Roadha Mihaaru
ފިއްލަވާފާނެތީ މެމްބަރު އަރީފްގެ ޕާސްޕޯޓު ހިފަހައްޓައިފި

ފިއްލަވާފާނެތީ މެމްބަރު އަރީފްގެ ޕާސްޕޯޓުު ހިފަހައްޓައިފި

03 އޮކްޓޯބަރ 2017

ތަހުގީގު ނިމުމުގެ ކުރިން "ފިއްލަވާފާނެތީ" ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފްގެ ޕާސްޕޯޓު އިއްޔެ ހިފަހައްޓައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ތަހުގީގު ނިމުމުގެ ކުރިން "ފިއްލަވާފާނެތީ" ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފްގެ ޕާސްޕޯޓު އިއްޔެ ހިފަހައްޓައިފި އެވެ.

އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ފުލުހުން ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު ނުނިމެނީސް އޭނާ ފިއްލަވައިފި ނަމަ ނުވަތަ ބޭރަށް ފުރާވަޑައިގެންފި ނަމ ތަހުގީގަށް ހުރަސްއެޅޭނެ ކަމަށެވެ. އަރީފްގެ ޕާސްޕޯޓު ހިފެހެއްޓީ އިއްޔެ އިން ފެށިގެން އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށެވެ.

އޭނާގެ މައްޗަށް ތަހުގީގު ހިންގަނީ މިދިޔަ ޖުލައި 31، ގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި މެމްބަރުންތަކެއް ސިފައިންނާ މާރާމާރީ ހިންގި ކަމަށް ތުހުމަތުކޮށްފަ އެވެ. މި ތުހުމަތުތަކަށް ފިއްލަވައިގެން އަރީފް ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވާ ކަަމަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުންގެ މި ތުހުމަތު ދޮގުކުރައްވައި އަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ ރަސްމީ ހުރިހާ ލިޔެކިޔުމެއް ހިފެހެއްޓިޔަސް މައްސަލައެއް ނެތް ކަމަށެވެ.

ފުލުހުން ތަހުގީގުކުރި މައްސަލައަކާ ގުޅިގެން މީގެ ކުރިން ވެސް އަރީފްގެ ޕާސްޕޯޓު ހިފެހެއްޓި އެވެ. އޭރު ޕާސްޕޯޓް ހިފެހެއްޓީ ފުލުހުންގެ ސަފުތައް ފަޅާލިކަމުގެ ތުހުމަތުކޮށް ތަހުގީގުކުރި މައްސަލައިގަ އެވެ. އެ މައްސަލާގައި އަރީފްގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައި ޝަރީއަތް ވެސް ފަށައިފަ އެވެ.

އޭނާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.