Roadha Mihaaru
މާޒިޔާ އަތުން މޮޅުވެ ޓީސީން ނިއުއާ ގާތްކޮށްފި

މާޒިޔާ އަތުން މޮޅުވެ ޓީސީން ނިއުއާ ގާތްކޮށްފި

22 އޮކްޓޯބަރ 2017

މުޅި މެޗުގައި ކުރި ވަރުގަދަ ހިތްވަރާ އެކު، ޗެމްޕިއަން މާޒިޔާ 2-1 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް އަރައި، އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާ ދެ ޕޮއިންޓަށް ފަރަގުކުޑަކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މުޅި މެޗުގައި ކުރި ވަރުގަދަ ހިތްވަރާ އެކު، ޗެމްޕިއަން މާޒިޔާ 2-1 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް އަރައި، އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާ ދެ ޕޮއިންޓަށް ފަރަގުކުޑަކޮށްފި އެވެ.

އެއް ވަނައިގައި ނިއު 24 ޕޮއިންޓާ އެކު އޮތްއިރު ޓީސީ ދެ ވަނައިގައި އޮތީ 22 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުން ބަލިވި މާޒިޔާ 19 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު އެ ޓީމާ ނިއުއާ ދެ މެދު ފަސް ޕޮއިންޓުގެ ފަރަގެއް މިހާރު އެބައޮތެވެ.

ކެޕްޓަން އަސަދުﷲ އަބްދުﷲ އަނިޔާގައި ހުރުމުން މާޒިޔާގެ އެޓޭކުގައި މިހާރު އެންމެ މުހިއްމު ދައުރެއް އަދާކުރާ މުހައްމަދު އުމެއިރު ސަސްޕެންޝަނުގެ ސަބަބުން މިރޭ ނުކުޅެ އެވެ. އަނެއްކޮޅުން ފުރަތަމަ ހާފުގައި ސަމޫހު އަލީ (ސަމުއްޓެ) އަށް އަނިޔާވެ މާޒިޔާ އަށް އިތުރު މައްސަލަތަކެއް ދިމާވި އެވެ.

އެކަމަކު މި މެޗުން މޮޅުވުމުގެ ހުރިހާ ކްރެޑިޓެއް ހައްގު ވަނީ ޓީސީގެ ކުޅުންތެރިންނަށެވެ. މާޒިޔާ އަށް ދުލެއް ނުދީ ފުރަތަމަ ހާފުގައި ކުޅުނުއިރު ލީޑަށް ފަހު ވެސް އައީ ކައުންޓާ އެޓޭކުގައި ނުރައްކާކުރަމުންނެވެ.

މެޗުގެ ކުރީކޮޅު ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ މާޒިޔާގެ ގޯލަށް ދެ ހަމަލާ ފޮނުވާލައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި އިއްބެ އުފެއްދި އެޓޭކެއްގައި، ދެ ވަނަ ފަހަރަށް ބޯޅަ ލިބުމުން މާޒިޔާގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އޭނާ ފޮނުވާލި ހިތްގައިމު ބޯޅަ ގޮސް ވަނީ ގޯލުގެ ކަނަށެވެ.

ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ޓީސީގެ ނާއިޒް ހަސަން (ދާދު) ގޯލް ޖެހުމާ ގާތަށް ދިޔަ އެވެ. އޭނާ އަށް ހުސްކޮށް ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ފޮނުވާލަން ބެލިއިރު މާޒިޔާގެ ކުޅުންތެރިން ވަނީ މަގާމްތަކަށް އަރައިފަ އެވެ. އެއާ އެކު އޭނާ އެ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ޝޮޓް ގޯލާ އަމާޒެއް ނުވި އެވެ.

މާޒިޔާ އިން މި ހާފުގައި ގޯލެއް ޖެހުމާ އެންމެ ގާތަށް ދިޔައީ 63 ވަނަ މިނެޓުގަ އެވެ. އަމްދާން އަލީ (އެންޑީ) އަށް އަނިޔާވުމުން މެޗުގެ ފަހު ބައިގައި ސެންޓްރަލް ޑިފެންޑަރަކަށް ކުޅުނު މުހައްމަދު އިރްފާން (އިރޭ) އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ، މިރޭ ފޯވާޑަކަށް ކުޅުނު އަސްހަދު އަލީ (އަޑުބަރޭ) ބޮލުން ޖަހަޖަހާ އޮއްވާ ޓީސީގެ ނޭޕާލް ގޯލްކީޕަރު ކިރަން ޝެމްސޮން ހިފި އެވެ.

މާޒިޔާ އިން ކުރިއަށް ޖެހެމުން ދިޔަ ވަރަކަށް ޓީސީން ދިޔައީ ކައުންޓާގައި ނުރައްކާކުރަމުންނެވެ. އެގޮތުން 76 ވަނަ މިނެޓުގައި، ބަދަލު ކުޅުންތެރިއާ ކޮނޭލިއަސް ސްޓެވާޓް ހުރަސްކުރި ބޯޅަ ގޯލް ކުރިމަތީ އެކަނިމާއެކަނި ހުރެ ފޭދޫ އިއްބެގެ ފައިގައި ލައްވާނުލި އެވެ. އެކަމަކު 84 ވަނަ މިނެޓުގައި ކައުންޓާ އެޓޭކެއްގައި އޭނާ ވަނީ ކުރިއަށް އަރައި މާޒިޔާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ގޯލް ޖަހައި ޓީސީ އަށް ލީޑު ފުޅާކޮށްދީފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި މާޒިޔާ އަށް ޕެނަލްޓީއެއް ލިބި، އިސްމާއިލް އީސާ ޕެނަލްޓީ ކާމިޔާބުކޮށް ތަފާތުކުޑަކުރި އެވެ. އެކަމަކު ފަހު ތިން މިނެޓުގެ ތެރޭގައި އެ ޓީމަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ.

"ނެތް ބުނާނެ އެއްވެސް އެއްޗެއް،" ހިތްހަމަނުޖެހިފައި ހުރި މާޒިޔާ ކޯޗު މަރްޔަން ސެކުލޮސްކީ ބުންޏެވެ. "އަހަރެމެން އަތުން މެޗު ގެއްލިއްޖެ ފުރަތަމަ ހާފުގެ އިތުރު ވަގުތު (ޓީސީ ލަނޑު ޖެހި ހިސާބުން). މަސައްކަތްކުރިން މެޗުގެ ތެރެއަށް ވަންނަން. އެކަމެއް ނުވި. އަނިޔާއަކަށް ފަހު އަނިޔާއެއް ވަމުން ދިޔައީ."

އޭނާ ބުނީ އަދި ފަސް މެޗު އެބައޮތް ކަމަށާއި އެހެންކަމުން އަދި އޭނާގެ ޓީމު ޕްރެޝަރަށް ނުވެއްޓޭ ކަމަށެވެ.

"ފަސް މެޗުން އެއީ 15 ޕޮއިންޓް. ކޮންމެ ގޮތެއް ވެސް ވެދާނެ. ހިނގާ ބަލަމާ،" ސެކުލޮސްކީ ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މޮޅު މިވީ އެންމެ މުހިއްމު އަދި އެންމެ އުނދަގޫ އެއް މެޗުން ކަމަށާއި މިރޭ މޮޅުވުމަށް ވުރެ ވެސް ފާހަގަކުރަނީ ކުޅުންތެރިން ކުރި މަސައްކަތް ކަމަށެވެ.

"މާޒިޔާ އަކީ ޑިފެންޑިން ޗެމްޕިއަން. އަދި އެންމެ ވަރުގަދަ ސްކޮޑް. އަނެއްކާ މި ސީޒަނުގައި ވެސް އެންމެ ރަނގަޅަށް ކުޅޭ އެއް ޓީމު. (އެހެންވެ) މިއީ އެންމެ މުހިއްމު އެއް މެޗު. އެންމެ އުނދަގޫ ވެސް އެއް މެޗު. މިއަދު ނަތީޖާ އަށް ވުރެ ވެސް ހިތްހަމަޖެހެނީ ކުޅުންތެރިންގެ އެފޯޓާ މެދު،" ނިޒާމްބެ ބުންޏެވެ.

މި ނަތީޖާއާ މެދު ލީގު ޗެމްޕިއަންކަމާ މެދު އުއްމީދު ކުރަންތޯ އެހުމުން ނިޒާމްބެ ބުނީ ލީގަށް ކޮލިފައިވި ހިސާބުން އެކަމަށް އުއްމީދުކުރަމުން އަންނަ ކަމަށެވެ.

"އެކަމަކު އެއީ ފަސޭހަ ކަމެއް ނޫން. އަދި މި ހިސާބުން ފަސޭހަކޮށްލެވެން ވެސް ނެތް،" ނިޒާމްބެ ބުންޏެވެ.