އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް ފޯރިގަދަ މެޗަކަށް ނުކުންނައިރު، ދެ ޓީމުގެ ވެސް އަމާޒުހުރީ ލީގުގެ ދެ ވަނަ އަށް އަރައި އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކުރުމަށެވެ.
21 އޮކްޓޯބަރ 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް ފޯރިގަދަ މެޗަކަށް ނުކުންނައިރު، ދެ ޓީމުގެ ވެސް އަމާޒުހުރީ ލީގުގެ ދެ ވަނަ އަށް އަރައި އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކުރުމަށެވެ.
ލީގުގައި ރޭ ގްރީން ސްޓްރީޓްސް އަތުން ހޯދި މޮޅާ އެކު ނިއު އެއް ވަނައިގައި އޮތީ ނުވަ މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ޓީސީ އަށް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، މި ދެ ޓީމު މިރޭ ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ނިއުގެ ލީޑު ދެ ޕޮއިންޓަށް ކުޑަވާނެ އެވެ. އެއްވަރުވެއްޖެނަމަ ނިއު އަށް ހަތަރު ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.
އެސްޓީއޯ މާލޭ ލީގުގެ ފެށުން ދަށްކޮށް ދިޔަ ނަމަވެސް އެ މުބާރާތުގެ ދެ ވަނަ ބުރުން ފެށިގެން ޓީސީގެ ފޯމު އަންނަނީ މެޗަކަށް ފެހު މެޗެއް ރަނގަޅުވަމުންނެވެ. ފަހަކަށް އައިސް އެ ޓީމުގެ އެޓޭކިން ފުޓްބޯޅަ ހުއްޓުވަން ގިނަ ޓީމުތަކަށް ވަނީ އުނދަގޫވެފަ އެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ އެ ޓީމު އޮތީ މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.
"ނުކުންނަން މި ޖެހެނީ އެންމެ ފަހުގެ ޗެމްޕިއަނުންނާ ދެކޮޅަށް. ދެން ސަމާލުވާނެ ހުރިހާ ކަމަކަށް ވެސް. ދެ ޓީމު މިއޮތީ ޕޮއިންޓުގެ ގޮތުން ހަމަހަމަވެފައި. އެއް ޓީމު އަނެއް ޓީމުގެ މައްޗަށް ކުރިހޯދަން ލިބޭ ފުރުސަތެއް މިއީ. އެކަމަށް ވަރަށް ވިސްނަން ޖެހޭނެ. ޕޮއިންޓު ޓޭބަލަށް ބަލާއިރު މި މެޗުގެ މުހިއްމުކަން ދެ ޓީމަށް ވެސް ބޮޑު،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ ޓީސީ އަށް މި މެޗު ފަސޭހަކޮށްލެވޭނެ އެއްވެސް ވަގުތެއް ނާންނާނެ ކަމަށާއި ކުޅެން ޖެހޭނީ ވަރަށް ވިސްނައިގެން ކަމަށެވެ.
"ވަަރަށް މަސައްކަތުން ކޮންމެ ޓީމެއް ވެސް މި ހިސާބަށް އަންނަނީ. މި މެޗުން ޓީސީގެ 200 ޕަސެންޓް ނުލައިފިއްޔާ ފަސޭހަ ނުވާނެ. އެވަރު ދަނެގެން އެހާ ވަރަށް މަސައްކަތް ކުރަން ކުޅުންތެރިންނަށް އިރުޝާދުދޭނީ،" ނިޒާމްބެ ބުންޏެވެ.
ޓީސީގެ ކޯޗު ނިޒާމްބެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެޓޭކިން އަށް ބަލާއިރު އެންމެ ގިނަ ކުޅުންތެރިން އެއް ޓީމަކުން ލަނޑު ޖަހާފައިވާ އެއް ޓީމަކީ ޓީސީ އެވެ. އެ ޓީމަށް ކުޅޭ ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓާއި ސ.ފޭދޫގެ އިބްރާހިމް މަހުދީގެ އިތުރުން ޒުވާން ފޯވާޑް ނާއިޒު ހަސަން (ދާދު) އަންނަނީ ރަނގަޅު ކުޅުމެއް ދައްކައި މުހިއްމު ލަނޑުތަކެއް ޖަަހަމުންނެވެ.
"ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އެއް ކުޅުންތެރިއެއް ނޫން ލަނޑު ޖަހަމުން މިދަނީ. ކުރިއަށް ކުޅޭ ހުރިހާ ކުޅުންތެރިން ވެސް ލަނޑު އެބަޖަހާ. އެހެން ކަމަށްވާނަމަ އެތަނުން އެއް ކުޅުންތެރިއަކު މެޗަކުން ގެއްލުނަސް. އޭގެ ބިރު ތަންކޮޅެއް ކުޑަ. މި ގޮތަށް ހިފެހެއްޓުމަކީ ފަސޭހަކަމެއް ނޫން. އެކަމު ކުޅުންތެރިން އެކުރާ ހިތްވަރު އެއްޗަކީ،" ނިޒާމްބެ ބުންޏެވެ.
ސްކޮޑަށް ބަލާއިރު އެންމެ ވަރުގަދަކޮށް އޮތީ މާޒިޔާ އާއި ނިއު ރޭޑިއަންޓް ކަމަށާއި މިރޭގެ މެޗަށް ނުކުންނާނީ ކުރެވުނު ހުރިހާ ކަމެއް ކޮށްގެން މޮޅުވުމަށް ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.
"އެ ދެ ޓީމު މިސާލަކަށް މާޒިޔާގެ ބެންޗުން އަރާނީ ވެސް ނެޝަނަލް (ގައުމީ) ލެވެލްގެ ކުޅުންތެރިން. އެއީ އެޑްވާންޓޭޖެއް. ހަމަގައިމު ވެސް މި ނުކުންނަނީ ވާދަވެރި މެޗަކަށް. ދެ ޓީމު ދެކޮޅުގައި އޮންނައިރު އަތުގުޅާލައިގެންނެއް ނުނިކުންނާނެ. އެކަމު ނިންމާލާއިރު ސަލާމްކޮށް އެއްބައެއްގެ ގޮތުގައި ތިބޭނީ އެއީ ސަތޭކަ ޕަސެންޓް ޔަގީންކަމެއް،" އޭނާ ބުންޏެވެ.
މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނީ މާޒިޔާއާ ދެކޮޅަށް ކުޅޭއިރު ޓީސީ އަބަދުވެސް އޮންނަނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ.
"އަބަދު ވެސް ޓީސީ އޮންނަނީ ރަނގަޅު ފޯމެއްގައި. އަހަރެމެން ދެ ޓީމު ބައްދަލުކުރާނަމަ ބަލާހިތްވާ މެޗެއް ފެނުނަސް މިއީ ކޯޗުންނަށް ފަސޭހަ މެޗެއް ނޫން. އަބަދުވެސް ތައްޔާރީތައް ދާނީ ރަނގަޅަށް އެއީ ޓީމެއްގެ ގޮތުގައި އަހަރެމެން ކުރިއަށްދާނީ. ހުރިހާ ޓީމަކާ ދެކޮޅަށް ވެސް 100 ޕަސެންޓް ދޭން ޖެހޭ ހާއްސަކޮށް ޓީސީއާ ދެކޮޅަށް،" ސެކުލޮސްކީ ބުންޏެވެ.
އޭނާ ބުނީ އެއް ފެންވަރެއްގެ ޓީމުތަކާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ނަތީޖާ ނުކުންނަނީ މެޗުގައި ހިނގާ ކުޑަކުޑަ ކަމެއްގެ ސަބަބުން ކަމަށާއި މިރޭގެ މެޗުގައި އެ ފަދަ ކަންކަމަށް ވިސްނައިގެން ނޫނީ މާޒިޔާ އަށް ނަތީޖާ ނުނެރެވޭނެ ކަަމަށެވެ. އަދި މިރޭގެ މެޗުގެ ނަތީޖާ ނަސީބުގެ އެހީ ލިބޭ ޓީމެއް ކޮޅަށް އެނބުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ބުންޏެވެ.
މާޒިޔާގެ ކޯޗު ސެކުލޮސްކީ ނޫސްވެރިންގެ ބައްދަލުވުމައި ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ޓީސީއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި އަބަދުވެސް ނަތީޖާ ނުކުންނަނީ ކުޑަ ތަފާތެއްގެ ސަބަބުން. އަހަރެމެން ތިން މެޗު ޓީސީއާ ދެކޮޅަށް ކުޅެފިން. މާލޭ ލީގު ފުރަތަމަ ބުރުގެ މެޗުގައި އަހަރެމެން 3-0 އިން މޮޅުވިއިރު އަހަރެމެންގެ ލަނޑު ޖެހުން އޮތީ ވަރަށް ރަނގަޅަށް. ދެ ވަނަ މެޗުގައި އަހަރެމެން 0-0 ވީއިރު މި މެޗުގެ އެއް ގަޑިއިރު އަހަރެމެން ކުޅުނީ 10 ކުޅުންތެރިންނާ އެކު. އެންމެ ފަހުން މެޗުގައި އަހަރެމެން 1-0 އިން ބަލިވިއިރު ލަނޑު ވަނީ ފުރަތަމަ މިނިޓްގައި. އަހަރެންގެ ނަޒަރުގައި އެއީ އޮފްސައިޑް ލަނޑެއް،" އޭނާ ބުންޏެވެ.
މިރޭގެ މެޗުން މޮޅުވެގެން މި ވަގުތު ލީގުގެ ދެ ވަނަ އަށް ކޮންމެ ޓީމެއް އެރިޔަސް އަދި ވަކި ކަމެއް ހާސިލްނުވާނެ ކަމަށާއި މިއީ މާޒިޔާ އަށް ވަކި ހާއްސަ މެޗެއް ނޫން ކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ.
"މިއީ ދެ ވަނަ ބުރުގެ ދެ ވަނަ މެޗު. މި ލީގުގައި އަހަރެމެން ކުޅެން ޖެހޭ 14 މެޗު. އޭގެ މާނަ އަކީ ކޮންމެ މެޗެއް ވެސް މުހިއްމުކަން. މި މެޗުގައި ނުކުންނަ ނަތީޖާ އަކުން ވަކި ގޮތެއް ނުނިންމޭނެ. ލީގު ނިމޭއިރު އޮންނަ ގޮތެއް ނޭނގޭނެ. އެއީ ހުރިހާ މެޗެއް ވެސް ކުޅެން ޖެހޭތީ. އަހަރެމެންނަށް ނެތް ދަންނަ ޓީމެއް. ނޫނީ ރަހުމަތްތެރިކަމެއް އޮންނަ ޓީމެއް ވެސް. ކޮންމެ ޓީމެއް ވެސް މާޒިޔާއާ ކުޅެނީ ވަރަށް ތައްޔާރުވެގެން،" އޭނާ ބުންޏެވެ.
އެހެން ކްލަބްތަކާ ގާތްގުޅުމެއް އޮންނަ ޓީމުތައް އޮވޭތޯ ސުވާލު ކުރުމުން ސެކުލޮސްކީ ބުނީ އޭނާ އަށް އެކަން ނޭނގޭ ކަމަށެވެ.
"އަހަންނަށް ޔަގީން މާޒިޔާގެ ގާތް ކްލަބެއް ނޫނީ ރަހުމަތްތެރި ކްލަބެއް ނެތްކަން. އެހެން ޓީމުތަކެއްގެ ގޮތެއް ނޭނގޭ،" އޭނާ ބުންޏެވެ.
މި މުބާރާތުގައި މިހާތަނަށް މާޒިޔާ ބަލިވެފައިވަނީ ޓީސީ އަތުން އެކަންޏެވެ. މިރޭ މި ދެ ޓީމު ބައްދަލުކުރާ މެޗު ފަށާނީ 9 ޖަހާއިރު އެވެ.
މާޒިޔާ އަތުން މޮޅުވެ ޓީސީން ނިއުއާ ގާތްކޮށްފި
މާޒިޔާ ބަލިކޮށް ޓީސީ ދެ ވަނަ އަށް
މެޗުގެ ކުރިން ޓީސީ އާއި މާޒިޔާ އަށް އުނދަގޫ ހާލަތެއް
ނިއު އާއި މާޒިޔާ މެޗުގެ މައްސަލަތަކެއް ބަލަން ފަށައިފި
މާޒިޔާ ބަލިކޮށް ނިއު އައްޑަަނަ އުފުލާލައިފި
ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ އަށް ލީގުގެ ދެ ވަނަ
ނިއު އާއި މާޒިޔާ މެޗު: ދެ ކޯޗުންނަށް ޗެލެންޖެއް!
ފޯމު ރަނގަޅުކޮށްގެން އެންޑީ އަދި އެނބުރި އަންނާނެ
ލީގު ނުލިބުނަސް ޓީސީގެ މަގާމު ރަނގަޅު: ނިޒާމްބެ
ގްރީން ބަލިކޮށް މާޒިޔާއާ އެކު އިންމަ އަށް މޮޅެއް