Roadha Mihaaru
އަދުރޭއާ އެކު 24 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

އިދިކޮޅު މުޒާހަރާ އިން އަދުރޭއާ އެކު 24 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

12 މާޗް 2021

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި މުޒާހަރާއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ އެކު 24 މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި މުޒާހަރާއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ އެކު 24 މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ޕީޕީއެމް އާއި ޕީއެންސީން މާލޭގައި ކޮންމެ ހުކުރު ދުވަހު މުޒާހަރާ ކުރާއިރު މިއަދުގެ މުޒާހަރާ ހުއްޓުވުމަށް ވެސް ގިނަ އަދަދެއްގެ ފުލުހުން ނުކުތެވެ. ފުލުހުން ވަނީ ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަހައްދުގެ ހުރިހާ މަގުތަކެއް މުޒާހަރާ ފެށުމުގެ ކުރިން ބަންދުކޮށްފަ އެވެ. އަދި މުޒާހަރާއަށް މީހުން އެއްވިޔަ ނުދޭން މަސައްކަތްކުރި އެވެ.

ނަމަވެސް އެހެން ދުވަސްތަކެކޭ އެއްގޮތަށް ޕީޕީއެމްގެ ސަޕޯޓަރުން މަގުމައްޗަށް ނުކުމެ މަޖީދީމަގާއި އެހެން ބައެއް މަގުތަކުގައި ވަނީ މުޒާހަރާކޮށްފަ އެވެ.

މީގެ ކުރިން މުޒާހަރާތަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ވެސް ވަނީ، އެޗްޕީއޭގެ ގައިޑްނަލައިނާ ހިލާފްވެފައި ވާތީ ޖޫރިމަނާކޮށް ދޫކޮށްލައިފަ އެވެ.

އިދިކޮޅު ފަރާތްތަކުން "މަގޭ ފްލެޓް ކޮބާ" ގެ ނަމުގައި ކުރިޔަށް ގެންދާ މުޒާހަރާއަށް ފުލުހުން ހުރަސް އަޅާތީ އިންތިހާބަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ ޕީޕީއެމް އިން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފަ އެވެ. އެ ޕާޓީން ބުނީ މުޒާހަރާ ހުއްޓުވަން ޕާޓީގެ އޮފީސް ބަންދުކޮށް އެތަނަށް މުވައްޒަފުންނަށް ވެސް ނުވަދެވޭ ގޮތަށް ފުލުހުން ހުރަސްއަޅާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވެފައިވާއިރު އެޗްޕީއޭއިން ވަނީ އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން އާންމު ތަންތަނުގައި އެއްވެ އުޅުން މަނާކޮށްފަ އެވެ.