Roadha Mihaaru
ދެ ޒުވާނުންގެ މަރާއެކު ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ސަމާ އާއި ހާމީންގެ މަރާ ގުޅިގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

08 އޮކްޓޯބަރ 2017

ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.

ރަހްމަތްތެރިއެއްގެ އުފަން ދުވަސް ފާހަގަކުރުމުގެ ތެރޭގައި މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ މަރުވެފައިވަނީ ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އާއި ދަފްތަރު، ފާތުމަތު ސަމާ، 18، އެވެ. ސަމާ އާއި ހާމީންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތިން ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި ސަމާ އާއި ހާމީންގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި އެންމެން ދޫކޮށްލީ ރޭގެ ވަގުތެއްގަ އެވެ. އެ މީހުން ދޫކޮށްލީ ތަހުގީގުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި އެ މީހުން ޕާޓީ ބާއްވަން އުޅުނު ސަރަހައްދު ބަލައި ފާސްކުރި އިރު، ޕާޓީ ޑްރަގްތަކެއް ވަނީ ފެނިފަ އެވެ. މި މީހުންގެ މައްޗަށް ފުލުހުން 12 ތުހުމަތެއް ކޮށްފައިވާ އިރު އޭގެ ތެރޭގައި ޕާޓީ ޑްރަގްގެ ބާވަތަކާއި މަސްތުވާ އެހެން އެއްޗެހި ގެންގުޅުން ހިމެނެ އެވެ.

ހަތަރު މީހުން ދޫކޮށްލާފައި ވަނީ، އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ދިން 15 ދުވަސް ހަމަނުވަނީހެވެ. އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައި ވަނީ މިދިޔަ މަހުގެ 29 ގަ އެވެ.

އެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ބޭނުންކުރުމާއި ކެނަބިސް ބޭނުން ކުރުމާއި އެ ތަކެތި ޓްރެފިކް ކުރުމާއި ޕެޑަލް ކުރުމުގެ އިތުރުން އެއިން މުއާމަލާތު ކުރުން ހިމެނެ އެވެ. އަދި އެހެން މީހަކު އަމިއްލަ އަށް މަރުވުމަށް އެދުމުގެ ކުށާއި އެހެން މީހަކު މަރުވުމަށް އެހީތެރިވެދިނުމުގެ ކުށާއި އަމިއްލަ އަށް މަރުވާން އުޅުމުގެ ކުށުގެ ތުހުމަތު ވެސް ކުރެ އެވެ.

އެ މީހުންގެ މައްޗަށް ތުހުމަތުތަކެއް ކުރަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުންނާއި ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރު ކުރި ތިން މީހަކީ ތ. ތިމަރަފުށީ މީހުންނެވެ. އަނެކަކަކީ ކޮން ރަށެއްގެ މީހެއް ކަމެއް ނޭނގެ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހުޅުމާލޭ ބްރާންޗްގައި ވަޒީފާ އަދާކުރަމުން އައި ހާމީނާއި މޯލްޑިވް ގޭސްގެ މުވައްޒަފެއް ކަމަށްވާ ސަމާ މަރުވީ ބާރުގަދަ ޑްރަގެއް އެނާޖީ ޑްރިންކާ އެއްކޮށް، ބޮއިގެން ތިބެ އިތުރު ބަޔަކާއެކު މަޖާކުރަމުން ދަނިކޮށް ކަމަށް އެކަން އެނގޭ ބަޔަކު "މިހާރު" އަށް ވަނީ ކިޔައިދީފަ އެވެ.