Roadha Mihaaru
ދަރަނި 48 ބިލިއަން ރުފިޔާ އަށް އަރާނެ: މުނައްވަރު

މި އަހަރު ނިމޭއިރު ދަރަނި 48 ބިލިއަން ރުފިޔާ އަށް އަރާނެ: މުނައްވަރު

13 ނޮވެމްބަރ 2018

މި އަހަރު ނިމޭ އިރު، ދައުލަތުގެ ދަރަނި 48.6 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި އަހަރު ނިމޭ އިރު، ދައުލަތުގެ ދަރަނި 48.6 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް، 29.6 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން މުނައްވަރު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކަށް 25 ބިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ އިރު، ދައުލަތުގެ ދަރަނި އިތުރު ކުރެވިފައި ވަނީ 23 ބިލިއަން ރުފިޔާ އަށް ކަމަށެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި 2013 ގައި ދައުލަތުގެ ދަރަނި ހުރީ 25.6 ބިލިއަން ރުފިޔާގަ އެވެ.

މިނިސްޓަރު މުނައްވަރު މިއަދު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވައި ދެއްވަނީ. --- ފޮޓޯ: މަޖިލިސް

މިނިސްޓަރު މުނައްވަރު މިއަދު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވައި ދެއްވަނީ. --- ފޮޓޯ: މަޖިލިސް

"ދައުލަތުގެ ދަރަނި އިތުރުވެފައި ވަނީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ނިންމާފައިވާ އަދި ހިނގަމުންދާ ތަރައްގީގެ ބިޔަ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް،" މުނައްވަރު ވިދާޅުވި އެވެ.

ނަމަވެސް، މި މަޝްރޫއުތައް ރޭވިފައިވާ ގޮތަށް ތަންފީޒު ކުރެވިއްޖެނަމަ، ދައުލަތުގެ އާމްދަނީ އިތުރު ކުރެވި، ދަރަނި އަދާކުރުމުގެ ގާބިލްކަން އިތުރުވާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެންމެ ފާހަގަ ކުރެވުނު މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ހިންގި މަޝްރޫއު ކަމަށެވެ. އެގޮތުން އާ ރަންވޭ ނިމި، އޭ380 ގެ މަތިންދާ ބޯޓު ޖައްސަން ފެށުމުން، އިގްތިސާދީ މައި ދޮރާށި ފުޅާ ކުރެވި، ޓޫރިސްޓުން އަންނަ އަދަދު އިތުރު ކުރެވިގެންދާނެ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

މީގެއިތުރުން، ސަރުކާރުން އިންވެސްޓް ކުރަމުންދާ ސަރަހައްދީ އެއާޕޯޓުތަކުގެ ސަބަބުން ޓޫރިޒަމް ރާއްޖެއަށް ފަތުރާލުމަށް އެހީތެރިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދަރަނީގެ ޖުމްލަ ދައްކައިދޭ ގްރާފް

ދަރަނީގެ ޖުމްލަ ދައްކައިދޭ ގްރާފް

މުނައްވަރު ދެއްވި ބައެއް ތަފްސީލްތައް:

- މި އަހަރު އިގްތިސާދީ ދުވެލި 7.6 ޕަސަންޓަށް ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ.

- ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 53 ބިލިއަން ރުފިޔާގައި.

- އުފެއްދުންތެރިކަން މި އަހަރު ނިމޭއިރު، 72 ބިލިއަން ރުފިޔާއަށް މަތި ކުރެވޭނެ ކަމަށް ބެލެވޭ.

- ރާއްޖޭގެ އިގްތިސާދު ފަސް އަހަރު ތެރޭގައި 36 ޕަސަންޓު ވަނީ ބޮޑުކުރެވިފައި.

- މި އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވްގައި 674 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ބެލެވޭ.

- މީގެ ފަސް އަހަރު ކުރިން ރިޒާވްގައި ހުރީ 368 މިލިއަން ޑޮލަރު.

މުނައްވަރު ވިދާޅުވި ގޮތުގައި ރަށްރަށުގައި ހިންގާ ފެނާއި ނަރުދަމާގެ ނިޒާމްގެ މަޝްރޫއުތަކަކީ އެ ރަށްރަށުގެ ރަށްވެހިންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމަށާއި ގެސްޓްހައުސްގެ ވިޔަފާރި ފުޅާ ކުރުމަށް ކުރެވޭ އިންވެސްޓްމަންޓެކެވެ. އަދި ސިނާމެލެ ބްރިޖު އަޅައި މާލެ އާއި ހުޅުމާލެ ގުޅާލުމުގެ ސަބަބުން މާލޭގެ ތޮއްޖެހިފައިވާ އާބާދީއަށް ލުއިކަމެއް ލިބިފައިވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"ހުޅުމާލޭގައި ހިޔާ ޕްރޮޖެކްޓުގެ ދަށުން އިމާރާތް ކުރަމުންދާ 10،000 އަށްވުރެ ގިނަ ހައުސިން ޔުނިޓުތަކަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އާއި އިޖުތިމާއީ އެތައް މައްސަލައެއްގެ ހައްލު. ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމުން ރާއްޖޭން ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބިގެންދާނެ. މީގެ ސަބަބުން ރާއްޖޭން ބޭރަށް ބޭސްފަރުވާ ކުރުމަށް ބޭރުވަމުންދާ ޑޮލަރު މަދު ކުރެވޭނެ،" އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ސަރުކާރުގެ ބަޖެޓު ހުށަހަޅުއްވަމުން މުނައްވަރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރު 26.7 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި އާމްދާނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ. އިގްތިސާދީ ދުވެލި 6.8 އިންސައްތައިގައި ހުންނާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.

މި އަހަރު ބަޖެޓު ޑެފިސިޓްގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރު ބަޖެޓު ޑެފިސިޓް 3.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ބެލެވޭ ކަމަށް ބަޖެޓުގައިވެ އެވެ.