Roadha Mihaaru
ރޮޒައިނާ: މާލެއާ އެއްވަރަށް އަގުތައް ކުޑަކުރޭ!

ރޮޒައިނާ: އަސާސީ ހިދުމަތްތަކުގެ އަގު މާލެއަށް ވުރެ ރަށްރަށުގައި މާ ބޮޑު، ކުޑަކުރޭ!

25 ސެޕްޓެމްބަރ 2017

ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތަކުގެ އަގު މާލެއަށް ވުރެ، ރަށްރަށުގައި ބޮޑުކޮށްފައިވާތީ އެ އަގުތައް ކުޑަކުރަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތަކުގެ އަގު މާލެއަށް ވުރެ، ރަށްރަށުގައި ބޮޑުކޮށްފައިވާތީ އެ އަގުތައް ކުޑަކުރަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ގޮވާލައްވައިފި އެވެ.

އައްޑޫގައި މާލެއަށް ވުރެ، ތިން ގުނަ އަގުބޮޑުކޮށް ފެނަށް ޗާޖް ކުރާ ކަމަށް ބުނެ، ރޮޒެއިނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އައްޑުއަށް ނަރުދަމާގެ ހިދުމަތް ނުދެވި އޮއްވާ ފެން ޓަނަކަށް 65 ރުފިޔާގެ ރޭޓުން އެންމެ ދަށް ބޭންޑްގައި ޗާޖު ކުރަން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ މާލޭގައި ފެނުގެ ހިދުމަތް ފޯރުކޮށްދޭ އަގަށް ވުރެ ގިނަ ގުނަ ބޮޑު އަދަދެކެވެ.

"މިކަމުގެ ޝަކުވާ އައްޑޫ ރައްޔިތުން ކުރަން ފެށުމުން ފެނަކަ އިން މައުލޫމާތު ދީފައިވަނީ މި އަގަކީ މާލެ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވެސް މި ހިދުމަތް ދެމުންދާ އަގު ކަމަށެވެ،" ރޮޒެއިނާގެ ބަޔާނުގައިވެ އެވެ.

ރައްޔިތުން ސަރުކާރަށް ޓެކްސްތައް ދައްކަމުން އަންނަނީ އެއް މިންގަނޑަކުން ކަމަށް ވިޔަސް މާލެ ފިޔަވައި އެހެން ރަށްރަށުގައި މާލެއަށް ވުރެ މުދަލާއި ހިދުމަތުގެ އަގު ބޮޑުވުމުން ޖީއެސްޓީގެ ގޮތުގައި ދައްކާ ފައިސާ ވެސް ނިސްބަތް ވެސް މަތި ކަމަށް އޭނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ އަސާސީ ހިދުމަތެއްގެ އަގު މާލެއަށް ވުރެ ބޮޑުކޮށް އެހެން ރަށްރަށުގެ ރައްޔިތުންގެ އަތުން ނެގުމަކީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށެވެ. އެއީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހަމަހަމަކަން ގެއްލޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮޑިޓަ ޖެނެރަލް އޮފީހުން ދާދި ފަހުން ނެރުނު ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުގައި ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގި ކަމަށް ވިދާޅުވެ، އެ ކުންފުންޏަށް ވެސް ރޮޒައިނާ ފާޑުވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮރަޕްޝަން ހިންގަން ފައިސާ ހޯދަން ނިކަމެތި ރައްޔިތުން އަތުން ފެނާއި ކަރަންޓުން ބޮޑު އަގު ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ގޮވާލެއްވީ ފެނަކަ އިން ދޭ ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގު މާލެއާ އެއްވަރަށް މިހާރުން މިހާރަށް ކުޑަކޮށް ދިނުމަށެވެ.