Roadha Mihaaru
ބަޖެޓު ބަހުސްގައި ބައިވެރިނުވުމުން ފާޑުކިޔައިފި

އިދިކޮޅު މެމްބަރުން ބަޖެޓު ބަހުސްގައި ބައިވެރިނުވުމުން ފާޑުކިޔައިފި

25 އޮކްޓޯބަރ 2017

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން އިއްޔެ ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް މަރުހަލާގައި އިދިކޮޅު މެމްބަރުން ބައިވެރި ނުވުމުން ސަރުކާރަށް ތާއީދު ކުރާ ގިނަ މެމްބަރުންތަކެއް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން އިއްޔެ ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް މަރުހަލާގައި އިދިކޮޅު މެމްބަރުން ބައިވެރި ނުވުމުން ސަރުކާރަށް ތާއީދު ކުރާ ގިނަ މެމްބަރުންތަކެއް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ހުށަހެޅުއްވި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރަން ހުޅުވާލި ފުރުސަތުގައި، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވަނީ މަޖިލީހުގެ ޗެމްބަރު ތެރޭގައި އުސް ފާރެއް ހެދުމުން އެކަމަށް ތާއީދު ކުރައްވައިފަ އެވެ.

އިދިކޮޅު މެމްބަރުން މަޖިލީހުގެ ރިޔާސަތުގެ މޭޒު ކައިރިއަށް ވަޑައިގެން އިހްތިޖާޖް ކުރައްވައި، އިދާރީ މޭޒުގައި ތިއްބަވާ ބޭފުޅުންގެ "ގަޔަށް އަތްލާ" ހިސާބަށް ދާން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ ދުވަހަކު މަޖިލިސް "އޮބި އަޅުވައި" ހުއްޓުވައިގެން "ތިމަންނާމެން ވަރުގެ ބައެއް ނެތް ކަމަށް" ބަލައި ކުރާ އިހްތިޖާޖްތައް ހުއްޓާލުމަށް އިދިކޮޅު މެމްބަރުންނަށް ނިހާން ގޮވާލެއްވި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

"އިތުރު ބަޖެޓެއް ހަދައިގެން އެ ފަރާތްތަކަށް ބޭސް ކުރަން ޖެހިއްޖެއްޔާ، އިތުރު އަގު ވެސް ދައްކަން މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން،" މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ކުރައްވާ ނިހާނު ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ ޗެމްބަރު ހަލަބޮލިކަން އުޅެނީ ރާއްޖެ ތަރައްގީ އަށް ކުރަމުން އަންނައިރު، އެކިއެކި ދާއިރާތަކުން ބޭނުންވާ ކަންކަން ދާއިރާތަކުގެ މެމްބަރުން ވާހަކަ ދައްކަވާފާނެތީ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއަށް އަންނަ ތަރައްގީގެ ވާހަކަ މަޖިލީހުގައި މެމްބަރުންނާ ވަޒީރުން ދައްކަވާނެ ކަން އެނގިވަޑައިގަންނަވާތީ އިދިކޮޅު މެމްބަރުން އެކަމަށް ހުރަސް އަޅަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަޒީރުންނަށް ވާހަކަ ދެއްކިޔަ ނުދޭން ކުރާ ކަމެއް މިއީ. އެއްވެސް ސިޔާސީ މަސައްކަތެއް ނޫން މިއީ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ފަހަތުން ދުވެގެން ކޮބައިތޯ ބޭނުމަކީ؟" މޫސަ ވިދާޅުވި އެވެ.

މެމްބަރު އާރިފް ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް

މެމްބަރު އާރިފް ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު މެމްބަރުން މަސައްކަތް ކުރަނީ ބާރުވެރި މުއައްސަސާއަށް ގެއްލުން ދިނުމަށެވެ. އަދި ބަޔަކު މީހުން ބަލިވިޔަސް، މިއީ "ބޮޑުވަރު" ކަމަށް މޫސަ ވިދާޅުވި އެވެ. މޫސަ ވިދާޅުވީ މިގޮތަށް ދިވެހިންނަށް ޑިމޮކްރަސީ ދަސްކޮށްދޭން ނުޖެހޭ ކަމަށެވެ. އަދި ޑިމޮކްރަސީއަކީ އަމިއްލަ ޖީބަށް "ބޮޑު ކުރަން" ކުރާ ކަމެއްތޯ ސުވާލު އުފެއްދެވި އެވެ.

މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ އިދިކޮޅު މެމްބަރުންނަށް ދެން އިހްތިޖާޖް ކުރުމުގެ ފުރުސަތު މަޖިލީހުގައި ނޯންނާނެ ކަމަށެވެ. އަދި އެކަން ހުއްޓުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ ހިކުމަތްތެރި ވިސްނުމުގެ ތެރެއިން ކަމަށް ވެސް ރިފާއު ވިދާޅުވި އެވެ.

"ދެން އިދާރީ މޭޒުގެ ކައިރިއަށް އައިސް އިއްޒަތްތެރި، ލޮބުވެތި މުވައްޒަފުންނާ ނުކުޅެވޭނެ،" ރިފާއު ވިދާޅުވި އެވެ.

ކެލާ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސްޕޯކްސްޕާސަން އަލީ އާރިފް ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް ކުރާއިރު، މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ނެތުމަކީ އެ މެމްބަރުންގެ އިހްލާސްތެރިކަން ރައްޔިތުންގެ މައްޗަށް ނެތް ކަން ހާމަވަގެންދާ ކަމެއް ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން މަޖިލީހަށް ހުށަހެޅި ތިން ބަޖެޓަށް އޭރު އިދިކޮޅަށް ތިއްބެވި މެމްބަރުން ވޯޓު ދެއްވިކަން އޭނާ ފާހަގަކުރެއްވި އެވެ.

ސަޕްލިމެންޓްރޫ ބަޖެޓުގެ ބަހުސް މަޖިލީހުގައި މިއަދު ފަށާފައިވާއިރު، އިދިކޮޅު މެމްބަރުން ވަނީ އެ ބަހުސް ބޮއިކޮޓް ކޮށްފަ އެވެ.