Roadha Mihaaru
ކުރިން އެއީ ހިތާމައެއް، މިއަދު ފަޚުރެއް!

ކުރިން އެއީ ހިތާމައެއް، މިއަދު ފަޚުރެއް!

03 ނޮވެމްބަރ 2017

ސަލާން ގޮވާލައި އިންޓަވިއުއަކަށް އެދުމާ އެކު އާދަމް މުހައްމަދު ބުނެލީ މަޑުކޮށްލުމަށެވެ. އެއަށް ފަހު ލޮގް ފޮތެއް ހިފައިގެން އަ އެވެ. އެއީ ޝަހީދު ހުސެއިން އާދަމްގެ އާއިލާ ކައިރިއަށް ޒިޔާރަތް ކުރާ މީހުންގެ ޝުއޫރު ލިޔުމަށާއި ސޮއިކުރަން 2001 އިން ފެށިގެން ގެންގުޅޭ ފޮތެކެވެ. އެފޮތުގައި އަޅުގަނޑު ވެސް ޝުއޫރު ލިޔެ ސޮއިކުރީމެވެ. އެއީ އިންޓަވިއުގެ ކުރިން ނުވަތަ ހުސެއިން އާދަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ކުރިން އެކަން އޮންނަ ގޮތެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސަލާން ގޮވާލައި އިންޓަވިއުއަކަށް އެދުމާ އެކު އާދަމް މުހައްމަދު ބުނެލީ މަޑުކޮށްލުމަށެވެ. އެއަށް ފަހު ލޮގް ފޮތެއް ހިފައިގެން އަ އެވެ. އެއީ ޝަހީދު ހުސެއިން އާދަމްގެ އާއިލާ ކައިރިއަށް ޒިޔާރަތް ކުރާ މީހުންގެ ޝުއޫރު ލިޔުމަށާއި ސޮއިކުރަން 2001 އިން ފެށިގެން ގެންގުޅޭ ފޮތެކެވެ. އެފޮތުގައި އަޅުގަނޑު ވެސް ޝުއޫރު ލިޔެ ސޮއިކުރީމެވެ. އެއީ އިންޓަވިއުގެ ކުރިން ނުވަތަ ހުސެއިން އާދަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ކުރިން އެކަން އޮންނަ ގޮތެވެ.

އެހަދާންތަކަށް 29 އަހަރު

އެއީ މީގެ 29 އަހަރު ކުރި އެވެ. އެރޭ ފަތިހު ބަނޑޭރިގޭ ބޭރު ގޭޓްގެ ހުޅަނގު ފަޅީގެ ޑިއުޓީގައި ހުރީ އުމުރުން 20 އަހަރުގެ ޕްރައިވެޓް ހުސައިން އާދަމް އެވެ. އެރޭ ފަތިހު ތަމަޅައިންގެ ޓެރަރިސްޓުން މާލެ އަރައި ހަމަލާ ދޭން ފެށުމާ އެކު ހުސައިން އާދަމް ހަމަ ވަގުތުން ރައްދުގައި ހަމަލާދޭން ފެށި އެވެ. ތިނެއް ނޮވެމްބަރުގެ އުދުވާނީ އެ ހަމަލާގައި ސިފައިންގެއަށް ވަންނަން މަސައްކަތްކުރި ދުޝްމިނުން ހިފެހެއްޓީ އޭނާގެ އަތުގައި އޭރު އޮތް 60 ވަޒަން، ހިތްވަރާ އެކު ބޭނުންކޮށްގެންނެވެ.

ތަމަޅަ ޓެރަރިސްޓުން ދެމުން ދިޔަ ހަމަލާތަކަށް އެއްވެސް މީހެއްގެ ކޮމާންޑެއް ނެތި އަމިއްލައަށް އިސްނަގައި ރައްދު ދަނިކޮށް ހުސެއިން އާދަމް ޝަހީދުވީ އަތުން ވަޒަން ހުސްވުމާ އެކު އެވެ. އޭރު ސިފައިންގޭގެ ގޭޓްތަކާއި ރޭވުންތައް ހުރީ ޑިއުޓީގައި ބޭރުގައި ފޯރިއަށް ތިބޭ މީހުންނަށް ފަސޭހައިން ސަލާމަތްވެވޭ ގޮތަކަށެއް ނޫނެވެ.

ރަށުގެ ވެސް ފާހަގަކޮށްލެވޭ، ރަނގަޅު ކުއްޖެއް

މީގެ 49 އަހަރު ކުރިން 1968 ގައި އުފަންވި ހުސެއިން އާދަމަކީ އައިޝަތު ހަސަން އާއި އާދަމް މުހައްމަދަށް ލިބުނު 13 ކުދިންގެ ތެރެއިން ހަތަރު ވަނަ ކުއްޖާ އެވެ. އޭނާގެ މަންމަ އައިޝަތު ސިފަކުރާ ގޮތުގައި ހުސެއިން އާދަމަކީ ކުޑައިރުން ސުރެ ވެސް ބަނިޔާދަން އަދި ބަސްއަހާ ކުއްޖެކެވެ.

"ވަރަށް ރަނގަޅުކޮށް އެކުއްޖާ އުޅުނީ. ސަކަރާތް ޖަހައި އެކަހަލަ ފާޑުފާޑެއް ނޫން. ރަށުގެ އެންމެ ރަނގަޅު ކުއްޖަކަށް ފުދޭ އެކުއްޖާ،" އައިޝަތު ބުންޏެވެ.

ސިފައިންގެއަށް ވައްދަން ކުޅުދުއްފުށިން 12 ކުދިން މާލެ ފޮނުވަން އެނގިއިރު ހުސެއިން އާދަމް ތައުލީމް ހާސިލް ކުރަމުން ދިޔައީ ރަށު އަމީރު އަމީން ސުކޫލުގަ އެވެ. މި ރަށުން ނެގި 12 ކުދިންގެ ތެރޭގައި ހިމެނި ހުސެއިން އާދަމް މާލެ ފޮނުވި އެވެ. އެ 12 ކުދިންގެ ތެރެއިން ތަމްރީނަށް ފަހު ސިފައިންގެއަށް ވެއްދި ހަތަރު ކުދިންގެ ތެރޭގައި ވެސް އޭނާ ހިމެނުނީ އެވެ.

ސިފައިންގެއަށް ވަން ފަހުން ހުސެއިން އާދަމް ރަށަށް އައީ އެންމެ ފަހަރަކު އެވެ. އެއީ އީދަކަށެވެ. އަދި އޭނާއަށް މައިންބަފައިން ފެނުނު އެންމެ ފަހު ފަހަރަކީ ވެސް އެ އެވެ. ރަށަށް އައިސް އޭނާ ބޮޑަށް އުޅެނީ އަމިއްލައަށް ލަކުޑިން ބަޑި ހަދައި ސަމާސާއަށް އެ ޖެހުން ފަދަ ކަންކަމުގަ އެވެ. އޭނާގެ ބައްޕަ އާދަމް މުހައްމަދުގެ ހަނދާނުގައި އެކަން އެބަ ހުއްޓެވެ.

"ބަޑި ޖަހަން. އަމާޒަށް ބަޑި ޖަހަން، ދުނި އުކަން އެކަހަލަ ކަންތައް ކުރަނީ. ރަށަށް އައިސް ވެސް އަމިއްލައަށް ބަޑި ހަދައިގެން ގަހަށް އަރައިގެން ފަތަށް ޖަހާނީ،" އޭނާގެ ބައްޕަ ކިޔައިދިނެވެ.

ހުސެއިން އާދަމްގެ މަންމަ އާއި ބައްޕަ މިހާރަށް އިންޓަވިއު ދެނީ-- ފޮޓޯ: އަހުމަދު ޝައްފާހް

ހުސެއިން އާދަމްގެ މަންމަ އާއި ބައްޕަ މިހާރަށް އިންޓަވިއު ދެނީ-- ފޮޓޯ: އަހުމަދު ޝައްފާހް

ޒުވާން ހުސެއިން އާދަމް ޒަވާޖީ ހަޔާތެއް ފެށުމުގެ ވާހަކަ ބައެއް ކައިރީ އޭނާ ދެއްކި ކަމަށް އަޑުއެރިޔަސް މައިންބަފައިންނާ އެކަން ހިއްސާކޮށްފައެއް ނުވެ އެވެ. އެހެންކަމުން ނޮވެމްބަރު 3 ގެ ގައުމީ ބަތަލުގެ ލޯބީގެ ވާހަކައަކީ އެއްގޮތަކުން ބަލާއިރު ސިއްރެކެވެ.

އެއީ މޮބައިލް ފޯނުގެ ޒަމާނެއް ނޫނެވެ. މާލެ އާއި ރިސޯޓްތަކުގައި ނޫން އެހެން ހިސާބެއްގައި ފޯނެއް ވެސް ނުހުރެ އެވެ. އެހެންކަމުން މާލޭގައި ހުރި ހުސެއިން އާދަމާއި މިރަށުގައި ދިރިއުޅުނު އޭނާގެ މައިންބަފައިންނާ މާ ބޮޑަކަށް ވާހަކައެއް ނުދެކެވެ އެވެ. އޭނާ ފޮނުވި އެންމެ ފަހު މެސެޖްގައި އޮތީ ސިފައިންގެ އިން ކެނޑި، ބޯޓްދަތުރު ކުރަން ދާން ބޭނުން ވާހަކަ އެވެ.

"އޭނާ ބުނީ ބައްޕާއޭ އަހަރެން ދާނީ ދަތުރުކުރާށޭ ބޮންޑު ހަމަވީމަ ސިފައިންގެ. އެއިއްޔޭ އެންމެ ގިނަ ލާރި ލިބޭ ކަމަކީ،" ދަރިފުޅާ ދެކެވުނު އެންމެ ފަހު ވާހަކަ ކިޔައިދެމުން އާދަމް ބުންޏެވެ.

އެވާހަކަ ދެއްކިތާ މާ ގިނަ ދުވަހެއްނުވެ އެވެ. ނޮވެމްބަރު 3 ގެ ހަމަލާ ރާއްޖެއަށް އަމާޒުވި އެވެ. އެދުވަހު މާލެ އާއި ރަށްރަށާ ގުޅުން އޮތީ ކެނޑިފަ އެވެ. މާލެއަށް ބަޔަކު އަރައި ހަމަލާދެމުން ދާކަން އެނގުމުން ހުސެއިން އާދަމްގެ މައިންބަފައިން ވެސް އަވަސްވެގަތީ ދަރިފުޅުގެ ހާލު ބެލުމަށެވެ. އެގޮތުން ހުސެއިން އާދަމްގެ ބައްޕަ، ރަށު އޮފީހުގެ ސެޓް މެދުވެރިކޮށް މާލެއިން މީހަކަށް ގުޅައި ހުސެއިން އާދަމް ކޮބައިތޯ ސުވާލުކުރި އެވެ. މާކަ ގިނަ އިރުތަކެއްނުވެ ލިބުނީ ދަރިފުޅު ޝަހީދުވިކަމުގެ ހަބަރެވެ.

"ގުޅާފައި ބުނީ ބޭބޭއޭ އޭނާ ވަނީ މިހާރު ނިޔާވެފައޭ. ދެން އަޅުގަނޑު އަތުން ފޯނު ދޫވީ. ދެން އައީ ގެއަށް. ތެޅެމުން ފޮޅެމުން. މީހުންގަނޑު އާދޭ ހޯސްލާފައި ފަހަތުން. ވާނުވާއެއް ނޭނގޭ މާލެއަކުން،" އާދަމް މުހައްމަދު ބުންޏެވެ.

ދާދި ފަހަކާ ޖެހެންދެން ވެސް، ހުސެއިން އާދަމްގެ މަރަކީ، އެދެމަފިރިންނާއި އެ އާއިލާއަށް ބޮޑު ހިތާމައެކެވެ. އެ ހަނދާންތަކާ އެކު ލޮލުން ކަރުނަ ފާއްދާލަ އެވެ. ނަމަވެސް މިއަދު އާދަމް މުހައްމަދާއި އައިޝަތު ހަސަން އަށް، ހުސެން އާދަމްގެ ޝަހީދުވުމަކީ ފަހުރެކެވެ.

"ވަރަށް ފަހުރުވެރިވޭ. މިޒަމާނަށް އައިސް ނުލިބޭ މަގާމެއް ވިއްޔަ އެއީ ޝަހީދެއްގެ މަގާމް. އޭރުގައި ވަރަށް ހިތާމަކުރިން. ފަހުން އައިސް އެކަން ކެނޑިއްޖެ. މިހާރު އުފަލެއް. ޝަހީދުންގެ ދަރަޖަ ދަންނަބޭކަލުން ކީމަ. އެމީހުންނަކީ މަރުވެދާ ބައެއް ނޫނޭ،" އާދަމް ބުންޏެވެ.

ޝަހީދު ޙުސައިން އާދަމްގެ އެ މުހިންމު ޖިހާދުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން އޭނާއަށް ޑަބަލް ޕްރޮމޯޝަން ދިނެވެ. މެޑެލް ފޯ އެކްޝެޕްޝަނަލް ބްރައިވަރީ (ހުރަވީ ރަން މެޑަލް) އާއި ޖިހާދުގެ ރަން މެޑެލް އާއި ނޮވެމްބަރު 3 ގެ މެޑެލް ވެސް ދިނެވެ.

ފުލުހުންގެ މައި މަރުކަޒަށް "ޝަހީދު ޙުސައިން އާދަމް ބިލްޑިން" ގެ ނަމުން ނަން ދީފައި ވަނީ ވެސް އޭނާގެ ހަނދާންތައް ތާރީހުން ނުފޮހެވޭނެ ދަރަޖައެއްގަ އެވެ.