Roadha Mihaaru
ކުޑަކުދިން ކުށްތަކުން ދުރުކުރުމާ ގުޅޭ ބައްދަލުވުމެއް

ކުޑަކުދިން ކުށްތަކުން ދުރުކުރުމާ ގުޅޭ ގައުމީ މަހާސިންތާއެއް ފަށައިފި

07 ނޮވެމްބަރ 2017

ކުޑަކުދިން ކުށްތަކުން ދުރުކުރަން ގައުމީ ފެންވަރުގެ ބޮޑު މަހާސިންތާއެއް މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުޑަކުދިން ކުށްތަކުން ދުރުކުރަން ގައުމީ ފެންވަރުގެ ބޮޑު މަހާސިންތާއެއް މިއަދު ފަށައިފި އެވެ.

ފުލުހުންނާއި ޔުނިސެފް ގުޅިގެން ފެށި މި މަހާސިންތާގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރާ މުއައްސަސާތަކާއި ޖަމިއްޔާތަކުން 70އެއްހާ މީހުން ބައިވެރިވެ އެވެ.

މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ކުޑަކުދިން ކުށްތަކުން ދުރުކުރަން ވަރަށް ގިނަ ބައްދަލުވުންތަކާއި މަޝްވަރާތައް ބާއްވާފައިވާ ކަމަށެވެ. އެކަމަކު އެންމެން ގުޅިގެން މަސައްކަތް ނުކުރެވުމުން އޭގެ އެންމެ ފުރިހަމަ ފައިދާ ނުކުރާ ކަމަށް ވިދާޅުވި އެވެ.

ކުށްތަކުން ކުޑަކުދިން ދުރުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރަން ބޭއްވި ގައުމީ މަހާސިންތާގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުށްތަކުން ކުޑަކުދިން ދުރުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރަން ބޭއްވި ގައުމީ މަހާސިންތާގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝުޖާއު ވިދާޅުވީ ކުޑަކުދިންނާ ގުޅުން ހުރި މަސައްކަތްތަކަށް ސަރުކާރުން ބޮޑު ހަރަދުތަކެއް ކުރަމުން ދާ ކަމަށެވެ. ނަމަވެސް އެ މަގުސަދުތައް ހާސިލްކުރުމުގައި ގޮންޖެހުންތަކެއް ދިމާވާ ކަމަށް ވިދާޅުވި އެވެ.

"މިކަހަލަ ސެމިނާތަކުން ހަމައެކަނި ކަރުދާހެއްގައި ލިޔެލާ ލިޔެލުމެއް، އެއީ އެ ސެމިނާގެ މަގުސަދު ކަމަށް ހަދައިފިކަމަށް ވާނަމަ މީގެ އަހަރުތަކެއް ފަހުން، މިކަހަލަ ސެމިނާއެއްގައި ވާހަކަ ދައްކާ މީހެއް ވެސް ދައްކާނީ، އެއްވެސް ނަތީޖާއެެއް ނުނިކުންނަ އެކަމަކު ރަނގަޅު ޕްލޭނެއް ހަދާފައިވާ ކަމުގެ ވާހަކަ،" ބަނޑޮސް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުޑަކުދިންނާ ގުޅޭ ކަންތައްތަކަކީ ސަރުކާރުގެ އެހެން އިދާރާތަކުގެ ބައިވެރިވުން ވެސް އޮންނަ މައްސަލަތައް ކަމަށެވެ. އެހެންވެ ކަމާބެހޭ އެހެން އިދާރާއަކުން އެ މަސައްކަތް ކުރާނެ ކަމަށް ބަލައި، އެ މައްސަލަތަކަށް އަޅާ ނުލައި ހުންނަނީ ކަމަށް ބުންޏެވެ.

ކުށްތަކުން ކުޑަކުދިން ދުރުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރަން ބޭއްވި ގައުމީ މަހާސިންތާގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުށްތަކުން ކުޑަކުދިން ދުރުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރަން ބޭއްވި ގައުމީ މަހާސިންތާގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މަސައްކަތްތައް ބެހިފައި ހުންނަ ގޮތުން، އެޑިއުކޭޝަން މިނިސްޓްރީންނާއި ކްރިމިނަލް ޖަސްޓިސްގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތަކާއި އަދި ކުށްކުރާ ކުޑަކުދިން މުޖުތަމައަށް ނެރުމަށް ހަވާލުވެފައި ތިބި މީހުން ކުރަންޖެހޭ މަސައްކަތްތައް އެބަހުރި. މި ހުރިހާ މަސައްކަތްތަކެއް ކޮށްގެން ކަންތައްތައް ހާސިލްވާނީ،" ސުޖާއު ވިދާޅުވި އެވެ.

ޔުނީސެފްގެ ޕްރޮގްރާމް ސްޕެޝަލިސްޓް މުހައްމަދު ނައީމު ވިދާޅުވީ ކުށްކުރާ ކުޑަކުދިންގެ އަދަދު އިތުރުވަމުން ދާއިރު އެންމެން އެއްތަނަކަށް އެއްވެ ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންވެ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ބާއްވާ މަހާސިންތާގައި، އެންމެން ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާއި ދިމާވާ ގޮންޖެހުންތަކަށް ހައްލު ގެންނާނެ ކަމަށް ވިދާޅުވި އެވެ.