Roadha Mihaaru
ރާއްޖޭގައި އެމްބީބީއެސް އަށް ކިޔަވައިދޭން ފަށަނީ

އަންނަ އަހަރު ރާއްޖޭގައި އެމްބީބީއެސް އަށް ކިޔަވައިދޭން ފަށަނީ

11 އޮކްޓޯބަރ 2017

އަންނަ އަހަރު ރާއްޖޭގައި އެމްބީބީއެސް އަށް ކިޔަވައިދޭން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރު ރާއްޖޭގައި އެމްބީބީއެސް އަށް ކިޔަވައިދޭން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނު ސަރުކާރުގެ އެހީގައި ގާއިމްކުރަން ހަމަޖައްސާފައިވާ މެޑިކަލް ކޮލެޖާ ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ކޯހުގެ ކަރިކިއުލަމާއި ސްޓްކްރަކްޗާއި ފީގެ އަދަދުތައް ކަނޑައަޅާނެ ކަމަށެވެ.

ނަމަވެސް މަދުވެގެން 50 ދަރިވަރުން ފުރަތަމަ ބެޗަށް ވެސް ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.

މެޑިކަލް ކޮލެޖަށް ހާއްސަ އިމާރާތެއް ގާއިމްކުރެވެންދެން ކިޔަވައިދޭން ހަމަޖައްސާފައިވަނީ ގައުމީ ޔުނިވާސިޓީގެ ޕްރޮގްރާމެއްގެ ގޮތުގައި އެ ޔުނިވާސިޓީގެ ތެރޭގަ އެެވެ. ނަމަވެސް ކިޔަވައިދޭނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ވެސް އެއްގޮތަކަށް ކަމަށް ވިދާޅުވި އެވެ.

އެމްބީބީއެސް އަށް ކިޔަވައިދިނުމުގެ ކަންތައްތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ހާއްސަ ކޮމެޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމެޓީގައި ހިމެނެނީ ހެލްތު މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)، އެޑިއުކޭޝަން މިނިސްޓްރީ، އައިޖީއެމްއެޗް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަދި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އިސް މެމްބަރުންނެވެ.

މެޑިކަލް ކޮލެޖުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ޕާކިސްތާނުން ވަނީ ފަސް މިލިއަން ޑޮލަރުގެ އެހީ ވެސް ދީފަ އެވެ. އެ އެހީގައި ލެބޯޓްރީއަށާއި ކިޔަވައިދިނުމަށް ބޭނުންވާ ޓެކްނިކަލް ސާމާނު ހޯދަމުންދާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މެޑިކަލް ކޮލެޖާ ބެހޭގޮތުން ޕާކިސްތާނުގެ ޕްރޮފެސަރު، ޓިޕޫ ސުލްތާން ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޑިކަލް ކޮލެޖާ ބެހޭގޮތުން ޕާކިސްތާނުގެ ޕްރޮފެސަރު، ޓިޕޫ ސުލްތާން ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނާޒިމް ވިދާޅުވީ ރާއްޖޭގައި މެޑިކަލް ކޮލެޖެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވިދާނެތޯ ބެލުމަށް ޕާކިސްތާނުގެ ޕްރޮފެސަރަކު ދިރާސާއެއް ހެއްދެވި ކަމަށެވެ. އެގޮތުން އެކަން ދެމެހެއްޓެވި ގޮތެއްގައި ކުރިއަށް ގެންދެވިދާނެ ކަން، ދެ މަސް ދުވަހުގެ އެ ފީސިބިލިޓީ ސްޓަޑީން އެނގުނު ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ހުރެގެން ޑޮކްޓަރުކަން ކިޔަވައިދިނުމަށް ތައްޔާރުވަމުން އަންނައިރު، އަންނަ އަހަރުގެ ތެރޭގައި އައިޖީއެމްއެޗުގައި އިންޓާންޝިޕް ފެށުމަށް ވެސް ނިންމާފައިވާކަމަށް ވިދާޅުވި އެވެ.

"ރާއްޖޭން ބޭރުން ތިއަރީ ބައި ނިންމާފައި އިންޓާންޝިޕް ހަދަން ފުރުސަތު ނުލިބި ތިބި ކުދިންނަށް ވެސް [އައިޖީއެމްއެޗުން] އޭރުން ފުރުސަތު ލިބިގެންދާނެ. އަދި ކޯސް ނިންމާފައި ޔުނިވާސިޓީގެ ދަރިވަރުން އައިޖީއެމްއެޗަށް އިންޓާންޝިޕަށް ދާއިރު އެތަން އޮންނާނީ އެކަމަށް އެންމެ ފުރިހަމަަށް ތައްޔާރުވެ ފައްކާވެފައި. މި ޕްރޮގްރާމަކީ ކައިރި ގައުމުތަކުން ވެސް އެންޝުއާ ކުރާނެ ޕްރޮގްރާމެއް،" ޕާކިސްތާނުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު އާދަމް ހަވަރު އަލީ ޝާހު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

މެޑިކަލް ކޮލެޖުގެ އިމާރާތަށް ހަރަދުވާނެ ވަރާއި އިމާރާތް ކުރާނެ ބިމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެެވެ. ކޮންމެ އަހަރަކު ވެސް ޑޮކްޓަރުކަން ކިޔެވުމަށް އެތައް ދަރިވަރުންނެއް ރާއްޖޭން ބޭރަށް ދާއިރު، ރާއްޖޭގައި އެމްބީބީއެސް އަށް ކިޔަވައިދޭން ފެށުމުން، އެކަމަށް ކުރާ ހަރަދު ކުޑަވެގެންދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.