Roadha Mihaaru
ގަތަރު އެއާވޭސްގެ އޭ350 ދިވެހި ޕައިލެޓަކާއެކު

ދިވެހި ޕައިލެޓަކާއެކު ގަތަރު އެއާވޭސްގެ އޭ350ގެ ދަތުރުތައް ރާއްޖެ އަށް

31 އޮކްޓޯބަރ 2017

ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ މަތިންދާބޯޓުގެ ދަތުރުތައް ދިވެހި ޕައިލެޓަކާ އެކު މިއަދު ރާއްޖެ އަށް ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ މަތިންދާބޯޓުގެ ދަތުރުތައް ދިވެހި ޕައިލެޓަކާ އެކު މިއަދު ރާއްޖެ އަށް ފަށައިފި އެވެ.

ދުނިޔޭގެ އެންމެ ފެންވަރު މަތީ އެއް އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފެށުމުގެ ގޮތުން އައި ބޯޓުގެ ކެޕްޓަނަކަށް ހުރީ އައްޑޫ ހުޅުދު އަށް އުފަން، ތޮލްހަތު އަންވަރު (ތޮއްލަ) އެވެ. އޭނާއަކީ ބޭރުގެ އެއާލައިނެއްގައި ކެޕްޓަންކަން ކުރާތާ އެންމެ ގިނަ ދުވަސްވީ ދިވެއްސެވެ.

ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ ބޯޓުގެ ފުރަތަމަ ދަތުރުގައި އައި ދިވެހި ޕައިލެޓް ތޮލްހަތު އަންވަރަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލްގެ އިސް ވެރިއަކު މަރުހަބާކިޔަނީ. ފޮޓޯ: އެމްއޭސީއެލް

ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ ބޯޓުގެ ފުރަތަމަ ދަތުރުގެ ބައިވެރިންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އެގޮތުން އެ ބޯޓު މިއަދު މެންދުރުފަހު 3:00 ގައި ޖެއްސިއިރު އެމްއޭސީއެލްގެ ބައެއް އިސްވެރިން އޭޕްރަން ސަރަހައްދުގައި މަޑުކޮށްގެން ތިއްބެވި އެވެ.

"ކަންދިމާވި ގޮތުން އެ ބޯޓު ޖެއްސިއިރު ކެޕްޓަނަކަށް ހުރީ ތޮއްލަ. އޭނާ ހުރި ތަން ފެނުމުން ވަރަށް އުފާވި އަޅުގަނޑުމެން. އަދި ވަގުތުން ކޮކްޕިޓުގައި ހުރެ އަޅުގަނޑުމެންނަށް އަތުން އިޝާރާތްކޮށްލި،" އެމްއޭސީއެލްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބޯޓުން ތޮލްހަތުގެ އިތުރުން އެއާލައިންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ވެސް ވަޑައިގެންނެވި ކަމަށެވެ.

ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ ބޯޓު މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: އެމްއޭސީއެލް

ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ ބޯޓު މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: އެމްއޭސީއެލް

"ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ ބޯޓު ރާއްޖެ އަށް އޮޕަރޭޓްކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އެ މަރުކާގެ ބޯޓެއް މި ސަރަހައްދުގެ އެއްވެސް ގައުމަކަށް އަދި އޮޕަރޭޓެއް ނުކުރޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ގަތަރު އެއާވޭސްގެ އެ ބޯޓުން 283 މީހުން އުފުލޭނެ އެވެ. މިއީ އެއާބަސްގެ އޭ 380 މަރުކާގެ ބޯޓު ފިޔަވައި އެންމެ ގިނަ ފަސިންޖަރުން އުފުލޭ ބޯޓެވެ.

އެ އެއާލައިނުން ރާއްޖެއަށް މިހާރު ވެސް ދުވާލަކު ދެ ފްލައިޓް އޮޕަރޭޓްކުރެ އެވެ. އަދި މި އަހަރުގެ ސީޒަނާ ދިމާކޮށް އިތުރު ދެ އެއާލައިނަކުން އަލަށް ދަތުރު ފަށާއިރު އެހެން ބައެއް އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ވެސް ނިންމާފައިވެ އެވެ.