Roadha Mihaaru
އަންނަ އަހަރު 8،000 ފްލެޓް އަޅަން ފަށާނެ: ރައީސް

އަންނަ އަހަރު 8،000 ފްލެޓް އަޅަން ފަށާނެ: ރައީސް

24 ސެޕްޓެމްބަރ 2017

ރައްޔިތުންނަށް ވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ ވައުދު ހަގީގަތަކަށް ހައްދަވައި ދެއްވަން އަންނަ އަހަރު 8،000 ފުލެޓު އަޅަން ފަށާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައްޔިތުންނަށް ވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ ވައުދު ހަގީގަތަކަށް ހައްދަވައި ދެއްވަން އަންނަ އަހަރު 8،000 ފުލެޓު އަޅަން ފަށާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އެއްހާސް ފޮޓޯގްރާފަރުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުގެ ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ވަޒީފާގެ ފުރުސަތު ތަކާއެކު ގެދޮރަށް ދައްކަން ޖެހޭ ފައިސާ ވެސް ދެއްކޭ ގޮތަށް ވަޒީފާތައް ފަހިކޮށްދީ ބޯހިޔާވަހިކަން ހޯދައި ދިނުން ކަމަށެވެ.

"ފަހަރުގައި އަޅުގަނޑުމެން ބޭނުންވާ ބާރު މިނުގައި ފުލެޓްތައް އެޅިގެން ނުގޮސްފާނެ، އެކަމަކު މި އަހަރުު ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށިގެން އެދަނީ 7،000 ފުލެޓުގެ، އަންނަ އަހަރު ފެށިގެން މިދަނީ އިތުރު 8،000 ފްލެޓުގެ މަސައްކަތް،" ރައީސް ވިދާޅުވިއެވެ.

މިސަރުކާރުން މަސައްކަތް ކުރަނީ މި ދައުރުގެ ތެރޭގައި މަދުވެގެން 15،000 ހައުސިން ޔުނިޓް އެޅުން ކަމަށް ވިދާޅުވާ ވިދާޅުވުން މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ. އެ ފްލެޓްތައް އަޅަނީ ދައުލަތުގެ ބަޖެޓުން ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ހުރިހާ ކަމެއް ހުއްޓާލާފައި ގެދޮރުވެރި ކުރުމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، އެއީ އެކަން ކުރަން ކުރިމަތިލައި ނާކާމިޔާބުވެފައި ތިބި ބައެއް ކަމަށެވެ.

އަންނަ އަހަރު ގިނަ އަދަދެއްގެ ފްލެޓް އަޅަން ފަށާނެ ކަމަށް ރައީސް ވިދާޅުވެފައި މިވަނީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ފްލެޓް ދިން ގޮތާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހިގެން ޝަކުވާ ކުރަމުން ދަނިކޮށެވެ. ފްލެޓަށް އެދި 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލިއިރު އޭގެ ތެރެއިން ފްލެޓް ލިބުނު 661 މީހުންގެ ލިސްޓު އާއްމުކޮށްފައި ވަނީ ފޯމު ނަމްބަރާ އެކުގަ އެވެ. އެ މީހުންނަށް ފްލެޓް ލިބުނީ ކިތައް ޕޮއިންޓުން ކަން ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާފައިވާ މައްސަލަ ވަނީ ހޫނުވެފަ އެވެ.