Roadha Mihaaru
ގާކޮށިބީގައި ހެދި ރިސޯޓު ހުޅުވައިފި

"ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި"ގެ ނަމުގައި ގާކޮށިބީ ހުޅުވައިފި

25 އެޕްރީލް 2018

"ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި"ގެ ނަމުގައި ށ. ގާކޮށިބީގައި ހެދި މަތީ ފެންވަރުގެ ރިސޯޓު މި މަހު ހުޅުވައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

"ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި"ގެ ނަމުގައި ށ. ގާކޮށިބީގައި ހެދި މަތީ ފެންވަރުގެ ރިސޯޓު މި މަހު ހުޅުވައިފި އެވެ.

ގާކޮށިބީގައި ހެދި 120 ލަގްޒަރީ ވިލާގެ ރިސޯޓު ކުރިން ހުޅުވަން ހަމަޖައްސާފައި އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

މިއީ މިދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ށ. އަތޮޅުގައި ހުޅުވި ފުރަތަމަ ރިސޯޓެވެ.

އެ ރިސޯޓު ހިންގާ ފްރާންސްގެ އެކޯ ހޮޓެލްސް އިން ބުނެފައި ވަނީ އެ ކުންފުނީގެ ފެއާމޮންޓް ބްރޭންޑްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ރިސޯޓަށް އަންނަ ގެސްޓުން ވެސް ތިބީ ރާއްޖެއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"އަޅުގަނޑުމެން މިތިބި ވަރަށް އުފާވެފައި، 2017 ވަނަ އަހަރު މި ސަރަހައްދަށް އައުމަށް ފަހު ފުރަތަމަ ފަހަރަށް ރާއްޖޭގައި ފެއާމޮންޓް ތައާރަފް ކުރެވުނީމާ. ގެސްޓުން ވެސް ދެކެނީ އެ މީހުން ތިބެވެނީ ސަރަހައްދުގެ މައި މަންްޒިލްގައި ކަމަށް. އަޅުގަނޑުގެމެންގެ ފުރަތަމަ ފެއާމޮންޓް ބްރޭންޑުގެ ރިސޯޓު ހުޅުވުމާ ދިމާކޮށް ދިވެހިވަންތަ މެހުމާންދާރީ މިދަނީ އަދާކުރަމުން،" އެކޯ ހޮޓެލްސްގެ ޗީފް އޮޕަރޭޓިން އޮފިސަރު ޕެޓްރިކް ބެސެޓް ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ އެންމެ ބޮޑު ފަޅު ހިމެނޭ ރިސޯޓުގައި، ކަނޑު އަޑީގެ ފުރަތަމަ ސްކަލްޕްޗާ މިއުޒިމެއް ވެސް ހުންނާނެ ކަމަށެވެ. އެ މިއުޒިމް ހެދީ އިނގިރޭސި ވިލާތުގެ ކުރެހުންތެރިއެއް ކަމަށްވާ ޖޭސަން ޑިކެއާސް ޓޭލާސް ކިޔާ މީހެކެވެ. ނެޝަނަލް ޖިއޮގްރަފިކުން ވަނީ އެ މަސައްކަތަށް ދުނިޔޭގެ އެންމެ މޮޅު 25 މީހުންގެ ތެރޭގައި ހިމަނައިފަ އެވެ.

ކުރިން އޭޑީކޭ ޓްރެވަލްސް އިން 2007 ވަނަ އަހަރު ތަރައްގީ ކުރަން ފެށި ރަށް ސިންގަޕޫރުގެ އެސް ސީ ކެޕިޓަލް ކިޔާ ކުންފުންޏަށް ވިއްކާލީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހުޅުވާ އެ ރިސޯޓު ވިއްކާލިއިރު އޮތީ 60 ޕަސެންޓް މަސައްކަތް ނިމިފަ އެވެ.

ރާއްޖޭގައި އަލަށް ރިސޯޓެއް ހިންގާ ފެއާމޮންޓުން އަންނަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މަޝްހޫރު ހޮޓާތަކެއް ހިންގަމުންނެވެ. އެގޮތުން އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޕްލާޒާ ހޮޓެލް އާއި ލަންޑަންގައި ހުންނަ ދަ ސެވޮއީ އަދި ޗައިނާގެ ޝަންހާއީގައި ހުންނަ ފެއާމޮންޓް ޕީސް ހޮޓެލް ހިމެނެ އެވެ.

އެ ކުންފުނިން ވަނީ ގދ. އަތޮޅުގައި ކުރިން ޖުމެއިރާ ދެވަނަފުށިގެ ނަމުގައި ހިންގި ރިސޯޓު ރަފްލްސް ބްރޭންޑްގެ ދަށުން ހުޅުވަން ނިންމައިފަ އެވެ.