Roadha Mihaaru
ސިޓީ ކުރިއަށް، ނަޕޯލީ އަށް ހާސްކަން

ސިޓީ ކުރިއަށް، ނަޕޯލީ އަށް ހާސްކަން

02 ނޮވެމްބަރ 2017

ނޭޕްލްސް (ނޮވެމްބަރު 2) – އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އާއި އިނގިރޭސި ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީން ރޭ ޗެމްޕިއަންސް ލީގުގައި ކުރި ހަނގުރާމަ 4-2 އިން ސިޓީ ކާމިޔާބުކޮށްފި އެވެ.

ނޭޕްލްސް (ނޮވެމްބަރު 2) – އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އާއި އިނގިރޭސި ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީން ރޭ ޗެމްޕިއަންސް ލީގުގައި ކުރި ހަނގުރާމަ 4-2 އިން ސިޓީ ކާމިޔާބުކޮށްފި އެވެ.

ސްޕެއިން ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީން ހޯދި މޮޅާ އެކު އެ ޓީމު ވަނީ 12 ޕޮއިންޓާ ހަމަކޮށް ގްރޫޕް އެފް އިން ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އަދި ރޭ ނެދަލެންޑްސްގެ ފެޔަނޫޑް އަތުން 3-1 މޮޅުވި ޔޫކްރޭނުގެ ޝަކްތާ ޑޮނެސްޓްކް ވަނީ ނުވަ ޕޮއިންޓް ހަމަކޮށް ދެ ވަނަ ބުރާ ގާތަށް ޖެހިލައިފަ އެވެ. ނަޕޯލީ ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު އެ ޓީމަށް ވަނީ ހާސްކަމާ ކުރިމަތިލާން ޖެހިފަ އެވެ. ފެޔަނޫޑަށް ޕޮއިންޓެއް ނުލިބެ އެވެ.

ނަޕޯލީގެ ސްޓޭޑިއޯ ސެން ޕައޮލޯގައި ރޭ ކުޅުނު މެޗުގެ 21 ވަނަ މިނެޓުގައި އިޓަލީ ފޯވާޑް ލޮރެންޒޯ އިންސީނޭ ވަނީ ނަޕޯލީ އަށް ކުރި ހޯދައިދީފަ އެވެ. އެކަމަކު ނިކޮލަސް އޮޓަމެންޑީ އާއި ޖޯން ސްޓޯންސްގެ ލަނޑުތަކާ އެކު ސިޓީން ފަހަތުން އަރައި ލީޑު ނެގި އެވެ.

ނަޕޯލީން ނަތީޖާ ހަމަހަމަކުރީ 62 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖޯގީނިއޯ ޖެހި ލަނޑުންނެވެ. އެކަމަކު 69 ވަނަ މިނެޓުގައި ސާޖިއޯ އަގުއޭރޯ ވަނީ ސިޓީ އަށް އަލުން ކުރި ހޯދައިދީފަ އެވެ. އަދި 90 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ގޯލް ޖަހައި ސިޓީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ.

ރޭގެ ގޯލާ އެކު އަގުއޭރޯ ވަނީ ސިޓީގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާގެ ޝަރަފް ހޯދައިފަ އެވެ. އޭނާ މިހާތަނަށް 178 ގޯލް ޖަހައިދީފައިވާއިރު ދެ ވަނައިގައި އޮތީ 177 ގޯލާ އެކު އިންގްލެންޑުގެ އެރިކް ބްރޫކެވެ.

ޗެމްޕިއަންސް ލީގުގައި ރޭ އިންގްލެންޑުގެ ލިވަޕޫލް ވަނީ ސްލޮވީނިއާގެ މަރިބޯ އަތުން އަމިއްލަ ދަނޑުގައި 3-0 އިން މޮޅުވެފަ އެވެ. އެ ޓީމު އޮތީ އަށް ޕޮއިންޓާ އެކު ގްރޫޕް އީ ގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ރޭ ރަޝިއާގެ ސްޕާޓަކް މޮސްކޯ އަތުން 2-1 އިން މޮޅުވި ސްޕެއިނުގެ ސެވިއްޔާ އެވެ. ތިން ވަނައިގައި ފަސް ޕޮއިންޓާ އެކު ސްޕާޓަކް އޮތްއިރު ފުލުގައި އެއް ޕޮއިންޓާ އެކު އޮތީ މަރިބޯ އެވެ.

ރޭގެ މެޗުގައި ލިވަޕޫލަށް ގޯލް ޖަހައިދިނީ މިސްރު ފޯވާޑް މުހައްމަދު ސަލާހާއި އެމްރެ ޗޭން އަދި ޑެނިއަލް ސްޓަރިޖެވެ.

ގްރޫޕް ޖީ އަށް ބަލާއިރު ފްރާންސުގެ މޮނާކޯއާ ރޭ 1-1 އިން އެއްވަރުކޮށް ތުރުކީގެ ބެސިކްޓަސް އޮތީ 10 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ދެ ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ރޭ ޖަރުމަނުގެ އާރްބީ ލީޕްޒިގް އަތުން 3-1 އިން މޮޅުވި ޕޯޗުގަލްގެ ޕޯޓޯ އެވެ. ލީޕްޒިގް ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު މޮނާކޯ އޮތީ ދެ ޕޮއިންޓާ އެކު ފުލުގަ އެވެ.