Roadha Mihaaru
ރައީސް ބައިވެރިވާ ޖަލްސާތަކެއް އެކި ރަށްރަށުގައި

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކެއް އެކި ރަށްރަށުގައި ބާއްވަނީ

26 އޮކްޓޯބަރ 2017

ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވުމަށް ޕީޕީއެމުން ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވުމަށް ޕީޕީއެމުން ނިންމައިފި އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާންކުރި ގޮތުގައި އަންނަ ހޯމަ ދުވަހުން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް މާލޭގެ އިތުރުން އެހެން ތިން ރަށެއްގައި އެ ޕާޓީގެ ބޮޑު ޖަލްސާތަކެއް ބާއްވާނެ އެވެ.

މި ސިލްސިލާގެ ދަށުން ފުރަތަމަ ޖަލްސާ ބާއްވަނީ އަންނަ ހޯމަ ދުވަހުގެ ރޭ ދ. ކުޑަހުވަދޫގަ އެވެ. ދެވަނަ ޖަލްސާ، އަންގާރަ ދުވަހުގެ ރޭ ފ. ނިލަންދޫގައި އަދި އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ރޭ ޕީޕީއެމްގެ ބޮޑު ޖަލްސާއެއް މާލޭގައި ބާއްވާނެ އެވެ. އަދި އަންނަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ވެސް، ޕީޕީއެމްގެ މުޝްތަޝާރު ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއް އޮންނާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

"ތައްޔާރު" ގެ ނަމުގައި އަލިމަސް ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ނިންމާލެއްވުމަށްފަހު އެމްޑީއޭގެ ލީޑަރު ޝިޔާމާއި ސަލާންކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ތައްޔާރު" ގެ ނަމުގައި އަލިމަސް ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ނިންމާލެއްވުމަށްފަހު އެމްޑީއޭގެ ލީޑަރު ޝިޔާމާއި ސަލާންކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ އެ ރަށުގެ ކުޅި ހިއްކައިގެން އަޅާ އެއާޕޯޓުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށެވެ.

"އަސްތާ" ގެ ނަމުގައި ޕީޕީއެމުން މާލޭގައި ބާއްވާ ޖަލްސާ ހާއްސަކޮށްފައި ވަނީ ނޮވެމްބަރު ތިން ވަނަ ދުވަހު ފާހަގަ ކުރާ ނަސްރުގެ ދުވަހަށެވެ.

ޕީޕީއެމުން ބުނީ މިހާތަނަށް ސިޔާސީ އެންމެ ބޮޑެތި ޖަލްސާތައް ބާއްވާފައިވަނީ އެ ޕާޓީން ކަމަށާއި އެހެންވެ، މި ޖަލްސާތަކުގައި ވެސް ކުރިއެކޭ އެއްގޮތަށް ގިނަ ބަޔަކު ބައިވެރިވާނެ ކަމަށެވެ. އަދި މިއިން އެއްވެސް ޖަލްސާއެއްގައި މީހުން ބައިވެރިވާން އެ ޕާޓީން މަޖުބޫރު ނުކުރާނެ ކަމަށާއި ކުރީގެ ޖަލްސާތަކުގައި ވެސް މީހުން ބައިވެރިވެފައިވަނީ އެ މީހުންގެ އަމިއްލަ އިހްތިޔާރުގައި ކަމަށް އެ ޕާޓީން ބުންޏެވެ.

ރައީސް ޔާމީން ވަނީ ދާދި ފަހުން ރ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން، އެ ރަށްރަށުގެ މީހުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް ވެސް ވަނީ ދާދި ފަހުން އައްޑު އަށް ވަޑައިގެން ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދެއްވައިފަ އެވެ.