Roadha Mihaaru
ލަންކާގައި މާރާމާރީ ހިންގި ދިވެހި ކުދިން ކޯޓަށް

ލަންކާގައި މާރާމާރީ ހިންގި ދިވެހި ކުދިން ކޯޓަށް ހާޒިރު ކުރަނީ

15 އޮކްޓޯބަރ 2017

ލަންކާގެ މަޝްހޫރު ސްކޫލެއް ކަމަށްވާ ޑޭ ބްރިޖް ސްކޫލުގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ކުދިންގެ ތެރޭގައި ހިމެނޭ ދިވެހި ދެ ކުދިން ލަންކާގެ ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ލަންކާގެ މަޝްހޫރު ސްކޫލެއް ކަމަށްވާ ޑޭ ބްރިޖް ސްކޫލުގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ކުދިންގެ ތެރޭގައި ހިމެނޭ ދިވެހި ދެ ކުދިން ލަންކާގެ ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

އުމުރުން 18 އަހަރު ނުފުރޭ ދިވެހި، އަދި ލަންކާ ކުދިންތަކެއް ހިންގި އެ މާރާމާރީއާ ގުޅިގެން ތިން ކުއްޖަކު ވަނީ ޒަހަމް ވެފަ އެވެ. އޭގެ ތެރޭގައި ދިވެހި ދެ ކުދިން ހިމެނެ އެވެ. އެ މައްސަލައިގައި ދިވެހި ދެ ކުދިން ހިމެނޭ ގޮތަށް ހަތަރު ކުއްޖަކު ހައްޔަރު ކޮށްފައިވެ އެވެ.

ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައިވާ ސަފީރު، މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ އެ ކުދިން ފުލުހުންގެ ހައްޔަރުން ދޫކޮށްލާފައިވާ އިރު ހޮސްޕިޓަލުން ވެސް ފަރުވާ އަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

އެކުދިން ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މިމަހު ފަހުކޮޅު ކަމަށް މުންދު ވިދާޅުވި އެވެ.

"ކޯޓަށް ހާޒިރު ކުރަނީ. އެކަމަކު ދައުވާ ނުކޮށް ޖޫރިމަނާއަކުން ނުވަތަ އެހެން ޝަރުތެއްގެ ދަށުން ދޫކޮށްލުމުގެ އިހުތިޔާރު ވެސް އޮންނާނެ ދެއްތޯ،" މުންދު ވިދާޅުވި އެވެ.

އަވަށްޓެރި ސްރީލަންކާގައި މިހާރު ވެސް 15000 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅެ އެވެ.