Roadha Mihaaru
ޝަރީއަތް އިންސާފުވެރިއެއް ނޫން، ހުމާމް ނުމަރާތި: އދ

ހުމާމްގެ ޝަރީއަތް އިންސާފުވެރިއެއް ނޫން، މަރައިގެން ނުވާނެ: އދ.

02 ޖުލައި 2016

ކުރީގެ މަޖިލިސް މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލިކަން ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ހ. ލޮބީ، ހުސެން ހުމާމުގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށާއި އެހެންވެ އޭނާގެ މައްޗަށް އެ ހުކުމް މި ވަގުތު ތަންފީޒު ނުކުރުމަށް އދ. އިން ސަރުކާރަށް ގޮވާލައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރީގެ މަޖިލިސް މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލިކަން ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ހ. ލޮބީ، ހުސެން ހުމާމުގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށާއި އެހެންވެ އޭނާގެ މައްޗަށް އެ ހުކުމް މި ވަގުތު ތަންފީޒު ނުކުރުމަށް އދ. އިން ސަރުކާރަށް ގޮވާލައިފި އެވެ.

އދ. އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހުމާމުގެ މައްޗަށް މަރުގެ ހުކުމް ކޮށްފައިވަނީ އިންސާފުވެރި ޝަރީއަތަކުން ނޫން ކަމަށާއި ޝަރީއަތުގެ މަރުހަލާގައި އޭނާ އަށް ލިބެން ޖެހޭ ހައްގުތައް ވެސް ނުލިބޭ ކަމަށެވެ.

އެހެންވެ، ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން އެ ޝަރީއަތް އަލުން ކުރިއަށް ގެންދިއުމަށް އދ. އިން ވަނީ ގޮވާލާފަ އެވެ.

"(ހުމާމުގެ މައްޗަށް) ކުރި މަރުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފައިވަނީ އެ މައްސަލައިގެ ތަހުގީގު ނުނިމެނީހެވެ. އަދި އެ ހުކުމް ކޮށްފައިވަނީ ބިރު ދައްކައިގެން ވެފައިވާ އިއުތިރާފެއްގެ މައްޗަށެވެ،" އދ.ގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ތަހުގީގު ނުނިމެނީސް ހުމާމުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރަން ބޭނުން ނުވާ ކަމަށް އަފްރާޝީމްގެ އާއިލާއިން ހުށަހެޅި ސިޓީ، ސުޕްރީމު ކޯޓުން ބަލައި ނުގަތުމާއި ހުމާމުގެ ސިކުނޑީގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ ޓެސްޓުތަކެއް ހެދުމަށް ދިފާއީ ވަކީލު ހުށަހެޅުއްވި މައްސަލައަށް ވެސް ސުޕްރީމް ކޯޓުން ރިއާޔަތް ނުކުރި މައްސަލަ އދ.ގެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

މަރުގެ ހުކުމް ތަންފީޒު ނުކުރާތާ 60 އަހަރަށް ފަހު، "އިންސާފުވެރި ނޫން" ޝަރީއަތަކުން އެކަން ކުރަން ނިންމީތީ އދ. އިން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އަދި އެ ނިންމުން ބަދަލު ކުރުމަށް ވެސް ގޮވާލާފައިވެ އެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރަން ޔޫރަޕިއަން ޔޫނިއަން އިން ވެސް ވަނީ އިއްޔެ ގޮވާލާފަ އެވެ.