Roadha Mihaaru
ޖޭ ޑަބްލިއު މެރިއޮޓް ބްރޭންޑާ އެކު ވަގަރު ހުޅުވަނީ

ޖޭ ޑަބްލިއު މެރިއޮޓް ބްރޭންޑާ އެކު ވަގަރު އަލުން ހުޅުވަނީ

31 ޑިސެމްބަރ 2017

ކުރިން ވައިސްރޯއި މޯލްޑިވްސްގެ ނަމުގައި ހިންގި ށ. ވަގަރު، މަޝްހޫރު ޖޭ ޑަބްލިއު މެރިއޮޓް ބްރޭންޑާ އެކު އަލުން އަންނަ އަހަރު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކުރިން ވައިސްރޯއި މޯލްޑިވްސްގެ ނަމުގައި ހިންގި ށ. ވަގަރު، މަޝްހޫރު ޖޭ ޑަބްލިއު މެރިއޮޓް ބްރޭންޑާ އެކު އަލުން އަންނަ އަހަރު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން، އެެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލްގެ އެންމެ އަގު ބޮޑު އެއް ބްރޭންޑް ކަމަށްވާ ޖޭ ޑަބްލިއު މެރިއޮޓްގެ ނަމުގައި ވަގަރު ހުޅުވާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު ކަމަށެވެ. އެ ރަށް އަލުން ހުޅުވާއިރު 68 ވޯޓާ ވިލާ ހިމެނޭނެ ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

މާލެއާ 192 ކިލޯމީޓަރު ދުރުގައި އޮންނަ އެ ރަށް މަރާމާތަށް ބަންދުކޮށްފައި އޮންނަތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ.

މެރިއޮޓް އިންޓަނޭޝަނަލް އިން މީގެ ކުރިން ވަނީ އޭޑީކޭ ޓްރެވަލްސް އިން ތަރައްގީކުރަން ފެށި ށ. ގާކޮށިބީގައި މެރިއޮޓްގެ ބްރޭންޑެއް ކަމަށްވާ "ރެއިނަސަންސް"ގެ ރިސޯޓެއް ހުޅުވަން ނިންމައިފަ އެވެ. ނަމަވެސް އެ ރަށް މިހާރު ވަނީ ސިންގަޕޫރުގެ ކުންފުންޏަކުން ގަނެ، "ސިއްރު ފެންފުށި"ގެ ނަމުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު ހުޅުވަން ހަމަޖައްސައިފަ އެވެ.

މެރިއޮޓް އިންޓަނޭޝަނަލް އާއި އެމެރިކާގެ ސްޓާވުޑް ހޮޓެލްސް މިދިޔަ އަހަރު އެއްކޮށްލުމަށް ފަހު ވަނީ އަންނަ އަހަރު ލަގްޒަރީ ފެންވަރުގެ 40 އާ ހޮޓެލް ހުޅުވަން ނިންމައިފަ އެވެ.

ދުނިޔޭގެ 60 އަށް ވުރެ ގިނަ ގައުމުގައި އެ ކުންފުނީގެ 422 ހޮޓާ ހުޅުވާފައިވެ އެވެ. މެރިއޮޓާ އެއްކޮށްލުމުގެ ކުރިން ސްޓާވުޑުން ރާއްޖޭގައި ތިން ރިސޯޓެއް ހިންގަ އެވެ. އެއީ އއ. ފެސްދޫގައި ޑަބްލިއު މޯލްޑިވްސް އާއި ކ. ފުރަނަފުށީގައި ޝެރަޓަން މޯލްޑިވްސް އަދި ދ. ވޮއްމުލީގައި ސެންޓްރެޖިސް އެވެ.