Roadha Mihaaru
އަބްދުއްރަހީމް ޖަލަށް ލި ސަބަބެއް ނޭނގޭ: މައުމޫން

އަބްދުއްރަހީމް ޖަލަށް ލި ސަބަބެއް ނޭނގޭ: މައުމޫން

28 ސެޕްޓެމްބަރ 2017

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ބަންދުކޮށް އަދި ދިގު މުއްދަތަކަށް އަރުވާލި ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ބަންދުކޮށް އަދި ދިގު މުއްދަތަކަށް އަރުވާލި ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ މައުމޫނަށް ނުސީދާކޮށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން މައުމޫންގެ ވެރިކަމުގައި "ހައްގަކާ ނުލައި" އެތައް ދުވަހެއް ވަންދެން ބަންދުކޮށް، 12 އަހަރަށް އަރުވާލި ކަމަށް ވިދާޅުވި އެވެ. އަދި އެއީ ކޮން ކުށެއް އޮވެގެންތޯ ސުވާލު އުފެއްދެވި އެވެ.

އަބްދުއްރަހީމްގެ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން މައުމޫން ވިދާޅުވީ އޭރު ކަންކަން އޮންނަނީ "މިހާރުހެން ނޫން" ކަމަށެވެ. ޝަރީއަތްތައް ކުރިއަށް ދާ ގޮތް ނުވަސް ބަައްލަވާ ކަމަށާއި "ޝަރީއަތާ ބެހުމެއް ނޯންނާނެ" ކަމަށް ވެސް ވިދާޅުވި އެވެ.

"ވައްކަމެއް ކޮށްފިއްޔާ ފުލުސް އޮފީހަށް ގެންގޮސްގެން ތަހުގީގުކޮށް ހުކުމެއް ކޮށްގެން އެކަން ކުރިއަށް ދަނީ،" މައުމޫން ވިދާޅުވި އެވެ.

އެކަމަކު އެމަނިކުފާނު ވިދާޅުވީ އަބްދުއްރަހީމް އަރުވާލީ ސީދާ ކޮން ސަބަބަކާ ހެދިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ކުރިންސުރެ އަޑު ފެތުރިފައި އޮތް ގޮތުން ނަމަ އަަބްދުއްރަހީމް އަރުވާލީ ހިޔާނާތުގެ މައްސަލައެއް ސާބިތުވެގެންނެވެ. އެކަމަކު އޭނާ ރޭ ވިދާޅުވީ އެ އަދަބު ލިބިވަޑައިގަތީ ސަރުކާރުގެ ބޮޑު މީހަކަށް އޭނާގެ "އަންހެނުންނާ ނުބެހެވިގެން" ކަމަށެވެ.

އަބްދުއްރަހީމަކީ އޭރު ލ. ފޮނަދޫ ރައްޔިތުން ނޫން ބަޔަކަށް އެނގޭ ނަމަކަށް ނުވެ އެވެ. އޭނާ އާންމުންގެ ތެރެއަށް މަޝްހޫރުވީ 2009 ގައި ފޮނަދޫ ގޮނޑި އަށް އިންތިހާބުވެވަޑައިގަތް ފަަހުންނެވެ.

ޑީއާރުޕީން ފެށިގެން ވަރަށް ފަހަކާ ޖެހެންދެން އަބްދުއްރަހީމް ހިމެނިވަޑައިގަތީ ރައީސް މައުމޫންގެ އަރިސް ބޭފުޅުންގެ ތެރޭގަ އެވެ. އެދުވަސްވަރު މައުމޫންގެ ދިފާއުގައި އޭނާ ވިދާޅުވެފައި ވަނީ މައުމޫނަށް ފާޑުވިދާޅުވާން މަޖިލިހުގެ މެމްބަރުން ލަދުގަންނަން ޖެހޭނެ ކަމަށެވެ.

އެކަމަކު ޕީޕީއެމް ދެ ބައިވެ، ރައީސް އަބްދުﷲ ޔާމީންގެ ފަޅިއަށް އެރުއްވި ފަހުން ދޭތެރެދޭތެރެ އިން އަބްދުއްރަހީމް ގެންދަވަނީ މައުމޫނަށް ފާޑުވިދާޅުވަމުންނެވެ.