Roadha Mihaaru
ފެނަކައިގެ ކޮރަޕްޝަން ކޮމިޓީން ނުބަލަން ނިންމައިފި

ފެނަކައިގެ ކޮރަޕްޝަން އިތުރަށް ނުބަލަން އެސްއޯއީ ކޮމިޓީން ނިންމައިފި

28 ޖޫން 2021

ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަނާ ގުޅޭ މައްސަލަ އެސްއޯއީ ކޮމިޓީން އިތުރަށް ނުބަލަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަނާ ގުޅޭ މައްސަލަ އެސްއޯއީ ކޮމިޓީން އިތުރަށް ނުބަލަން ނިންމައިފި އެވެ.

އެސްއޯއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ ނައިބު މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ، އޭސީސީން ބަލަމުންދާ ފެނަކައިގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އިސްލާހު ކުރަން އެންގި ކަންކަން ތަންފީޒުކުރަމުން އަންނަ ކަމަށް ބުނެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ވަކި ކުންފުންޏެއްގެ މައްސަލަ ބެލުމުގެ ބަދަލުގައި އެސްއޯއީތަކުގައި ހިމެނޭ ހުރިހާ ކުންފުނިތަކުން ޕްރޮކިއުމެންޓް ރިކުއާމަންޓްތައް ފުރިހަމަ ކުރަނީ ކިހާވަރަކަށްތޯ ބެލުން މާ މުހިއްމު ކަމަށެވެ.

"ވަކިން ފެނަކަ އިން އަޅުގަނޑަކަށް ނުފެނޭ އިތުރަށް މި މައްސަލަ ބަލަން ޖެހޭ ކަމަކަށް. ފެނަކައިން އެހުރީ ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީގެ ރިކޮމެންޑޭޝަނަށް ފިޔަވަޅުތައް އަޅާފައި،" އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ އެހެން މެންބަރުން ވެސް ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ. އެހެން ކަމުން ފެނަކައިގެ މައްސަލައިގެ އިތުރު ރިޕޯޓެއް ހަދާ މަޖިލީހުގެ ފްލޯ އަށް އެ މައްސަލަ ނުގެންދަން ކޮމިޓީން ނިންމި އެވެ.

އޭސީސީން ވަނީ ފެނަކައިގައި ކޮރަޕްޝަން ހިނގަމުންދާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެ ކޮމިޝަނުން މިދިޔަ އޭޕްރީލް މަހު ވަނީ ފެނަކައާ ގުޅޭ 22 މައްސަލައެއް ތަހުގީގުކޮށްފަ އެވެ.

އެކަމާ ގުޅިގެން، ރައީސް ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ހިންގާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް 13 ކަމެއް އިސްލާހުކުރަން ފެނަކައަށް އަންގައިފަ އެވެ. އިސްލާހުކުރަން އެދިފައިވާ ކަންކަމުގެ ތެރޭ އާއްމުކޮށް ބޭނުންވާ ތަކެތި އަދި ކޮންމެހެން ހުންނަންޖެހޭނެ ތަކެތީގެ މިނިމަމް ސްޓޮކެއް ކުންފުނީގެ ބޯޑުން ކޮންމެ ހަ މަހަކުން ބަދަލު ގެންނަ ގޮތަށް ކަނޑައަޅާފައި ބޭއްވުމަށާއި ކުންފުނީގެ މިނިމަމް ސްޓޮކް މެއިންޓެއިން ކުރަން މެނޭޖްމަންޓަށް އަންގައި މިނިމަމް ސްޓޮކް މެއިންޓެއިން ކުރާކަން ބޯޑުން މޮނިޓާ ކުރުން ހިމެނެ އެވެ.

ފެނަކައިގެ ކޮރަޕްޝަނާ ގުޅިގެން ދާދި ފަހުން ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މަގާމުން ބަދަލުކުރަން އުޅޭ އަޑުތައް ފެތުރިފަ އެވެ.