Roadha Mihaaru
މައުމޫންގެ ކޮލަމް: މަރުގެ ހުކުމް ތަންފީޒުކުރުން

އިސްލާމީ ޝަރީޢަތުގައި ނަފްސުގެ ޤިޞާޞް، ނުވަތަ މަރަށް މަރުހިފުމުގެ ޙުކުމް، ތަންފީޒުކުރުން

24 ޖުލައި 2016

އިސްލާމީ ޝަރީޢަތުގައި ނަފްސުގެ ޤިޞާސް ނުވަތަ މަރަށް މަރުހިފުމުގެ ޙުކުމް އޮންނަ ގޮތަކާ މެދު ވަރަށް ގިނަ ބޭފުޅުން އަޅުގަނޑާ ސުވާލުކުރައްވަމުން ގެންދަވަ އެވެ. އެހެންކަމުން، އަޅުގަނޑަށް އެނގިފައިވާ މިންވަރުން، އެކަން އޮންނަ ގޮތް އަންނަނިވި ފޮޅުވަތްތަކުގައި ބަޔާންކުރެވޭތޯ ބަލަމެވެ. މާތް ﷲ ގެ ޙަޟްރަތުން ތައުފީޤާއި މަދަދަށް އެދި ހުރެ އެވެ.

އިސްލާމީ ޝަރީޢަތުގައި ނަފްސުގެ ޤިޞާސް ނުވަތަ މަރަށް މަރުހިފުމުގެ ޙުކުމް އޮންނަ ގޮތަކާ މެދު ވަރަށް ގިނަ ބޭފުޅުން އަޅުގަނޑާ ސުވާލުކުރައްވަމުން ގެންދަވަ އެވެ. އެހެންކަމުން، އަޅުގަނޑަށް އެނގިފައިވާ މިންވަރުން، އެކަން އޮންނަ ގޮތް އަންނަނިވި ފޮޅުވަތްތަކުގައި ބަޔާންކުރެވޭތޯ ބަލަމެވެ. މާތް ﷲ ގެ ޙަޟްރަތުން ތައުފީޤާއި މަދަދަށް އެދި ހުރެ އެވެ.

ފިޤްހު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އިންސާނަކު އެހެން އިންސާނަކު މަރާލުމުގައި ތިން ޙާލަތެއް ވެއެވެ. އެއް ޙާލަތަކީ، [ޤަތްލުލް ޢަމްދު] ނުވަތަ ކަނޑައެޅިގެން ޤަޞްދުގައި މީހަކު މަރާލުމެވެ. ދެވަނަ ޙާލަތަކީ، [ޝިބްހުލް ޢަމްދު] އެވެ. އެއީ، ޤަޞްދުގައި މީހަކު މަރާލުމާ ކައިރިކުރާ ޙާލަތެކެވެ. ތިން ވަނަ ޙާލަތަކީ، [ޤަތްލުލް ޚަޠައު] އެވެ. އެއީ، މީހަކު ކުރާ ހުއްދަ ކަމެއްގެ ސަބަބުން އިއްތިފާޤުން މީހަކު މަރުވުމެވެ.

މި މައުޟޫޢުގައި ވާހަކަ ދައްކާއިރު، އަންނަނިވި ލަފްޒުތައް ބޭނުންކުރަން ޖެހެއެވެ.

ޤާތިލް: މީހަކު މަރާލި މީހާ

މަޤްތޫލް: މަރާލެވުނު މީހާ

މަޢްޞޫމް: ޙުރްމަތްތެރި ކުރެވިފައިވާ، ނުވަތަ ޙިމާޔަތް ކުރެވިފައިވާ

ޤިޞާޞް: މީހަކު ކުރި ކުށަކާ އެއްވަރު އަދަބެއް ދިނުން

ނަފްސުގެ ޤިޞާޞް އަކީ، ޤާތިލްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކުރުމެވެ.

ޤަތްލުލް ޢަމްދު

ޤަތްލުލް ޢަމްދު އަކީ، އެ އެއްޗަކުން ޙަމަލާ ދިނުމުން ގިނަ ފަހަރަށް މީހަކު މަރުވާނެކަމަށް ޤަބޫލުކުރެވޭ އާލަތަކުން ޤަސްދުގައި ޙަމަލަ ދިނުމުން މީހަކު މަރުވުމެވެ. ޤަތްލުލް ޢަމްދު އަކަށް ވާނީ އަންނަނިވި ޝަރްޠުތައް ފުރިހަމަވެގެންނެވެ.

1- ޤާޠިލަކީ ބުއްދި ސަލާމަތުން ހުރި، ބާލިޣުވެފައިވާ މީހަކަށް ވުން

2- މަޤްތޫލްއަކީ، އެމީހާގެ ލޭ، މަޢްޞޫމް ކުރެވިފައިވާ މީހަކު ކަމުގައި ވުން. މީގެ މާނައަކީ، މުސްލިމުންނާއި ކާފިރުންނާ ދެމެދު ކުރާ ޙައްޤު ހަނގުރާމައެއްގައި މަރުވާ ކާފިރަކު ކަމުގައި ނުވުމާއި، މީހަކު އަމިއްލަ ނަފްސުގެ ދިފާޢުގައި ކުރި ޢަމަލަކުން މަރުވި މީހަކު ކަމުގައި ނުވުމާއި، ޢަދްލުވެރި ޝަރީޢަތަކުން މެރުމަށް ޙުކުމްކޮށްފައިވާ މީހަކު ކަމުގައި ނުވުމެވެ.

3- މީހަކު މަރާލުމަށް ބޭނުންކުރި އާލަތަކީ، އެއެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލެވިދާނެ ކަމަށް ޤަބޫލުކުރެވޭ ފަދަ އާލަތަކަށް ވުން. ޤާތިލުގެ ހަށިގަނޑާއި ގުނަވަންތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި ވަކި އާލަތެއް ބޭނުން ނުކުރި ނަމަވެސް، ޤަޞްދުގައި ކުރި ކަމަކުން މީހަކު މަރުވުން ވެސް ހިމެނެއެވެ. މިއީ، މިސާލަކަށް، މީހަކު ކަނޑަށް ވައްޓާލުން، ނުވަތަ އުސް ތަނަކުން ވައްޓާލުން، ނުވަތަ ނޭވާހާސްކޮށްލުން، ނުވަތަ ކެއުން ބުއިމުން މަޙްރޫމްކުރުން، ނުވަތަ ވަހްޝީ ޖަނަވާރަކަށް ދިނުން ފަދަ ކަންކަމެވެ.

4- އެމީހާގެ މައްޗަށް ޤަތްލުލް ޢަމްދުގެ ކުށް ސާބިތުވެފައިވަނީ، އެމީހާގެ އަމިއްލަ އިޢްތިރާފުން، ނުވަތަ ޢަދްލުވެރި ދެ ހެކިންގެ ހެކިބަހުން ކަމުގައިވުން

އިސްވެ ބުނެވުނު ޝަރްޠުތަކުން ކުރެ އެއްވެސް ޝަރްޠެއް އުނިވެފައިވާ ޙާލަތެއްގައި އެއީ ޤަތްލުލް ޢަމްދުއަކަށް ނުވާނެއެވެ.

ޝިބްހުލް ޢަމްދު

ޝިބްހުލް ޢަމްދު އަކީ، އެ އާލަތެއް ބޭނުންކޮށްގެން، އާދައިގެ ޙާލަތެއްގައި މީހަކު މަރާނުލެވޭ ފަދަ އާލަތަކުން މީހަކަށް ޤަސްދުގައި ހަމަލަދިނުމުން އެމީހާ މަރުވުމެވެ. މިސާލަކަށް، ލުއި އަސަޔަކުން ނުވަތަ ކުޑަ ގާކޮޅަކުން މީހަކު ގައިގައި ޖެހުމުން، އެމީހާ މަރުވުމެވެ. ނުވަތަ މީހަކު ކޮއްޕާލުމުން ވެއްޓި މަރުވުމެވެ.

ޤަތްލުލް ޚަޠައު

ޤަތްލުލް ޚަޠައު އަކީ، މީހަކު ހުއްދަ ކަމެއް ކުރުމުގެ ސަބަބުން، އެހެން މީހަކު އިއްތިފާޤުން މަރުވުމެވެ. މިސާލަކަށް، ޖަނަވާރެއް ޝިކާރަކުރުމުގެ ޤަޞްދުގައި އެއްލާ އެއްޗަކުން މީހަކު ގައިގައި ޖެހި އެމީހާ މަރުވުން، ނުވަތަ ހުއްދަ ބޭނުމަކު ކޮނެފައިވާ ވަޅުގަނޑަކަށް އިއްތިފާޤުން މީހަކު ވެއްޓި މަރުވުން ފަދަ ކަންކަމެވެ.

ޤަތްލުލް ޢަމްދުގެ ޙުކުމް

ޤަތްލު ޢަމްދުގެ ޝަރްޠުތައް ފުރިހަމަވާ ގޮތަށް މީހަކު އެހެން މީހަކު މަރާލައިފި ނަމަ، އެކަމުގެ ނަތީޖާއަކަށް ވާނީ، ޤާތިލް ވަރަށް ބޮޑަށް ފާފަވެރިވުމާއި، އަދި ޤާތިލަކީ އަޞްލުގައި މަޤްތޫލުގެ މުދަލުން ވާރުތަވާ މީހަކު ކަމުގައިވާ ނަމަ، ވާރުތަ މުދަލުން މަޙްރޫމްވުމާއި، އަދި މަޤްތޫލުގެ ވާރިސުން ޤާތިލުގެ ކިބައިން ނަފްސުގެ ޤިސާސް ހިފަން އެދުމާ އެކު، ޢަދްލުވެރި ޝަރީޢަތަކުން އޭނާ މެރުމަށް ޙުކުމް ކޮށްފި ނަމަ، މަރުގެ ޙުކުމް ތަންފީޒުކުރުމެވެ.

ނަފްސުގެ ޤިޞާޞް ހިފުމުގެ ޝަރްޠުތައް

ޝިބްހުލް ޢަމްދުގެ ޙާލަތުގައި، ނުވަތަ ޤަތްލުލް ޚަޠައުގެ ޙާލަތުގައި، ނަފްސުގެ ޤިޞާޞް ހިފުމެއް ނޯންނާނެ އެވެ.

ޤަތްލުލް ޢަމްދުގައި ވެސް، ޤާތިލްގެ ކިބައިން ނަފްސުގެ ޤިޞާސް ހިފޭނީ، ނުވަތަ އެމީހާގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރެވޭނީ، އަންނަނިވި ޝަރްޠުތައް ފުރިހަމަވެގެންނެވެ.

1- މަޤްތޫލަކީ، އެމީހާގެ ލޭ މަޢުޞޫމް ވެފައިވާ މީހަކު ކަމުގައިވުން. މިގޮތުން، މަޤްތޫލަކީ މުސްލިމުންނާ ހަނގުރާމަކުރާ ކާފިރަކު ކަމުގައިވާ ނަމަ، ނުވަތަ މީހަކު އަމިއްލަ ނަފްސުގެ ދިފާޢުގައި ކުރި ޢަމަލަކުން މަރުވެފައިވާ މީހަކު ކަމުގައިވާ ނަމަ، ނުވަތަ ޢަދްލުވެރި ޝަރީޢަތަކުން އެމީހާގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައިވާ މީހަކު ކަމުގައިވާ ނަމަ، އެފަދަ މީހަކު މަރާލުމަކުން ނަފްސުގެ ޤިޞާޞް ހިފުމެއް ނޯންނާނެއެވެ.

2- ޤާތިލަކީ ޝަރްޢީ ގޮތުން ބާލިޣު ވެފައިވާ މީހަކު ކަމުގައި ވުން. ޝަރްޢީ ގޮތުން ބާލިޣު ނުވާ ކުޑަކުއްޖަކުގެ ކިބައިން ނަފްސުގެ ޤިޞާޞް ހިފުމެއް ނޯންނާނެއެވެ.

3- ޤާތިލަކީ ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން.

މިގޮތުން، ދުނިޔޭން މޮޔަވެފައިވާ މީހަކުގެ ކިބައިން، ނުވަތަ ސިކުނޑި ހަމަނޫން މީހަކުގެ ކިބައިން، ނުވަތަ ފާފަވެރި ނުވާ ގޮތެއްގައި، އެމީހަކު ކޭ ނުވަތަ ބުއި އެއްޗެއްގެ ސަބަބުން މަސްތުގެ ޙާލަތުގައި ހުރި މީހަކު މަރާލި މީހެއްގެ ކިބަޔަކުން ވެސް، ނަފްސުގެ ޤިޞާޞެއް ނުހިފޭނެއެވެ.

ފާފަވެރި ނުވާ ގޮތެއްގެ މަތިން ކަމުގައި މިތާނގައި ބުނެވިފައިވަނީ، އެމީހަކު ބޭނުންކުރި އެއްޗަކީ މަސްތުވާ އެއްޗެއްކަން ނޭނގި ހުރެ، އެ އެއްޗެއް ބޭނުން ކުރުމުން މަސްތުވެފައިވާ މީހާ އާއި މީހަކު މަޖުބޫރުކޮށްގެން މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ މީހާ އިސްތިސްނާ ކުރުމަށްޓަކައެވެ. އެފަދަ މީހަކު މަސްތުގެ ޙާލަތުގައި ހުރެގެން މީހަކު މަރާލުމަކުން، އެމީހާގެ ކިބައިން ނަފްސުގެ ޤިޞާޞެއް ނުހިފޭނެއެވެ.

މިއާ ޚިލާފަށް، އެމީހަކު ބޭނުންކުރި އެއްޗަކީ މަސްތުވާ އެއްޗެއްކަން އެނގި ހުރެ، އެމީހާގެ އަމިއްލަ އިޚްތިޔާރުގައި އެ އެއްޗެއް ބޭނުންކޮށްގެން މަސްތުވެފައިވާ މީހާ، މަސްތުގެ ޙާލަތުގައި ހުރެ މީހަކު މަރާލައިފި ނަމަ، އަދި ނަފްސުގެ ޤިޞާޞް ހިފުމުގެ އެހެން ޝަރްޠުތައް ފުރިހަމަ ވެފައިވާ ނަމަ، އެމީހާގެ ކިބައިން ޤިޞާޞް ހިފޭނެއެވެ.

4- ޤާތިލް މީހަކު މަރާލީ އަމިއްލަ އިޚްތިޔާރުގައި ކަމަށް ވުން.

މިގޮތުން، ބާރުހުރި މީހަކު، އެމީހަކު ބުނާ ގޮތެއް ނަހަދައިފި ނަމަ މަރާލާނެކަމަށް ބުނެ މަޖުބޫރުކޮށްގެން މީހަކު މަރާލާ މީހެއްގެ ކިބަޔަކުން ނަފްސުގެ ޤިޞާޞެއް ނުހިފޭނެއެވެ.

5- ޤާތިލަކީ، މަޤްތޫލުގެ ބައްޕަ ނުވަތަ މަންމަ ކަމުގައި ނުވުން.

6- މަޤްތޫލުގެ ވާރުތަވެރިން، އެއްވެސް އިސްތިސްނާއެއް ނެތި، ނަފްސުގެ ޤިޞާޞް ހިފުމަށް އެދުން.

މިގޮތުން، ވާރުތަވެރިންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެން ޤިޞާޞް ހިފަން އެދުނު ނަމަވެސް ނަފްސުގެ ޤިޞާޞް ހިފުމެއް ނޯންނާނެއެވެ. ވާރުތަވެރިންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖަކު ހުރި ނަމަ، ނުވަތަ ބާލިޣުނުވާ ކުޑަކުދިން ތިބި ނަމަ، އެކުއްޖަކު ނުވަތަ އެކުދިން ބާލިޣުވުމުން، އެމީހުން ޤިޞާޞް ހިފުމަށް ބޭނުންވޭތޯ ބަލާފައި، އެ އެންމެން ވެސް އެއްބަސްވެގެން ނޫނީ، ޤާތިލުގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒެއް ނުކުރެވޭނެއެވެ.

7- ޝަރީޢަތުން ކުރި ޙުކުމުގައި، ނުވަތަ ޝަރީޢަތުގެ އިޖްރާއާތުގައި ކިތަންމެ ކުޑަ ނަމަވެސް ޝައްކެއް އުފެދިފައި ނެތުން.

މިގޮތުން، ޝަރީޢަތުން ކުރި ޙުކުމާ މެދު، ނުވަތަ ޝަރީޢަތުގެ އިޖްރާއާތާ މެދު ކިތަންމެ ކުޑަ ނަމަވެސް ޝައްކެއް އުފެދިފައިވާ ނަމަ، މަރުގެ އަދަބެއް ނުދެވޭނެއެވެ. އެހެނީ، ކިތަންމެ ކުޑަ ނަމަވެސް ޝައްކެއް އުފެދިފައިވާ ނަމަ، ޙައްދުތައް ޤާއިމް ނުކުރުމަށް ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވާތީއެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ނަފްސުގެ ޤިޞާޞްއަކީ ޙައްދެއް ކަމުގައި ނުވިޔަސް، އެކަމުގެ މައްޗަށް ވެސް ކީރިތި ރަސޫލާގެ މި އަމުރުފުޅު ހިނގާނެއެވެ.

ޤިޞާޞް ނުހިފުމަކީ ކުށުން ބަރީއަވުމެއް ނޫން

ޤަތްލުލް ޢަމްދުގައި، ނުވަތަ ޝިބްހުލް ޢަމްދުގައި، ނުވަތަ ޤަތްލުލް ޚަޠައުގައި، ނަފްސުގެ ޤިޞާޞް ނުހިފުމަކީ، ކުށުން ބަރީއަވުމެއް ނޫނެވެ. ކުށްވެރި ނުވުމެއް ނޫނެވެ. އަދި އަދަބު ނުލިބުމެއް ވެސް ނޫނެވެ. އެފަދަ ޙާލަތުތަކުގައި، އެޙާލަތަކާ ގުޅޭ ގޮތުން މަރުގެދިޔަ ދިނުމާއި، ތަޢްޒީރު ކުރުމާއި، ކައްފާރާ ދިނުން އޮންނާނެއެވެ.

ޤިޞާޞް ހިފުމުގެ ޙައްޤުވެރި ފަރާތަކީ، މަޤްތޫލުގެ ވާރުތަވެރިންނެވެ. އެހެންނަމަވެސް، އެމީހުން އަމިއްލައަށް މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ޝަރްޢީ ބާރެއް އެއެންމެންނަކަށް ވެސް، އޭގެ ތެރެއިން ވަކި މީހަކަށް ވެސް، ނޯންނާނެއެވެ. މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ޝަރްޢީ ބާރު އޮންނަ ހަމައެކަނި ފަރާތަކީ، ޙާކިމްއެވެ. ނުވަތަ ޙާކިމް އެކަން ޙަވާލުކުރާ ފަރާތެކެވެ.

އެޑިޓަރުގެ ނޯޓު:

ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމަކީ ދީނީ އެކި މައުލޫއުތަކަށް ރާއްޖޭގެ އެކި މީޑިއާ އަށް ދޭތެރެ ދޭތެރެ އިން ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ. މިއީ "މިހާރު" އަށް އެމަނިކުފާނު ލިއުއްވި ފުރަތަމަ ލިއުއްވުމެވެ.