Roadha Mihaaru
އިރާގުގައި އައިއެސް ދިން ބޮމުގެ ހަމަލާގައި 125 މަރު

ބަޣުދާދުގައި އައިއެސް އިން ދިން ބޮމުގެ ހަަމަލާ ދީ 125 މީހުން މަރާލައިފި

04 ޖުލައި 2016

ބަޣުދާދު (ޖުލައި 4) - އިރާގުގެ ވެރިރަށް ބަޣުދާދުގައި އިސްލާމިކް ސްޓޭޓް (އައިއެސް) ދިން ބޮމުގެ ހަމަލާގައި މިހާތަނަށް 125 މީހުން މަރުވެ 150 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އިރާގު ފުލުހުން ބުނެފި އެވެ.

ބަޣުދާދު (ޖުލައި 4) - އިރާގުގެ ވެރިރަށް ބަޣުދާދުގައި އިސްލާމިކް ސްޓޭޓް (އައިއެސް) ދިން ބޮމުގެ ހަމަލާގައި މިހާތަނަށް 125 މީހުން މަރުވެ 150 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އިރާގު ފުލުހުން ބުނެފި އެވެ.

ކާރު ބޮމުގެ ހަމަލާދީފައި ވަނީ ކައްރަޑާ އަވަށުގައި މީހުން ގިނަ މަގެއްގަ އެވެ. ޝިއައީން ގިނައިން ދިރިއުޅޭ މި ސަރަހައްދުގައި ބޮމުގެ ހަމަލާ އިއްޔެ ދިން އިރު ރޯދަ މަހުގެ ރޭގަނޑު ބާޒާރު ކުރަން ގިނަ ބަޔަކު އުޅުނީ ނުކުމެ އެވެ. ބޮމުގެ ދެ ވަނަ ހަމަލާއެއް ރޭ ދަންވަރު ވެސް ވަނީ ދީފަ އެވެ.

ބޮމުގެ ހަމަލާ ދިން ތަނަށް ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވަޑައިގަތުމުން ހިތްހަމަނުޖެހިފައި ތިބި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ބައެއް މީހުން ވަނީ އަބާދީގެ ކާރަށް ގާ އުކާ އަދި އަނެއް ބަޔަކު ވަނީ އޭނާ އަށް ވަގަށް ގޮވައިފަ އެވެ. ބީބީސީގެ ރިޕޯޓަރަކު ބުނީ އިރާގުގެ ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑު ވަޒީރަށް ހާމަކޮށްދިނީ ގައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސަރުކާރު ނުކުޅެދިފައިވާތީ ކަމަށެވެ.

ބަޣުދާދުގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހެއްގެ ސަންދޯއް ގެންދަނީ. --ފޮޓޯ:އޭއެފްޕީ

ބަޣުދާދުގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހެއްގެ ސަންދޯއް ގެންދަނީ. --ފޮޓޯ:އޭއެފްޕީ

ކައްރާޑާގައި ދިން ބޮމުގެ ހަމަލާއަކީ 2007 ވަނަ އަހަރުގެ ފަހުން އިރާގުގައި ދިން އެންމެ ނުރައްކާ ބޮމުގެ ހަމަލާ އެވެ. އަދި މި ހަމަލާ ދީފައި މި ވަނީ އައިއެސްގެ އަތް ދަށުން ފައްލޫޖާ މިނިވަންކުރިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ފުލުހުން ބުނީ ބޮމުގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 15 ކުޑަކުދިންނައި ފުލުހުންގެ ހަ މީހުން ވެސް ހިމެނޭ ކަމަށެވެ. އަދި 12 މީހަކު ވަނީ ގެއްލިފަ އެވެ. ފުލުހުންގެ އޮފިޝަލަކު ބުނީ މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އިރާގުގެ އެންމެ ބޮޑު ސުންނީ ޖަމާއަތް، އެސޯސިއޭޝަން އޮފް މުސްލިމް ސްކޯލާސް އިން ސިފަކުރި ގޮތުގައި ކޮންމެ ބަޔަކު ކުރި ނަމަވެސް މިއީ "ލޭއޮހޮރުވުން ބޮޑު ޖަރީމާއެއް" ކަމަށެވެ.

ބަޣުދާދުގައި ބޮމުގެ ހަމަލާ ދިން ތަނުން މަރުވި މީހެއްގެ ހަށިގަނޑު ގެންދަނީ. --ފޮޓޯ:އޭއެފްޕީ

ބަޣުދާދުގައި ބޮމުގެ ހަމަލާ ދިން ތަނުން މަރުވި މީހެއްގެ ހަށިގަނޑު ގެންދަނީ. --ފޮޓޯ:އޭއެފްޕީ

އައިއެސް އިން ބޮމުގެ ހަމަލާތައް ދިން ނަމަވެސް އިރާގައި ސީރިއާގައި އެ ޖަމާއަތުގެ ބާރު ދަނީ ދަށްވަމުންނެވެ. އައިއެސްގެ އަތް ދަށުން ރަމާދީ އަތުލާފައި ވަނިކޮށް މިދިޔަ ހަފުތާގައި ވަނީ ފައްލޫޖާ ވެސް އަތުލައިފަ އެވެ. އިރާގު ސިފައިން މިހާރު އަމާޒު ހިފާފައި ހުރީ އައިއެސްގެ ބާރުގެ ދަށުން މޮސޫލް ހިފުމަށެވެ.

އެމެރިކާ އިން ބުނެފައި ވަނީ އައިއެސް އިން ބޮމުގެ ހަމަލާ ދިން ނަމަވެސް އެ ޖަމާއަތް ބަލިކޮށްލުމަށް ގުޅިފައިވާ ލަޝްކަރުންދޭ ވައިގެ ހަމަލާތަކަށް މަޑުޖެހުމެއް ނުގެނެސް ކުރިއަށް ގެންދާނެ ކަމަށެވެ.