Roadha Mihaaru
ބޮޑެތި ބާރުތަކަކާ އެކު ލަންކާ ސިފައިން މަގުތަކަށް

ބޮޑެތި ބާރުތަކަކާ އެކު ލަންކާ ސިފައިން މަގުތަކަށް

11 މެއި 2022

ސްރީ ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ގޮތުން، ބާރުގެ ބޭނުންކުރުމުގެ ހުއްދަ އެ ގައުމުގެ ސިފައިންނާއި ފުލުހުންނަށް އިއްޔެ އިން ފެށިގެން ދީފި އެވެ.

ސްރީ ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ގޮތުން، ބާރުގެ ބޭނުންކުރުމުގެ ހުއްދަ އެ ގައުމުގެ ސިފައިންނާއި ފުލުހުންނަށް އިއްޔެ އިން ފެށިގެން ދީފި އެވެ.

ރައީސް ގޯޓާބޭ ރާޖަޕަކްސަގެ ގަރާރަކުން ސިފައިންނާއި ފުލުހުންނަށް ދިން ބާރުތަކުގެ ތެރޭގައި، އާންމުންނާއި ސަރުކާރުގެ މުދާ ފޭރި ތަކެއްޗަށް ގެއްލުންދީ، މީހުންގެ ފުރާނަ އަށް ގެއްލުންދޭ މީހުންނަށް، އިތުރު އިންޒާރަކާ ނުލައި ބަޑިން ހަމަލާ ދިނުމުގެ އިޚްތިޔާރު ހިމެނެ އެވެ. ސަލާމަތީ ބާރުތަކަށް މި އިޚްތިޔާރު ދިނީ، ހަމަނުޖެހުންތައް ހުއްޓުވުމުގެ ގޮތުން، މުޅި ގައުމުގައި ކާފިޔު އިއުލާންކޮށްފައި ވަނިކޮށް ވެސް، އެކަމަށް ބެލުމެއް ނެތި އާންމު ރައްޔިތުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އޭގެ އިތުރުން ހަމަނުޖެހުމަށް ހިތްވަރުދޭ ކަމަށް ޝައްކު ކުރެވޭ މީހުން މަގުމަތިން ހުއްޓުވައި، ކޯޓު އަމުރަކާ ނުލައި ވެސް، އެމީހުންގެ ގެދޮރާއި އުޅަނދުތައް ބަލައި ފާސްކުރުމުގެ ބާރު ވެސް ސިފައިންނަށް ވަނީ ދީފަ އެވެ.

ސްރީ ލަންކާގައި ސަރުކާރާއި އިދިކޮޅުގެ ސަޕޯޓަރުން އިއްޔެ ހަމަނުޖެހުން ހިންގަނީ. -- ފޮޓޯ: އޭއެފްޕީ

ސްރީ ލަންކާގައި ސަރުކާރާއި އިދިކޮޅުގެ ސަޕޯޓަރުން އިއްޔެ ހަމަނުޖެހުން ހިންގަނީ. -- ފޮޓޯ: އޭއެފްޕީ

ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ އާންމުންގެ ތެރެއަށް، ސަރުކާރަށް ތާއީދުކުރާ ބަޔަކު މިދިޔަ ހޯމަ ދުވަހު ވަދެގަނެ ހަމަނުޖެހުން ހިންގުމާ ގުޅިގެން، މުޒާހަރާގެ ބައިވެރިން ވަނީ، ވެރިކަންކުރާ ޕާޓީގެ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސް ވެރިންގެ ގެދޮރާށާއި މުދަލަށް ގެއްލުން ދޭން ފަށައިފަ އެވެ. މި ހަމަނުޖެހުންތަކުގައި އަށް މީހަކު މަރުވެ 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ މިދިޔަ ހޯމަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާގެ އިސްތިއުފާ އިން ވެސް މުޒާހަރާގެ ބައިވެރިން މަތަނުވުމުން، އިތުރު ސިފައިން ހަތިޔާރާ އެކު މަގުތަކަށް ނެރެ، ވެރިރަށް ކޮޅުނބުގަ އާއި ބައިބޯ އެހެން ސަރަހައްދުތަކުގައި މިހާރު ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.

ވެރިރަށް ކޮޅުނބުގެ މަގުތަކުގައި ލަންކާގެ ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިންނާއި އެއްގަމު ސިފައިން ވެސް ދަނީ ހަތިޔާރާ އެކު ފޯރިމަރަމުންނެވެ. ސިފައިން މަގުތަކަށް ނުކުމެ ސަލާމަތީ ކަންތައް ބަލަހައްޓަމުން ދަނިކޮށް އިއްޔެ ވެސް އާންމުންގެ ބަޔަކު ވަނީ، ކޮޅުނބުގެ ފުލުހުންގެ އިސް އޮފިސަރަކަށް ހަމަލާދީފަ އެވެ.

ހަމަނުޖެހުންތައް ހުއްޓުމަކަށް ނައިސް ކުރިއަށް ދާތީ، ރައީސް ގޯޓާބޭ ވަނީ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ، ސިޔާސީ އަދި އިޖްތިމާއީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މުޅި ލަންކާ އެކަތިގަނޑެއްގެ ގޮތުގައި ތެދުވުމަށް ގޮވާލައްވައިފަ އެވެ. ދީނީ އަދި ނަސްލީ ހަމަނުޖެހުމެއްގެ ތެރެއަށް ގައުމު ވެއްޓިދާނެ ފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

ސިފައިން މަގުތަކަށް ނުކުމެ އުޅަނދުތައް ހުއްޓުވައި ޗެކް ކުރަމުން ދާއިރު ވެސް، ރައީސް ގޯޓާބޭގެ އިސްތިއުފާއަށް ގޮވާ ބަޔަކު މިހާރު ވެސް ދަނީ، ގޯލް ފޭސް ސަރަހައްދަށް އެއްވަމުންނެވެ. މުޒާހަރާތައް އަދިވެސް ހުއްޓުމަކަށް ނާންނާތީ، މުޅި ލަންކާ އަށް އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު މިހާރު ވަނީ މާދަމާގެ ހެނދުނާ ހަމައަށް އިތުރު ކޮށްފަ އެވެ.

ކާފިއުގެ މުއްދަތު އިތުރުކޮށް ސިފައިން މަގުތަކަށް ނެރެފައި ވަނިކޮށް، ރޭ ވެސް މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުމެ އާންމު ދަތުރުފަތުރުގައި ބޭނުންކުރާ އެއްގަމު އުޅަނދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އާންމުން ބޭނުންކުރާ ގިނަ އަދަދެއްގެ ބަސްތަކުގައި ރޯކޮށް އަންދާލައި، ބައެއް ބަސްތަކާއި ކާރުތައް ވަނީ ކޯރު ތެރެއަށް އަޅާލައިފަ އެވެ.

ރައީސް ގޯޓާބޭ ވެރިކަމުން ދުރުކުރަން ބޭނުންވާ މީހުން، "ގޯޓާގޯގާމާ" (ގޯޓާބޭ ރަށަށް ދޭ) ގެ ޝިއާރުގެ ދަށުން، ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރަން ތިބީ، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ ޓެމްޕަލް ޓްރީއާ މާ ދުރު ނޫން ހިސާބަކުން، ގޯލް ފޭސްގެ ތެރޭގަ އެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއަށް، ވެރިކަން ކުރާ ޕާޓީ، ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ މެމްބަރުން ހޯމަ ދުވަހު ވަދެގަނެ ހަމަނުޖެހުން ހިންގަން ފެށީ، މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރުމަށް ފަހު އެވެ.

ރާޖަޕަކްސަ އަށް ތާއީދުކުރާ މީހުން، ގޯލް ފޭސް ތެރެއަށް ވަދެ ހަމަނުޖެހުން ހިންގުމާ ގުޅިގެން، "ގޯޓާގޯގާމާ" ގެ ބައިވެރިން ބަދަލު ހިފުމުގެ ޖޯޝްގައި ނުކުމެ، ވެރިކަން ކުރާ ޕާޓީގެ މެމްބަރުންނާ ދިމާކުރަން ފެށި އެވެ. އެ ގޮތުން ހޯމަ ދުވަހު އިސްތިއުފާ ދެއްވި ބޮޑުވަޒީރުގެ ގެއަކާއި އޭނާގެ ތިމާގެ މީހުންގެ ގެއެއްގައި ހުޅުޖަހައި ރޯކޮށްލި އެވެ. އަދި ވެރިކަން ކުރާ ޕާޓީގެ ބައެއް މަޖިލިސް މެމްބަރުންގެ އެއްގަމު އުޅަނދުތަކުގައި ވެސް ހުޅުޖަހައި އަންދައިލި އެވެ.