Roadha Mihaaru
ނާދިރާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ނާދިރާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

18 ފެބުރުއަރީ 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފެކްޝަނުގައި މަސައްކަތްކުރައްވާ އައިމިނަތު ނާދިރާ މިރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފެކްޝަނުގައި މަސައްކަތްކުރައްވާ އައިމިނަތު ނާދިރާ މިރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ރައީސް މައުމޫންގެ ފަރާތްޕުޅުން އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ނާދިރާ ފުލުހަށް ހާޒިރުވުމަށް އަންގާފައި އޮތީ މިރޭ 9:30 އަށް، ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ.

އިދިކޮޅު ފަރާތްތަކުން މި މަހުގެ ތިން ވަނަ ރޭ ކުރި މުޒާހަރާއެއްގެ ތެރެއިން، އަންހެން ފުލުހެއްގެ ގައިގައި ޖެހި ކަމަށް ބުނެ ވެސް ނާދިރާ ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު މުއްދަތު ޖަހަން ކޯޓަށް ގެންދިޔުމުން، އޭގެ އަނެއް ދުވަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

މާފުށީ ޖަލު ކުރިމަތީގައި މުޒާހަރާކުރި މައްސަލާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވެސް މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ތުހުމަތުގައި އިއްޔެ ރޭ ވެސް އޭނާ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.