Roadha Mihaaru
ފްލައިޓް ޑިލޭވުމުން ވަކިކުރި މީހަކަށް ބަދަލު ދެނީ

ފްލައިޓް ޑިލޭވި ކަމަށް ބުނެ ވަކިކުރި މުވައްޒަފަކަށް ބަދަލު ދޭން މޯލްޑިވިއަންއަށް ޖެހިއްޖެ

28 އޮކްޓޯބަރ 2017

މޯލްޑިވިއަންގެ މުވައްޒަފެއްގެ ސަބަބުން އެ ކުންފުނީގެ ފްލައިޓެއް ފުރުން ލަސްވި ކަމަށް ބުނެ އެ މުވައްޒަފު ވަޒީފާއިން ވަކި ކުރުމުން އޭނާއަށް ބަދަލެއްގެ ގޮތުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ދިނުމާ އެކު ކުރީގެ ވަޒީފާ އަނބުރާ އޭނާ އަށް ދޭން މޯލްޑިވިއަންގެ މައްޗަށް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވިއަންގެ މުވައްޒަފެއްގެ ސަބަބުން އެ ކުންފުނީގެ ފްލައިޓެއް ފުރުން ލަސްވި ކަމަށް ބުނެ އެ މުވައްޒަފު ވަޒީފާއިން ވަކި ކުރުމުން އޭނާއަށް ބަދަލެއްގެ ގޮތުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ދިނުމާ އެކު ކުރީގެ ވަޒީފާ އަނބުރާ އޭނާ އަށް ދޭން މޯލްޑިވިއަންގެ މައްޗަށް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.

މޯލްޑިވިއަންގެ އިންފްލައިޓް ސުޕަވައިޒަރެއްގެ މަގާމުގައި ހުރި އެ އަންހެން މުވައްޒަފު މިދިޔަ އޮކްޓޫބަރު މަހު ވަޒީފާއިން ވަކިކުރީ ތައިލެންޑްގެ ވެރިރަށް ބެންކޮކުން ފުރަން ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ފްލައިޓެއް ފުރަން ބެލިއިރު އޭނާ ހޮޓަލުގައި ނެތުމުން ފްލައިޓް ނުފުރުނު ކަމަށް ބުނެ އެވެ.

އެ މުވައްޒަފު ހޮޓަލުން ބޭރަށް ދިޔައީ އެ ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ފްލައިޓް ފުރުން ފަސް ކުރުމުން ޕްލައިޓްގެ ހުއްދައާ އެކު ކަމަށް ވިޔަސް ފްލައިޓް މަރާމާތު ކުރުމަށް ހޭދަވާނެ ކަމަށް ބުނި ވަގުތަށް ވުރެ އަވަހަށް ފްލައިޓް މަރާމާތު ކުރެވުނެވެ. އެހެންވެ ފުރަން ވެގެން ބެލިއިރު އެ މުވައްޒަފު ހޮޓަލުގައި ނެތުމުން އެ މުވައްޒަފަށް ގުޅަން ކުރި މަސައްކަތް ވެސް ކާމިޔާބު ނުވެ، ފްލައިޓް ފުރުން ފަސްވީ އެވެ.

އެ މައްސަލާގައިި އޭނާ ވަކި ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އޭނާ ދައުވާ ކުރުމުން ކޯޓުން ކުރި ހުކުމުގައިވަނީ އެކަމުގައި މުވައްޒަފުގެ އިހުމާލެއް ނެތް ކަމަށެވެ. އެކަމުގެ މައްޗަށް ބިނާކޮށް އޭނާ ވަކިކުރީ ރަނގަޅަށް ނޫން ކަމަށާއި އެހެންވެ، ބަދަލެއްގެ ގޮތުން 259،000ރ. އޭނާއަށް ދިނުމާ އެކު އޭނާ ކުރިން އަދާކުރި ވަޒީފާ އޭނާ އަށް އަނބުރާ ދިނުމަށް ގާޒީ މުހައްމަދު ހަލީމް ކުރެއްވި ހުކުމުގައިވަނީ އަންގައިފަ އެވެ.

އެ ހުކުމުގައިވާ ގޮތުން ހޮޓަލުން ބޭރަށް އެ މުވައްޒަފު ދިޔައީ ޕައިލެޓްގެ ހުއްދަ ލިބިގެން ކަމަށްވާއިރު ފްލައިޓް މަރާމާތު ކޮށްގެން ފުރޭނެ ކަމަށް އޭނާއަށް އަންގާފައިވާ ވަގުތަށް އޭނާ އެނބުރި އައިސްފައިވާ ކަމަށެވެ. އަދި އެފަދަ ދަތުރުތަކުގައި މުވައްޒަފުންގެ ފޯނަށް ގުޅޭ ގޮތް ހަދާފައި އޮތުމަކީ، ކުރިން އަންގާފައި ނެތް ނަމަ ކުރުން ލާޒިމް ކަމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ، އެ ފްލައިޓް ފުރުން ލަސްވެފައިވަނީ އެ މުވައްޒަފުގެ އިހުމާލުން ކަމަށް ނުބެލެވޭ ކަމަށް ހުކުމުގައިވެ އެވެ. އަދި އެކަމުގެ މައްޗަށް ބިނާކޮށް އޭނާ ވަކިކުރަން ނިންމި ނިންމުމަކީ އެކަށީގެންވާ ސަބަބެއް އޮވެގެން ނިންމި ނިންމުމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.