Roadha Mihaaru
ގާކޮށިބީގައި ހަދާ ރިސޯޓު ހުޅުވުން ފެބްރުއަރީ މަހު

ގާކޮށިބީގައި ހަދާ ރިސޯޓް ހުޅުވުން ފެބްރުއަރީ މަހަށް ލަސްވެއްޖެ

26 ޑިސެމްބަރ 2017

ށ. ގާކޮށިބީގައި "ސިއްރު ފެންފުށި"ގެ ނަމުގައި ހަދާ މަތީ ފެންވަރުގެ ރިސޯޓް އާދިއްތަ ދުވަހު ހުޅުވަން ހަމަޖެއްސުމަށް ފަހު، އަންނަ ފެބްރުއަރީ މަހަށް ލަސްކޮށްފި އެވެ.

ށ. ގާކޮށިބީގައި "ސިއްރު ފެންފުށި"ގެ ނަމުގައި ހަދާ މަތީ ފެންވަރުގެ ރިސޯޓް އާދިއްތަ ދުވަހު ހުޅުވަން ހަމަޖެއްސުމަށް ފަހު، އަންނަ ފެބްރުއަރީ މަހަށް ލަސްކޮށްފި އެވެ.

ކުރިން ކުރިން އޭޑީކޭ ޓްރެވަލްސް އިން 2007 ވަނަ އަހަރު ތަރައްގީކުރަން ފެށި ރަށް ސިންގަޕޫރުގެ އެސް ސީ ކެޕިޓަލް ކިޔާ ކުންފުންޏަށް ވިއްކައިލީ މިދިޔަ އަހަރުގެ ޖެނުއަރީމަހު އެވެ. ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހުޅުވާ އެ ރިސޯޓު ވިއްކާލިއިރު އޮތީ 60 ޕަސެންޓް މަސައްކަތް ނިމިފަ އެވެ.

ށ. އަތޮޅުގައި ދެވަނައަށް ހުޅުވާ ރިސޯޓުން ވާހަކަދެއްކި އޮފިޝަލަކު މިއަދު ވިދާޅުވީ އެ ރިސޯޓު މި މަހުގެ 31 ވަނަ ދުވަހު ހުޅުވާ ގޮތަށް ކުރިން ހަމަޖެއްސި ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ ހުޅުވުން ފެބްރުއަރީ މަހަށް ފަސްކުރީ ކަމަށެވެ. އެ އަތޮޅުގެ ވަގަނރުގައި "ވައިސްރޯއީ މޯލްޑިވްސް"ގެ ނަމުގައި ހުޅުވި ރިސޯޓު ވަނީ މީގެ އަހަރުތަކެއް ކުރިން މަރާމާތަށް ބަންދުކޮށްފަ އެވެ.

ސިންގަޕޫރުގެ ކުންފުންޏަކުން ތަރައްގީކުރާ ގާކޮށިބީގެ ވޯޓާ ވިލާއެއް: އެ ރިސޯޓު ކުރިން އޮތީ މިމަހުގެ 31ގައި ހުޅުވާ ގޮތަށް. ފޮޓޯ: ސިއްރު ފެންފުށި

ސިންގަޕޫރުގެ ކުންފުންޏަކުން ތަރައްގީކުރާ ގާކޮށިބީގެ ވޯޓާ ވިލާއެއް: އެ ރިސޯޓު ކުރިން އޮތީ މިމަހުގެ 31ގައި ހުޅުވާ ގޮތަށް. ފޮޓޯ: ސިއްރު ފެންފުށި

ގާކޮށިބީ ފުރަތަމަ ހުޅުވަން ނިންމީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން މެރިއޮޓް އިންޓަނޭޝަނަލްގެ ބްރޭންޑެއް ކަމަށްވާ ރެނައިސަންސް މޯލްޑިވްސްގެ ނަމުގައި 2009 ވަނަ އަހަރުގެ އެވެ. އަދި އޭގެ ފަހުން އިސްލާމިކް ރިސޯޓެއްގެ ގޮތުގައި ތުރުކީގެ ކެޕްރިސް ގޯލްޑް ކިޔާ ކުންފުންޏަކާ ގުޅިގެން ކެޕްރިސް ގޯލްޑް މޯލްޑިވްސްގެ ނަމުގައި 2014ގައި ވެސް އެ ރިސޯޓު ހުޅުވަން މަސައްކަތްކުރި އެވެ. ނަމަވެސް ފަހުން ސިންގަޕޫރުގެ އެސް ސީ ކެޕިޓަލްއާއެކު އެއްބަސްވުމުގައި ސޮއިކުރީ ތުރުކީގެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށްފަ އެވެ.

މަރުކަޒީ ބޭންކުން ދާދިފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ 13 އާ ރިސޯޓު ހުޅުވައިފަ އެވެ.