Roadha Mihaaru
ރޮހިންޖާ ރެފިއުޖީން އަނބުރާ ގެންދާކަށް ނުފަށާ: ބަންގްލަދޭޝް

ރޮހިންޖާ ރެފިއުޖީން އަނބުރާ މިއަންމާ އަށް ނުގެންދާ ކަމަށް ބަންގްލަދޭޝް އިން ބުނެފި

16 އެޕްރީލް 2018

ޑާކާ (އެޕްރީލް 16) - މިއަންމާގެ ރަކީން ސްޓޭޓުގައި މިދިޔަ އަހަރުގެ ފަހުކޮޅު ހިންގަން ފެށި ހަމަނުޖެހުންތަކުގައި އަވަށްޓެރި ބަންގްލަދޭޝް އަށް ބަދަލުވި ހަތް ލައްކައެއްހާ ރެފިއުޖީންގެ ތެރޭން ފުރަތަމަ އާއިލާ އެނބުރި މިއަންމާ އަށް ގެންދިޔަ ކަމަށް ބުނާ ވާހަކަ ބަންގްލަދޭޝް އިން ދޮގުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޑާކާ (އެޕްރީލް 16) - މިއަންމާގެ ރަކީން ސްޓޭޓުގައި މިދިޔަ އަހަރުގެ ފަހުކޮޅު ހިންގަން ފެށި ހަމަނުޖެހުންތަކުގައި އަވަށްޓެރި ބަންގްލަދޭޝް އަށް ބަދަލުވި ހަތް ލައްކައެއްހާ ރެފިއުޖީންގެ ތެރޭން ފުރަތަމަ އާއިލާ އެނބުރި މިއަންމާ އަށް ގެންދިޔަ ކަމަށް ބުނާ ވާހަކަ ބަންގްލަދޭޝް އިން ދޮގުކޮށްފި އެވެ.

މިއަންމާ ސަރުކާރުން ބުނީ އެއް އާއިލާއަކަށް ނިސްބަތްވާ ފަސް މީހުން މިއަންމާ އަށް ހޮނިހިރު ދުވަހު އެތެރެވެފައިވާ ކަމަށާއި އެ މީހުންނަށް ބޭނުންވާނެ ތަކެއްޗާއި އައިޑީ ކާޑު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ މީހުންގެ މެޑިކަލް ހަދާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް ބަންގްލަދޭޝް އިން ބުނީ މިއަންމާ އިން ބުނާ އާއިލާގެ މެންބަރުން މިއަންމާގެ ބޯޑަރު ހުރަސްކޮށް ބަންގްލަދޭޝް އަށް އެތެރެވެފައި ނުވާ ކަމަށެވެ.

ބަންގްލަދޭޝްގެ ރެފިއުޖީ ކޮމިޝަނާ އަބުލް ކަލާމް ވަނީ ބޯޑަރު ހުރަސްކޮށް ބަންގްލަދޭޝް އަށް އެތެރެވެފައި ނުވާ ބަޔަކު އަނބުރާ ގެންދާނެ ގޮތަކާ މެދު ސުވާލު އުފައްދައިފަ އެވެ.

އެކަމަކު މިއަންމާ ސަަރުކާރުގެ ފޭސްބުކް ޕޭޖުގައި ވަނީ ފިރިހެނަކާއި ދެ އަންހެނުންނާއި ކުޑަ ކުއްޖަކަށް އައިޑީ ކާޑުތަކެއް ހަވާލުރާ ފޮޓޯތަކެއް އާއްމުކޮށްފަ އެވެ. އެ މީހުންގެ މެޑިކަލް ޗެކް ކުރާ މަންޒަރާއި ސިފައިން އިންޓަވިއު ކުރާ ފޮޓޯތައް ވެސް ވަނީ ފޭސްބުކުގައި ޖަހައިފަ އެވެ. ރޮހިންޖާ އާއިލާ އަށް އައިޑީ ކާޑު ދިން ނަމަވެސް "ރޮހިންޖާ" އެ ބަސް ލިޔެފައެއް ނުވެ އެވެ. މިއަންމާ ސަރުކާރުން ބުނެފައި ވަނީ މުސްލިމް އާއިލާ އަށް ދީފައި ވަނީ "ނޭޝަނަލް ވެރިފިކޭޝަން ކާޑް" ކަމަށެވެ.

ރޮހިންޖާ މައްސަލާގައި އދ.އާ އެކު މަސައްކަތް ކުރި ރެފިއުޖީންނާ ބެހޭ ތަޖްރިބާކާރެއް ކަމަށްވާ އާސިފް މުނީރު ވިދާޅުވީ މިއަންމާ އިން ޕީއާރު ސްޓަންޓެއް ޖެއްސީ ކަމަށެވެ.

މިއަންމާގެ ފުރަތަމަ އާއިލާ އެނބުރި ދިޔަ އިރު އދ.ގެ ރެފިއުޖީ އެޖެންސީން ބުނެފައި ވަނީ ރެފިއުޖީން އެނބުރި ގޮސް ދިރިއުޅެން ރަކީން ސްޓޭޓުގެ ހާލަތު ރައްކާތެރި ނޫން ކަމަށެވެ.

މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތައް ރަނގަޅު ކަމަށް ދެއްކުމަށް މިއަންމާ އިން ތަކުރާރުކޮށް ވަނީ އެތައް މަސައްކަތެއް ކޮށްފަ އެވެ. މިއަންމާ ސިފައިން ކުށެއް ނުކުރާ ކަމަށް ބުނި ނަމަވެސް މި މަހު ކުރީކޮޅު ވަނީ މުސްލިމުންގެ ބަޔަކު ގަތުލް ކުރި މިއަންމާ ސިފައިންގެ ހަތް މީހުންނަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އވެ.