Roadha Mihaaru
އިންސްޓަގްރާމް ފޮޓޯތައް ފުރިހަމަކޮށްލަން ހިނގާ

އިންސްޓަގްރާމް ފޮޓޯތައް ފުރިހަމަކޮށްލަން ހިނގާ

21 މެއި 2016

ކޮންމެ މަހަކު ހަތަރު ސަތޭކަ މިލިއަން މީހުން އިންސްޓަގްރާމް ބޭނުންކުރެ އެވެ. އިންސްޓަގްރާމުން އެމީހެއްގެ ދިރިއުޅުން މުޅި ދުނިޔެއާ ހިއްސާކޮށްލުމުގެ އިތުރުން އެމީހެއްގެ ފޮޓޯ ނެގުމުގެ ހުނަރު ދައްކާލަން ފުރުސަތު ލިބެ އެވެ. އިންސްޓަގްރާމް ބޭނުންކުރާ ބައެއް މީހުންނަކީ މިކަމުގެ މާހިރުންނެވެ. އެމީހުންގެ “ފީޑް” އަކީ ބަލައިލަން އެހާމެ ހިތްގައިމެވެ. އަދި ބަލާ މީހަކަށް ފޮޓޯ ނަގަން ހިތްވަރު ލިބެ އެވެ. ރީތި ފޮޓޯއެއް ނަގަން ބޭނުން ނަމަ ކޮށްލަންޖެހޭ މަސައްކަތްތަކެއް ހުންނާނެ އެވެ. މިއީ އޭގެ ތެރެއިން ބައެއް ކަންކަމެވެ.

ކޮންމެ މަހަކު ހަތަރު ސަތޭކަ މިލިއަން މީހުން އިންސްޓަގްރާމް ބޭނުންކުރެ އެވެ. އިންސްޓަގްރާމުން އެމީހެއްގެ ދިރިއުޅުން މުޅި ދުނިޔެއާ ހިއްސާކޮށްލުމުގެ އިތުރުން އެމީހެއްގެ ފޮޓޯ ނެގުމުގެ ހުނަރު ދައްކާލަން ފުރުސަތު ލިބެ އެވެ. އިންސްޓަގްރާމް ބޭނުންކުރާ ބައެއް މީހުންނަކީ މިކަމުގެ މާހިރުންނެވެ. އެމީހުންގެ “ފީޑް” އަކީ ބަލައިލަން އެހާމެ ހިތްގައިމެވެ. އަދި ބަލާ މީހަކަށް ފޮޓޯ ނަގަން ހިތްވަރު ލިބެ އެވެ. ރީތި ފޮޓޯއެއް ނަގަން ބޭނުން ނަމަ ކޮށްލަންޖެހޭ މަސައްކަތްތަކެއް ހުންނާނެ އެވެ. މިއީ އޭގެ ތެރެއިން ބައެއް ކަންކަމެވެ.

ފޮޓޯ ކޮމްޕޯޒްކުރަން ޖެހޭތަ؟

ރީތިކޮށް ފޮޓޯ ކޮމްޕޯޒްކޮށް ފްރޭމް ކުރުމަކީ މުހިއްމުކަމެކެވެ. ރީޝާ ޝަރީފް ނުވަތަ އިއްޔަ އަކީ ގިނަ ގައުމުތަކަށް ދަތުރުކޮށްފައިވާ ޒުވާނެކެވެ. އޭނާ ކޮށްފައިވާ ދަތުރުތަކުގެ ހިތްގައިމު ފޮޓޯތައް އަބަދުވެސް ރީތިކޮށް ދައްކާލެވޭތޯ މަސައްކަތް ކުރެ އެވެ.

"ފޮޓޯ ބަލާ މީހާއަށް އިހުސާސްތަކެއް ކުރެވެންޖެހޭނެ. އިންސްޓަގްރާމްގެ ކުޑަ ގޮޅި ތެރެއަށް ކުލަ، އަލި އަދި ޓެކްސްޗާޒްވެސް ފްރޭމް ކުރަންޖެހޭ. އެހެންވެ ލައިޓިން އާއި ފްރޭމިން އަކީ ވަރަށް މުހިއްމު ދެ އެއްޗެއް" އިއްޔަ ބުންޏެވެ.

ލަޔާގެ އިންސްޓަގްރާމް ޕޯސްޓެއް

ލަޔާގެ އިންސްޓަގްރާމް ޕޯސްޓެއް

ފްރޭމް ކުރާއިރު ކޮންމެ 'ސަބްޖެކްޓް'އެއް ނުވަތަ ފޮޓޯ ނަގާ އެއްޗެއް ސީދާ މެދަށް ވާގޮތަށް ފްރޭމް ކުރުމުގެ ބަދަލުގައި ކުޑަކޮށް އަރިއަކަށް ޖައްސާލުމުން ފޮޓޯ ފުރިހަމަކޮށްދޭނެ ކަމަށް ފޮޓޯ ނަގައި މާހިރުން އެއްބަސްވެ އެވެ.

"ކުދި ކަންތައްތަކުން ބޮޑު ބަދަލެއް ގެނެވޭނެ. މިސާލަކަށް ޕްރޮޑަކްޓްއެއްގެ ފޮޓޯ ނަގާއިރު އެންމެ ރަނގަޅަށް ޕްރޮޑަކްޓް ދެއްކޭނެ ގޮތާ މެދު ވިސްނުން ވަރަށް މުހިއްމު. މިސާލަކަށް އެ ޕްރޮޑަކްޓެއްގެ ކައިރީގަ ހުންނަ އެހެން އެއްޗެހި މަދުކޮށްފަ އެއަށް ފޯކަސްވާގޮތަށް ފޮޓޯ ނެގުން،" ގްރެފިކް ޑިޒައިނާ އަދި ގަހަނާ ޑިޒައިންކުރާ ޒާރާ ފަޔާޒްގެ ނަސޭހަތަކީ މިއީ އެވެ.

ސެލްފީއެއް އެޑިޓް ކޮށްލަން ބޭނުންނަމަ؟

އިންސްޓަގްރާމްއަށް ސެލްފީއެއް ލުމަކީ އާއްމުކަމެކެވެ. ނަމަވެސް، މޫނުމަތި އިތުރަށް އޮމާން ކޮށްލައި ހޭވިފައި ހުރި އިސްތަށިތަކެއް ފޮހެލުން ފަދަ އެކި ކުދި ބަދަލުތައް ގެނެވޭނެ އެޕްލިކޭޝަން މިހާރު ލިބެން ހުރެ އެވެ. އޭގެ ތެރެއިން "ފޭސް ޓިޔުން" ނުވަތަ ކިމް ކާޑޭޝިއަން ބޭނުން ކުރާ "ޔޫ ކެމް ޕަފެކްޓް" އަދި "ޕަފެކްޓް 365" ހިމެނެ އެވެ.

ބޭނުންކުރާނީ ކޮންކަހަލަ ފިލްޓާއެއް؟

އިންސްޓަގްރާމް އެޕްގައިވެސް އެކި ވައްތަރުގެ ފިލްޓާ ހުރެ އެވެ. ނަމަވެސް، ހަމައެކަނި އެ ފިލްޓާތަކުން ފޮޓޯ އެޑިޓު ކުރުމުގެ ބަދަލުގައި ސްނެޕް ސީޑް، ކެމެރާ ޕްލަސް ނުވަތަ މިހާރު އެންމެ މަގުބޫލު އެޕް 'ވިސްކޯ' ބޭނުންކޮށްގެން ވެސް ގިނަ ބަޔަކު ފޮޓޯ އެޑިޓު ކުރެ އެވެ. މެލޭޝިއާގެ ބޯނިއޯގައި ކިޔަވަމުންދާ 19 އަހަރުގެ ހަސަން ބުނާގޮތުގައި ނޭޝްވިލް އަކީ ވަރަށް ކަމުދާ ފިލްޓާއެކެވެ.

އެންމެ ފުރަތަމަ އިންސްޓަގްރާމްއަށް ޕޯސްޓް ކުރި ފޮޓޯގައި ބޭނުން ކުރި ފިލްޓަރެއް. އެކަމަކު މިހާރު އެންމެ ގިނައިން ބޭނުންކުރަނީ ވިސްކޯގެ ފޮޓޯ ފިލްޓާޒް އަދި އެންމެ ކަމުދަނީ ސީ އެއިޓް ކިޔާ ފިލްޓާއެއް،" އޭނާ ބުންޏެވެ.

އިއްޔަގެ ޕޯސްޓެއް

އިއްޔަގެ ޕޯސްޓެއް

ކޮންމެ އިންސްޓަގްރާމް ފޮޓޯއަކަށް ފިލްޓާއެއް ބޭނުން ކުރާކަށް ނުޖެހެ އެވެ. އެ މަންޒަރެއް ގުދުރަތީ އަލީގައި ޗާލު ނަމަ އެ ފޮޓޯ އެގޮތަށް ޕޯސްޓު ކުރުމަކީ ގިނަ ބައެއްގެ ތައުރީފު އަދި 'ލައިކް' ލިބޭނެ ގޮތެއްވެސްމެ އެވެ. މީގެ ސަބަބުން 'ނޯ ފިލްޓާ' ހޭޝް ޓެގް އާއްމުންގެ ތެރޭގައި ފަހަކަށްއައިސް މަޝްހޫރެވެ.

ކެޕްޝަން މުހިންމުތަ؟

"ރަނގަޅު ކެޕްޝަނެއް ދިނުމަކީ ވަރަށް މުހިއްމުކަމެއް. އަޅުގަނޑުގެ އެންމެ މަގުބޫލު އިންސްޓަގްރާމް ފޮޓޯގެ ކެޕްޝަންއަކީ 'ސޯލާ އެކްލިޕްސް'، " ހަސަން ބުންޏެވެ. 


އިންސްޓަގްރާމް އަކީ 'ވިޝުއަލް ޑަޔަރީ' އެކޭ ބުނެވިދާނެ އެވެ. އެހެންނަމަވެސް އޭގައި ބޭނުންކުރާ ކެޕްޝަނެއްގެ ސަބަބުން ފޮޓޯގެ އަސްލު ރޫހު ގެއްލުން އެކަށީގެންވެ އެވެ. އިއްޔަ ބުނާގޮތުގައި "އިންސްޓަގްރާމަށް ފޮޓޯއެއް ޕޯސްޓު ކުރުމުގެ ކުރިން އެގަޑީގައި ނުވަތަ އެ ދަތުރަކު ފޮޓޯ ނެގިއިރު އިހުސާސުވި އިހުސާސްތައް ބަހުން ދޭހަ ކޮށްދެވޭ ކަހަލަ ކެޕްޝަނެއް" ބޭނުންކުރުން ވަރަށް މުހިންމެވެ.

އިއްޔަގެ ޕޯސްޓެއް

އިއްޔަގެ ޕޯސްޓެއް

ފޮޓޯއަކަށް ކިތައް ހޭޝްޓެގް؟

ހޭޝްޓެގް އަކީ އިންސްޓަގްރާމްގައި މުހިއްމު ރޯލެއް އަދާ ކުރާ އެއްޗެކެވެ. 'ފޮލޮވާޒް' ނުވަތަ ފޮޓޯއެއް ހޯދަން ބޭނުން ނަމަ ހޭޝްޓެގް ބޭނުން ކުރެވޭނެ އެވެ. އެހެންނަމަވެސް، ފޮޓޯއެއް ޕޯސްޓު ކުރާއިރު މާގިނައިން ހޭޝްޓެގް ބޭނުންކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ފަހަކަށްއައިސް ފޮޓޯތަކުގައި ބޭނުން ކޮށްފައި ހުންނަނީ ގިނަވެގެން ދެ ހޭޝްޓެގެވެ. އެއީ ކޮންމެހެން ބޭނުންކުރަންޖެހޭ ޓެގް އެކަންޏެވެ.

ފޮޓޯއެއް ފޯސްޓު ކުރަން ވަކި ވަގުތެއް އޮވޭތަ؟

އަމިއްލަ ފޮޓޯ ބޭނުން ވަގުތެއްފައު ޕޯސްޓު ކޮށްލުމުގެ މިނިވަންކަން އިންސްޓަގްރާމުން ލިބެ އެވެ. ނަމަވެސް، މިއީ ފޭސްބުކް ފަދަ ސޯޝަލް ވެބްސައިޓަކަށް ވުމުން، އާއްމުކޮށް ފޮޓޯ އަޕްލޯޑް ކުރަނީ ތިމާގެ ރަހުމަތްތެރިން ނުވަތަ 'ފޮލޮވާޒް' އާ އެކު ހިއްސާކޮށްލާށެވެ. ފްލޯރަލް އާޓިސްޓްރީގެ ރޮނގުން ކުރިއަށްދާ ހުނަރުވެރި ލަޔާގެ އެކައުންޓުގައި 11000 ފޮލޮވާޒް ވެ އެވެ.

ގައުމީ ދިދައިގެ ފޮޓޯއެއް

ގައުމީ ދިދައިގެ ފޮޓޯއެއް

"ފޮޓޯ ޕޯސްޓު ކުރާއިރު ކުރީބައިގައި ޕްލޭނެއް ނުކުރަން. އެކަމަކު އާއްމުކޮށް މީހުން އިންސްޓަގްރާމް ބޭނުންކުރާ ގަޑިތަކަށް ވިސްނާލަން، މިސާލަކަށް ރޭގަނޑު ދަންވަރު ނުވަތަ ފަތިހަކީ އާއްމުކޮށް މީހުން އިންސްޓަގްރާމް ބޭނުންކުރާ ގަޑިތަކެއް ނޫން،" ލަޔާ ބުންޏެވެ.

ލައިކްސް އިތުރުކޮށްލުމަށް

'ކިޔުރެލޭޓް' ކިޔާ 'އިމެޖް އެނަލިޓިކްސް' ކުންފުންޏަކުން ގިނަ 'ލައިކްސް' ލިބެނީ ކޮންކަހަލަ ފޮޓޯތަކަކަށްތޯ ބެލުމަށްޓަކައި 8 މިލިއަން ފޮޓޯ ދިރާސާ ކޮށްފައިވެ އެވެ. އެކުންފުނިން ކޮށްފައިވާ ދިރާސާއަކުން ހާމަވަނީ އަނދިރި ފޮޓޯތަކަށްވުރެން ކުލަ މަދު އަދި އަލި ގަދަ ފޮޓޯތައް މީހުންނަށް ކަމުދާކަމެވެ. އަދި ރަތް ކުލައަށް ވުރެ ނޫ ކުލައަށް ގިނަ ބައެއްގެ ސަމާލުކަން ލިބޭކަމާއި 'ޓެކްސްޗާ' ހުންނަ ފޮޓޯތަކަށް ގިނަ 'ލައިކްސް' ލިބޭކަމެވެ.

އިސްލާމީ މަރުކަޒުގެ މުންނާރު

އިސްލާމީ މަރުކަޒުގެ މުންނާރު

ގިނައިން ފޮޓޯ ނެގުން

ފުރަތަަމަ ނަގާ ފޮޓޯ އަކީ އެންމެ ފުރިހަމަ ފޮޓޯއަށް ވުން ވަރަށް ނާދިރެވެ. އެހެންކަމުން، ހިތްހަމަ ޖެހޭ ވަރަށް އެކި އޭންގަލްތަކުން ނުވަތަ އެކި ކޮމްޕޮޒިޝަން ބޭނުން ކޮށްގެން ފޮޓޯ ކޮޅެއް ނެގުމަށްފަހު އެއިން އެންމެ ރަނގަޅު ފޮޓޯއެއް އެޑިޓު ކުރާނީ އެވެެ. 
މީގެ އިތުރުން، ތިމާގެ އިންސްޓަގްރާމް އަކީ 'ވިޝުއަލް ޑަޔަރީ' އެއް ގޮތަށް ބަލަންވާނެ އެވެ.

"ތިމާގެ އިންސްޓަގްރާމްގައި ހުންނަންވާނީ ތިމާއަށް ކަމުދާ ނުވަތަ އުފާވެރި ހަނދާންތަކެއް ގެނެސްދޭ ފޮޓޯ،” ލަޔާ ބުންޏެވެ.

ހަސަން ވެސް ދޭ ނަސޭހަތަކީ "އެކި ވައްތަރުގެ އެކި ކަަހަލަ ފޮޓޯ ނަގަންވާނެ. އަދި އެހާ ބޮޑަށް އެ ފޮޓޯ ތަކާއި މެދު ނުވިސްނާ. ހަސަންގެވެސް އެންމެ ހިނގާފަ ހުރި ފޮޓޯތަކަކީ އެންމެ ހީނުކުރި ފޮޓޯތައް".