމަށް އެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް އަދި ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފްގެ މައްޗަށް މާރާމާރީގެ ތުހުމަތުކޮށް ހައްޔަރުކުރަން އުޅޭ ކަމަށް އެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިދާރާ ކައިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހްލޫފް ވިދާޅުވީ މަޖިލީހުގެ ޗެމްބަރަށް ވަން އެމްއެންޑީއެފްގެ ބައެއް އޮފިސަރުން ގައިގައި ޖަހައި، މާރާމާރީ ހިންގި ކަމަށް ބުނެ، މިލިޓަރީ ޕޮލިހުން ބޭނުންކޮށްގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޖުލައި 31 އިން ފެށިގެން، އަބްދުﷲ މަސީހު ރިޔާސަތުގައި އިންނަވައިގެން ޖަލްސާތައް ކުރިއަށް ގެންދިޔައީ ސިފައިންގެ އެހީތެރިކަމާ އެކުގަ އެވެ. އަދި އިދިކޮޅު މެމްބަރުންނާއި ސިފައިންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ވެސް ހިނގި އެވެ.

ސިފައިންގެ ފުރިހަމަ ހިމާޔަތުގައި މަސީހު ޖަލްސާއެއް ކުރިއަށް ގެންދަވަނީ.

ސިފައިންގެ ފުރިހަމަ ހިމާޔަތުގައި މަސީހު ޖަލްސާއެއް ކުރިއަށް ގެންދަވަނީ.

މަހުލޫފް ވިދާޅުވި ގޮތުގައި ޕޮލިހުން މަސައްކަތް ކުރަނީ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހު ފެށުމުގެ ކުރިން ތިން މެމްބަރުން ހައްޔަރުކުރާށެވެ. އަދި ޖަލްސާއަށް ވަން އެމްއެންޑީއެފްގެ އޮފިސަރުންނަށް މަޖުބޫރުކޮށްގެން ބަޔާން ނަގަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެމްބަރުން މާރާމާރީ ހިންގެވި ކަމަށް އެމްއެންޑީއެފްގެ އެއްވެސް މީހަކު ބުނެފައެއް ނުވެ އެވެ. އަދި އެފަދަ ކަމެއް ނުހިނގާ ކަމާއި އިދިކޮޅު މެމްބަރަކު ސިފައިންގެ އޮފިސަރެއްގެ ގައިގައި ޖަހާފައި ނުވާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާތައް ނުފެށެނީސް، ސިފައިން މަޖިލީހުގެ ޗެމްބަރަށް ވަނުމަކީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކުރެއްވި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް. ގަދަބާރުން، ބަޔަކު ލައްވާ ދޮގު ހެކިތަކެއް ހޯދައިގެން ބަޔާންތަކެއް ހޯދައިގެން ބިރު ގަންނަވައިގެން ވަޒީފާ އިން ވަކިކުރާނެ ކަމަށް ބުނެ ހިންގާ ބޮޑު ޖަރީމާ ވަގުތުން ހުއްޓާލުމަށް ގޮވާލަން،" މަހްލޫފް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ކޮންމެ ކަހަލަ ތަހުގީގެއް ހިންގައި އަދަބު ދިޔަސް، ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓުމަކަށް ނާންނާނެ ކަމަށެވެ. އަދި ޖަލަށް ލައި، ގޮނޑި ގެއްލުވާލި ނަމަވެސް، އެކަމާ ޖެހިލުންވެވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ކުރާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނަން. އެ މަސައްކަތަކީ މެދު ހެންވޭރުގެ ރައްޔިތުން އަޅުގަނޑު އަނބުރާ ގެންނާނެ މަސައްކަތްތަކެއް ކަމަށް ގަބޫލުކުރާތީވެ، ގޮނޑި ގެއްލުވާލައި ޖަލަށްލި ނަމަވެސް، މި މަސައްކަތުގައި ދެމިހުންނާނަން،" އާޒިމް ވިދާޅުވި އެވެ.

އަރީފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ވަޑައިގެންނެވި ފަހުން، ރައްޔިތުންނާއި ދުނިޔޭގެ ކުރިމަތީގައި ފުލުހުންނާއި ސިފައިންގެ މުއައްސަސާގެ އަގު ވެއްޓި ވެއްޔާއި މޮޑެވިގެންދާ މަންޒަރު ފެންނަ ކަމަށެވެ.

ފުލުހުންނާއި ސިފައިންނަކީ ކޮރަޕްޓް ބައެއް ކަމަށް ވިދާޅުވެ، ދެ މުއައްސަސާގެ އަގު ވައްޓާލީ ރައީސް ޔާމީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، ތާއީދެއް ނެތް ބޭފުޅެއްގެ ބޭނުންތައް ފުއްދުމަށް ދެ މުއައްސަސާގެ މީހުން މަސައްކަތް ނުކުރުމަށް އޭނާ ގޮވާލެއްވި އެވެ.