Roadha Mihaaru
ހއ. ދިއްދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި

ހއ. ދިއްދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި

28 ސެޕްޓެމްބަރ 2017

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް މިއަދު ސަސްޕެންޑްކޮށްފި އެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް މިއަދު ސަސްޕެންޑްކޮށްފި އެވެ.

ކައުންސިލްގެ ފަސް ގޮނޑި ވެސް އިދިކޮޅު އެމްޑީޕީއަށް ލިބިފައިވާ ދިއްދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކުރީ ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ލިބޭ މީހުންގެ ލިސްޓެއް ހައުސިން މިނިސްޓްރީން ތައްޔާރުކޮށް އިއުލާނުކޮށްފައި ވަނިކޮށް، އެ ލިސްޓާ ޚިލާފަށް، އަލުން ލިސްޓެއް ތައްޔާރުކޮށް ނެރޭނެ ކަމަށް ދޭހަވާ ފަދަ ގޮތަކަށް އާންމުންނަށް ސިޓީ ފޮނުވާފައި ވާތީ ކަމަށް އެލްޖީއޭ އިން ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހާޝިމަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

މިއަދުން ފެށިގެން، ކައުންސިލްގެ ރައީސް ސަސްޕެންޑް ކޮށްފައި ވަނީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ކަމަށާއި އޭނާ ކައުންސިލްގެ އިދާރާއަށް ނިކުމެ އެއްވެސް މަސައްކަތެއްގައި ބައިވެރިވިޔަ ނުދިނުމަށް، އެލްޖީއޭގެ ސީއީއޯ މުހައްމަދު ޝަފީގް އަހްމަދު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބުނެފައިވެ އެވެ.

ދިއްދޫގައި ސަރުކާރުން އަޅާފައިވާ ހައުސިން ޔުނިޓްތައް:

ދިއްދޫގައި ސަރުކާރުން އަޅާފައިވާ ހައުސިން ޔުނިޓްތައް:

އެ ސިޓީގައި އިތުރަށް ބުނެފައިވާ ގޮތުގައި ރައްޔިތުންނަށް ނަމޫނާ ދައްކަވަންޖެހޭ މަގާމެއްގައި ހުންނަވައިގެން، އެކަށީގެންނުވާ އިބާރާތުން ދައުލަތުގެ މުއައްސަސާތަކުގެ އަގު ވެއްޓޭ ގޮތަށާއި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް އަލީ ހާޝިމް ދޮގު ވާހަކަ ދައްކަވާ ކަމުގެ ޝަކުވާ އެލްޖީއޭ އާއި އެހެން މުއްސަސާތަކަށް ވަނީ ލިބިފަ އެވެ. އެހެންވެ އެލްޖީއޭގެ ބޯޑު ބައްދަލުވުމަށް މައްސަލަ ހުށަހަޅައި، މި މައްސަލަ ބަލައި ނިމެންދެން އަލީ ހާޝިމް ސަސްޕެންޑްކުރަން ނިންމީ ކަމަށާއި މި މުއްދަތުގައި ކައުންސިލް ހިންގުމާ ހަވާލުވެ ހުންނަވާނީ ނައިބު ރައީސް މުހައްމަދު ހާޝިމް ކަމަށް އެ ސިޓީގައިވެ އެވެ.

ދިއްދޫގައި އެޅި 140 ރޯހައުސް ބެހުމުގައި އިންސާފުވެރިކަން ނެތް ކަމަށް ބުނެ ކައުންސިލުން އެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފަ އެވެ.

ގެތައް ލިބުނު މީހުންގެ ލިސްޓު، މިދިޔަ ހަފުތާގައި ހައުސިން މިނިސްޓްރީން އާއްމުކޮށްފައިވާއިރު އޭގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ކައުންސިލުން ފާހަގަކޮށްފައި ވެ އެވެ. އެގޮތުން ގެ ލިބުނު މީހާގެ އެއްވެސް މައުލޫމާތެއް ނުހިމަނައި، ހަމައެކަނި ފޯމު ނަމްބަރު އާއްމު ކުރުމާއި ފޯމު ނަމްބަރު ތަކުރާރުވުމާއި ބީ ކެޓަގަރީން ދޫކޮށްފައިވާ ގެތަކުގެ އަދަދު މަދުވުން ހިމެނެ އެވެ.

އަދި ގެ ދޫކޮށްފައި ވަނީ ވެސް ލިބިފައިވާ ޕޮއިންޓްތަކުގެ ތަރުތީބުން އެންމެ މަތިން ނޫން ކަމާއި އެއް ވަރަކަށް ޕޮއިންޓް ލިބުނު ނަމަވެސް، ބައެއް މީހުންނަށް ގެ ލިބި އަނެއް ބައި މީހުންނަށް ނުލިބޭކަން ކައުންސިލުން ފާހަގަ ކޮށްފައި ވެ އެވެ.