Roadha Mihaaru
"ފާރިސްއާ ދެކޮޅު ހެކިންނަށް ވަޒީފާގެ ބިރު އެބައޮތް"

ވަޒީފާ ގެއްލުމުގެ ބިރު އޮތް ކަމަށް ބުނެ ފާރިސްއާ ދެކޮޅު ހެކިން ސިއްރު ކުރަން އެދެފި

22 އޮކްޓޯބަރ 2017

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުކުރަން ހުށަހެޅި ދެ ހެކިވެރިންނަށް ވަޒީފާގެ ގެއްލުމުގެ ބިރު އޮތުމުން އެ މީހުން ސިއްރުކުރަން ބޭނުންވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުކުރަން ހުށަހެޅި ދެ ހެކިވެރިންނަށް ވަޒީފާގެ ގެއްލުމުގެ ބިރު އޮތުމުން އެ މީހުން ސިއްރުކުރަން ބޭނުންވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކޮށްގެން ޕްރެސް ކޮންފަރެންސެއް ބޭއްވި ކަމަށް ބުނެ ފާރިސް އަށް ކުރާ ދައުވާއާ ގުޅިގެން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ސިއްރު ދެ ހެކިވެރިއަކާއި އިތުރު ހެކިތަކެއް ހުށަހެޅުމުން، ފާރިސްގެ ވަކީލުންގެ ޓީމުން ވަނީ އެކަމާ ދެކޮޅު ހަދައި، އެ ދެ ހެކިވެރިން ސިއްރު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. ސަބަބެއްގެ ގޮތުގައި ފާރިސްގެ ވަކީލުން ބުނަނީ އިބްތިދާއީ މަރުހަލާގައި ހެކިވެރިން ސިއްރު ކުރުމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ދައުލަތުން އެދިފައި ނެތުމެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލާ އައިޝަތު ރީޝާ ވިދާޅުވީ ހެކިވެރިންގެ މައުލޫމާތު ކުރިން އޮތީ ކޯޓަށް ހުށަހަޅާފައި ކަމަށާއި އެ ހުށަހެޅުން ބަލައި ނުގަނެވޭނެ ކަމަށް ކޯޓުން އަންގާފައި ނެތް ކަމަށެވެ. އެއީ ޕްރެސް ކޮންފަރެންސަށް ދިޔަ ދެ މީހެއް ކަމަށާއި އެ މީހުންގެ މައުލޫމާތު އާންމުވެއްޖެ ނަމަ އެ މީހުންގެ ވަޒީފާ ގެއްލި، އިގްތިސާދީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ރީޝާ ވިދާޅުވި އެވެ.

ދައުލަތުން އެގޮތަށް ބުނުމުން ފާރިސްގެ ވަކީލް މައުމޫން ހަމީދު ވަނީ، އިގްތިސާދީ ގެއްލުމަކީ އެ ފަރާތްތަކަށް ރިޝްވަތުގެ ފައިސާ ނުލިބުންތޯ ވިދާޅުވެ، ސުވާލު އުފައްދަވައިފަ އެވެ. އަދި ފާރިސްގެ ފަރާތުން އެ ހެކިވެރިންނަށް ނުފޫޒު ފޯރުވާނެ ގޮތެއް ނެތް ކަމަށް ވިދާޅުވެ، ހެކިވެރިން ހާމަ ކުރަންޖެހޭނެ ކަމަށް މައުމޫން ތަކުރާރުކޮށް ވިދާޅުވި އެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު، އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ހެކިވެރިން ސިއްރުކުރުމާ މެދު ގޮތެއް ނިންމަވާނީ ހެކިބަސް ނަގާ އަޑުއެހުމުގައި ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި އޮތީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ.

ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ފުލުހުންނަށް ފޮނުވާފައިވާ ސިޓީއެއް ވެސް ފާރިސްއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާތީ، ފާރިސްގެ ވަކީލުން ވަނީ އެ ސިޓީގެ ސައްހަކަމާ މެދު ސުވާލު އުފައްދައިފަ އެވެ. އެއީ ދިދަ އާއި ލޯގޯ ފާރިސް ބޭނުން ކުރުމުން އެ މައްސަލަ ބަލައި ދިނުމަށް އެދި ޕީޕީއެމްގެ ފަރާތުން އަބްދުއްރަހީމް ފުލުހަށް ފޮނުވި ސިޓީއެކެވެ.

ވަކީލް މައުމޫން ވިދާޅުވީ އަބްދުއްރަހީމަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޕީޕީއެމްގެ ނައިބު ލީޑަރު ކަމުން ވަކިކޮށްފައިވާ ބޭފުޅެއް ކަމަށާއި އެހެންވެ މި މައްސަލާގައި ޝަހްސު އޮޅުވާލީ އަބްދުއްރަހީމް ނޫންތޯ މައުމޫން ސުވާލު އުފެއްދެވި އެވެ.

ޕީޕީއެމްގެ އެތެރޭގެ ކޯޅުންގަނޑުގެ ތެރޭގައި އޭރު އަބްދުއްރަހީމް ޕާޓީން ވަކިކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުންނެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ބަލަމުން އައީ އަބްދުއްރަހީމަކީ ނައިބު ލީޑަރެއްގެ ގޮތުގަ އެވެ. ފަހުން ސިވިލް ކޯޓުން ހުކުމް ކުރީ ރައީސް ޔާމީނަށް ޕާޓީ ހިންގުމުގެ ބާރު ލިބިވަޑައިގަންނަވާ ގޮތަށެވެ.

ދައުލަތުން ހެކިތައް ހުށަހެޅިޔަސް ފާރިސްގެ ފަރާތުން ދިފާއީ ހެއްކެއް މިއަދު ހުށަހެއް ނާޅަ އެވެ. އެ ހެކިތަައް ތިން ދުވަސް ތެރޭގައި ލިޔުމުން ހުށަހަޅަން ގާޒީ ވަނީ ފުރުސަތު ދެއްވައިފަ އެވެ.

ކުރިއެކޭ ވެސް އެގޮތަށް މިއަދުގެ އަޑުއެހުމުގައި ވެސް ވަކީލް މައުމޫން ވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ނެތީސް ޝަރީއަތް ކުރިއަށް ގެންދާތީ އެކަން ފާހަގަކުރައްވައިފަ އެވެ. އޭގެ ރައްދުގައި ދައުލަތުން ބުނީ އެ ގަވާއިދު ނެތަސް، ޝަރީއަތް ކުރުމާ ބެހޭ މައިގަނޑު އުސޫލުތައް ގާނޫނުގައި ބަޔާންކޮށްފައި އެބައޮތް ކަމަށާއި އެހެންވެ ކޯޓުން ކަނޑައަޅާ އުސޫލެއްގެ މަތިން ޝަރީއަތް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

ފާރިސް ހުންނެވީ ޣައިރު ގާނޫނީ ބަންދެއްގައި ކަމަށް ވިދާޅުވެ، ބަންދުން ދޫކުރުމުގެ އަމުރަކަށް ފާރިސްގެ ވަކީލުން އެދުމުން ދައުލަތުން ބުނީ އޭނާ ބަންދުގައި ހުރީ މި މައްސަލައާ ގުޅިގެން ނޫން ކަމަށާއި އެހެންވެ މި މައްސަލާގެ ތެރޭގައި އޭނާގެ ބަންދާ މެދު ގޮތެއް ނުނިންމޭނެ ކަމަށެވެ.

ފާރިސް މިވަގުތު ބަންދުގައި ހުރީ އޭނާގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާއާ ގުޅިގެންނެވެ. އެ މައްސަލައިގެ ޝަރީއަތް ހިންގަނީ ވަކިންނެވެ.