Roadha Mihaaru
މާދަމާގެ ޖަލްސާއަށް ޕީޕީއެމުން ނެރުނީ ފްރީ ވިޕެއް

މާދަމާގެ ޖަލްސާއަށް ޕީޕީއެމުން ނެރުނީ ފްރީ ވިޕެއް، ބޭނުން ގޮތަކަށް ވޯޓު ދެއްވޭނެ

27 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ މަދާމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ހުރި ކަންކަމަށް ޕީޕީއެމުން ފްރީލައިން ވިޕެއް ނެރެ، އެ ޕާޓީގެ މެމްބަރުން ބޭނުން ގޮތަކަށް ވޯޓު ދެއްވޭ ގޮތް މިއަދު ހަދައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މަދާމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ހުރި ކަންކަމަށް ޕީޕީއެމުން ފްރީލައިން ވިޕެއް ނެރެ، އެ ޕާޓީގެ މެމްބަރުން ބޭނުން ގޮތަކަށް ވޯޓު ދެއްވޭ ގޮތް މިއަދު ހަދައިފި އެވެ.

ދެ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު މާދަމާ ބާއްވާ، މަޖިލީހުގެ ޖަލްސާގައި އެޖެންޑާކޮށްފައި ހުރި ބޮޑެތި ކަންކަމުގެ ތެރޭގައި އެންޓި ޑިފެކްޝަން ގާނޫނާއި އަބުރުގެ ގާނޫނު އުވައިލުމުގެ ބިލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރު ހިމެނެ އެވެ. އަދި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމުގެ ހުވާ ކުރައްވާނެ ދުވަހަކާ މެދު ގޮތެއް ނިންމުމަށް މެމްބަރުންގެ މެދުގައި ވޯޓަކަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން "މިހާރު" އަށް މިރޭ ވިދާޅުވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ މަޖިލީހަށް ހުށަހެޅި ދެ ބިލާއި ނަޝީދު މިނިވަން ކުރުމާ ގުޅޭ ދެ ގަރާރާ ގުޅޭ ގޮތުން ކަމަށެވެ.

އެގޮތުން، ވިލުފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމުގެ ބިލް ބަލައިގަތުމަށް މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމެވި ކަމަށް ނިހާން ވިދާޅުވި އެވެ.

"މާނަ އަކީ، މަޖިލީހުގެ މަރުހަލާތައް އޮންނަ ގޮތުން ބަލައިގަތީމާ ކޮމިޓީ އަށް ފޮނުވަން އޮންނަނީ. އެހެންވީމާ ބިލް ބަލައިގަނެ، ކޮމިޓީ އަށް ފޮނުވަން ނިންމީ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިލް އުވާލުމުގެ މަރުހަލާ އަކީ މާ ފަހުގެ މަރުހަލާ އަކަށް ވާތީ، އެކަމާ މެދު ގޮތެއް ނިންމާނީ ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް އަލުން ހުށަހެޅުމުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 14 މެމްބަރުން ބައިވެރިވެވަޑައިގެންނެވި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމުގައި، އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމުގެ ބިލް މަޖިލީހަށް ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އެވެ.

މީގެ އިތުރުން، އަބުރުގެ ގާނޫނާ މެދު ޕީޕީއެމް ޕީޖީ ގްރޫޕްގައި މަޝްވަރާ ކުރިއިރު، އެ ގާނޫނު އުވައިލުމަށް ގިނަ މެމްބަރުން ތާއީދު ނުކުރައްވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. ނަމަވެސް، އެއްވެސް ކަމެއް ފާސް ކުރުމާ ދެކޮޅަށް ތްރީ ލައިން ވިޕެއް ނެރެފައި ނުވާ ކަމަށް ނިހާން ވިދާޅުވި އެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސް ކުރަން ފެނޭތޯ މެމްބަރުންގެ މެދުގައި ވޯޓަކަށް ދާނެ އެވެ.