Roadha Mihaaru
"ކުޅުދުއްފުށީ އެއާޕޯޓާއެކު ރޯނު އެދުރުން ގިނަވެއްޖެ"

ކުޅުދުއްފުށީ އެއާޕޯޓާއެކު "ރޯނު އެދުރުން" ގިނަވެއްޖެ: ނިހާން

26 އޮކްޓޯބަރ 2017

ހދ. ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެތަނުގައި އެއާޕޯޓު އަޅަން ސަރުކާރުން ނިންމުމާއެކު، ކަންކަން އެނގޭ "ރޯނު އެދުރުން" ގިނަ ވެއްޖެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހދ. ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެތަނުގައި އެއާޕޯޓު އަޅަން ސަރުކާރުން ނިންމުމާއެކު، ކަންކަން އެނގޭ "ރޯނު އެދުރުން" ގިނަ ވެއްޖެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވީ މިދިޔަ ދެ ތިން ދުވަހު ތިމާވެއްޓާ ބެހޭ "ނިކަން ބައިވަރު" މާހިރުންތަކެއް އުފެދިއްޖެ ކަމަށާއި އެކަމަށް ކިޔައި އުޅެނީ "އަތޮޅު ތެރޭ ގިނަ ވެއްޖޭ ރޯނު އެދުރުން" ކަމަށެވެ.

ނިހާން އެހެން ވިދާޅުވީ ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓު އަޅައިފިނަމަ ތިމާވެއްޓަށް ލިބޭނެ ގެއްލުން ބޮޑު ކަމަށް ބުނެ، ބައެއް މީހުން މިހާރު ދައްކަމުންދާ ވާހަކަތަކާއި އެކަމާ ދެކޮޅަށް ހިންގާ ކެމްޕޭނަށް ރައްދު ދެއްވަ އެވެ.

ކުޅި ހިއްކުމާ ދެކޮޅަށް އެންވަޔަރްމެންޓް މިނިސްޓްރީ ތެރެއަށް ވެސް ބަޔަކު މިއަދު ވަދެ މުޒާހަރާކޮށްފައިވާއިރު، އެކަމަށް ޖޯކު ޖައްސަވައި ނިހާން ވިދާޅުވީ އެއީ "ފަސްވަރަކަށް މާސިންގާ އެދުރުންތަކެއް ވަދެ ކުރި މާސިންގާ މުޒާހަރާ"އެއް ކަމަށެވެ.

"ތިމާ އަށް ހަމަ އެއްވެސް މައުލޫމާތެއް ނެތް ކަމެއް ގައި، ހެނދުނު އިރު އަރާތަނުން ވެއްޖެ އޭގެ މާސިންގާ އެކްސްޕާޓަކަށް. ކުޅި ހިއްކުމާއި ކުޅީގައި ދިރިއުޅުމާއި ކުޅީގެ ފަލްސަފާ އާއި ކުޅި އޮންނަން ވާ ގޮތް ދެނެގަނެވިއްޖެ 48 ގަޑިއިރުގެ ތެރޭގައި،" ސިޔާސީ ގޮތުން ރާއްޖޭގައި ނޫނީ މީހާ އެހާ އަވަހަށް "ގްރެޖުއޭޓު" ވާ ތަނެއް ނޯންނާނެ ކަން ފާހަގަ ކުރަމުން ނިހާން ވިދާޅުވި އެވެ.

ކުޅުދުއްފުށީ ކުޅީގައި މީހަކު ބޮނބިފާކުރަނީ

ކުޅުދުއްފުށީ ކުޅީގައި މީހަކު ބޮނބިފާކުރަނީ

އޭނާ ވިދާޅުވިގޮތުގައި، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި، ކުޅި ހިއްކައި އެތަނުގައި މީހުން ދިރިއުޅޭ ގޮތް ހަދާފައިވެ އެވެ. ކުޅުދުއްފުށީގައި ވެސް ބޮޑު ފަސް މަޝްރޫއެއް ހިންގާފައިވަނީ އެތަނުގެ ކުޅި އާއި ޗަސްބިންތައް ހިއްކައިގެން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓު އެޅުމާ ދެކޮޅު ވާހަކަތައް ގިނަވެފައިވާއިރު، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ ކުޅި އެއްކޮށް ނުހިއްކާނެ ކަމަށާއި ހިއްކާނީ އެތަނުގެ 30 ޕަސެންޓް ކަމަށެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތު މިއަދު "މިހާރަށް" ވިދާޅުވި ގޮތުގައި އެއާޕޯޓް ހެދުމަށްޓަކައި ޖުމުލަ 15 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު، އޭގެ ތެރެއިން ހަ ހެކްޓަރުގެ ބިން ހިއްކާނީ މޫދުންނެވެ. އަދި އެކަމަށް ވާން ޖެހޭ ތައްޔާރީތައްވެ ނިމިފައިވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކޮންނަ ބޯޓު، އެމްޓީސީސީން އަލަށް ގެނައި މަހާޖައްރާފު މިހާރު ވަނީ ކުޅުދުއްފުއްޓަށް ގޮސްފަ އެވެ.

ކުޅި ހިއްކައިގެން އެއާޕޯޓު ހެދުމުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ އަސަރު ދެނެގަތުމަށް އީޕީއޭ އިން ހެދި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގެ ރިޕޯޓު މީގެ ދެ ދުވަސް ކުރިން އާއްމު ކޮށްފައިވާ އިރު އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ.