Roadha Mihaaru
ގާކޮށިބީގައި ހަދާ ރިސޯޓު އަންނަ ޑިސެމްބަރުގައި ހުޅުވަނީ

ގާކޮށިބީގައި ހަދާ ރިސޯޓު "ސިއްރު ފެންފުށި"ގެ ނަމުގައި ޑިސެމްބަރުގައި ހުޅުވަނީ

23 އޮކްޓޯބަރ 2017

ށ. ގާކޮށިބީގައި ހަދާ މަތީ ފެންވަރުގެ ރިސޯޓު "ސިއްރު ފެންފުށި"ގެ ނަމުގައި އަންނަ ޑިސެމްބަރު މަހު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ށ. ގާކޮށިބީގައި ހަދާ މަތީ ފެންވަރުގެ ރިސޯޓު "ސިއްރު ފެންފުށި"ގެ ނަމުގައި އަންނަ ޑިސެމްބަރު މަހު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ކުރިން އޭޑީކޭ ޓްރެވަލްސް އިން 2007 ވަނަ އަހަރު ތަރައްގީކުރަން ފެށި ރަށް ސިންގަޕޫރުގެ އެސް ސީ ކެޕިޓަލް ކިޔާ ކުންފުންޏަށް ވިއްކައިލީ މިދިޔަ އަހަރުގެ ޖެނުއަރީމަހު އެވެ. ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހުޅުވާ އެ ރިސޯޓު ވިއްކާލިއިރު އޮތީ 60 ޕަސެންޓް މަސައްކަތް ނިމިފަ އެވެ.

ށ. އަތޮޅުގައި ދެވަނައަށް ހުޅުވާ ރިސޯޓުގައި 112 ލަގްޒަރީ ވިލާ އާއި ތިން ރެސްޓޯރަންޓްގެ އިތުރުން ބާއެއް ވެސް ހުރެ އެވެ.

ސިއްރު ފެންފުށީގެ ނަމުގައި ހުޅުވާ އެ ރިސޯޓަށް 260 މުވައްޒަފުން ހޯދުމަށް އޯޕަންޑޭ އެއް ބެއްވުމަށް ވަނީ ނިންމައިފަ އެވެ.

އެ ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެޗްއާރް މޯލްޑިވްސްގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑައިރެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ ރިސޯޓަށް އެކި ދާއިރާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އޯޕަން ޑޭއެއް ބާއްވަން ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ކަމަށެވެ.

"ސީވީ ހިފައިގެން އައީމަ އެތަނުގައި އިންޓަވިއުކޮށް ސްޓާފުން ނަގާނެ. ތަޖުރިބާކާރު ކުދިންނަށް ފުރުސަތު ބޮޑުވާނެ،" ޝިޔާމް ވިދާޅުވި އެވެ.

އެރިސޯޓަށް މުވައްޒަފުން ހޯދާ ދާއިރާތަކުގެ ތެރޭގައި އާންމުކޮށް ރިސޯޓަކަށް ބޭނުންވާ ހުރިހާ ދާއިރާތަކެއް ހިމެނެ އެވެ.

ގާކޮށިބީ ފުރަތަމަ ހުޅުވަން ނިންމީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން މެރިއޮޓް އިންޓަނޭޝަނަލްގެ ބްރޭންޑެއް ކަމަށްވާ ރެނައިސަންސް މޯލްޑިވްސްގެ ނަމުގައި 2009 ވަނަ އަހަރުގެ އެވެ. އަދި އޭގެ ފަހުން އިސްލާމިކް ރިސޯޓެއްގެ ގޮތުގައި ތުރުކީގެ ކެޕްރިސް ގޯލްޑް ކިޔާ ކުންފުންޏަކާ ގުޅިގެން ކެޕްރިސް ގޯލްޑް މޯލްޑިވްސްގެ ނަމުގައި 2014ގައި ވެސް އެ ރިސޯޓު ހުޅުވަން މަސައްކަތްކުރި އެވެ. ނަމަވެސް ފަހުން ސިންގަޕޫރުގެ އެސް ސީ ކެޕިޓަލްއާއެކު އެއްބަސްވުމުގައި ސޮއިކުރީ ތުރުކީގެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށްފަ އެވެ.

އެ އަތޮޅު ވަނގަރުގައި "ވައިސްރޯއި މޯލްޑިވްސް"ގެ ނަމުގައި ކުރިން ރިސޯޓެއް ހުޅުވާފައިވެ އެވެ. ނަމަވެސް އެ ރަށް މިހާރު އޮތީ މަރާމާތަށް ބަންދުކޮށްފަ އެވެ.