Roadha Mihaaru
މަޝްރޫއުތައް ހުއްޓެނީ އިދިކޮޅު ފަރާތްތަކާ ހެދި: ރައީސް

ބިޔަ މަޝްރޫއުތައް އެންމެ ފަހު ވަގުތު ހުއްޓެނީ އިދިކޮޅު ފަރާތްތަކާ ހެދި: ރައީސްް

19 ނޮވެމްބަރ 2017

ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ފެށުމަށް ނިންމި ބޯހިޔާވަހި ކަމުގެ ބިޔަ މަޝްރޫއުތައް، އެންމެ ފަހު ވަގުތު ހުއްޓިފައިވަނީ އިދިކޮޅު ފަރާތްތަކާ ހެދި ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ފެށުމަށް ނިންމި ބޯހިޔާވަހި ކަމުގެ ބިޔަ މަޝްރޫއުތައް، އެންމެ ފަހު ވަގުތު ހުއްޓިފައިވަނީ އިދިކޮޅު ފަރާތްތަކާ ހެދި ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިމުގައި 25 ބުރީގެ 62 ޓަވަރު އެޅުމުގެ ބިޔަ މަޝްރޫއު ފެށުމަށް ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރުން ދައްކަވާ ވިޔާނުދާ ވާހަކަތަކުގެ ސަބަބުން، ބޭރު ކުންފުނިތަކުން ރާއްޖޭގައި ހިންގަން ހަމަޖެއްސި ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތައް ވެސް، ސޮއި ކުރުމަށް ފަހު ހުއްޓާލައި، ރާއްޖެ ނައުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ފ. އަތޮޅުގައި ސައުދީ އަރަބިއްޔާ އިން ހިންގަން އިއުލާނު ކުރި ބިޔަ މަޝްރޫއާއި ހައުސިންގެ ބޮޑެތި މަޝްރޫއުތައް ވެސް ބީވެގެން ދިޔައީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކަންކަން ބަދުނާމް ކުރަންވީމާ ޑިމޮކްރަސީގެ ލީޑަރެއް ހޯދާ ކޮންސެޕްޓް އެ މަނިކުފާނު ގަބޫލެއް ނުކުރައްވަ އެވެ. އޭގެ ބަދަލުގައި ގަބޫލު ކުރައްވަނީ ކަންކަމާ ކުރިމަތިލައިގެން، ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ހައްލު ކޮށްދޭން ކަމަށާއި އެގޮތް ބޭނުން ނަމަ ޑިމޮކްރަސީގައި ރައީސް ޔާމީންގެ ނަންފުޅުގައި ފާހަގަ ޖެހުމަށް އެދިވަޑައިގެންނެވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މި ފަދަ ބޮޑެތި މަޝްރޫއުތައް ފެށުމުން އޭގެ އިތުރުން ވަރަށް ގިނަ ކަންތައްތައް ދިވެހި ރައްޔިތުން ބޭނުންވާނެކަން ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށެވެ. އަދި ކަންތައްތައްތަކާ މެދު އުއްމީދު ކުރަންވާނެ ކަމަށާއި މާޔޫސްކަމުގެ ކަނޑުގައި ޣަރަގުވާންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ. އެކަމަކު ގައުމަށް ޝަރަފާއި އުއްމީދު ގެނައުމުގެ ސިފަ ލީޑަރުންގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ހޭދަވީ ސިޔާސީ ވާދަވެރިކަމުގައި އެވެ.

ރޭގެ ރަސްމިއްޔާތުގައި ގިނަ ބަޔަކު ބައިވެރިވަނީ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ރޭގެ ރަސްމިއްޔާތުގައި ގިނަ ބަޔަކު ބައިވެރިވަނީ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

"އެކަމަކު އެ ވާދަވެރިކަމަކީ އެއްގޮތަކަށް ވެސް ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކުރިމަތިވި ކަންތައްތަކެއް ނޫން. އަޅުގަނޑު އަބަދުވެސް ދައްކަމުން މި އަންނަ ވާހަކައަކީ ފެއްސާއި ރަތާއި ހުދުގެ އެއްވެސް މައްސަލައެއް އިދިކޮޅު ފަރާތްތަކަކުން ނާދެއޭ،" ތަރައްގީގެ ބޮޑެތި މަޝްރޫއުތައް އިދިކޮޅު ފަރާތްތަކުގެ ސަބަބުން ހުއްޓިފައިވާކަން ފާހަގަ ކުރައްވައި ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރަސީ ނިޒާމު އެންމެ މުހިއްމު ވަނީ އެ ނިޒާމެއްގައި، މައްޗަށް އެއްލާ ގާކޮޅު ވެއްޓޭނެކަން ޔަގީންވާ ގޮތަށް، ވޯޓުލާ ގޮތުން ނުކުންނަ ނަތީޖާ އެ މީހަކާ ބައްދަލު ކުރާނެތީ ކަމަށެވެ. އަދި ރައްޔިތުން އެ ވަގުތަކު ތަހައްމަލު ކުރަަމުންދާނީ، ވޯޓުލައިގެން ހޮވާ މީހާގެ ފިކުރާއި ވިސްނުމާއި މަޝްރޫއުތަކުގެ ބޭނުން ތަރުތީބު ކުރަމުންދާ ގޮތުގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ. އެހެންވެ، ގެދޮރުވެރިކަން ހާސިލް ކޮށްދޭނެތޯ، ކުދިންނަށް ކިހާ ވަރަކަށް ތައުލީމް އުނގަންނައިދެވޭނެތޯ ނުވަތަ ދަރާނީތޯ ނޫނީ ބިން ހިއްކާނެތޯ ޔަގީން ކުރެވޭނީ ވޯޓު ކަރުދާހުގެ ނަތީޖާ އިން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މީހެއްގެ ބޮލުގައި ބަދުނާމެއް އަޅުވަން ބޭނުން ނަމަ ވެސް ޑިމޮކްރަސީ އަށް ވުރެ ފުރިހަމަ ނިޒާމެއް ނެެތެވެ. ނުކުރެވި ހުރި ކަންކަމުގެ ބަދުނާމު، މީހެއްގެ ބޮލުގައި އަޅުވާ ނަމަ، ޑިމޮކްރަސީ ނިޒާމެއްގެ ދަށުން ވެރިމީހާގެ ބޮލުގައި އެކަން އެޅުވޭނެ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު މިކަމުގައި އަޅުގަނޑު ވިސްނާ ގޮތުން، އަޅުގަނޑު ރައްޔިތުން ގާތަށް މި އައީ ބަދުނާމު އުފުލާކަށް ނޫން. އަޅުގަނޑު އައީ ރާއްޖޭގައި ބިޔަ ބޮޑެތި މައްސަލަތަކެއް ހުރިކަން އެނގިގެން. އަދި އެ މައްސަލަތަކުން އަރައިގަތުމުގައި ރައްޔިތުންގެ ހައްގެއް އޮތް ކަމާއި ރައްޔިތުން އެކަމަށް އެދޭނެ ކަމާއި އުއްމީދުތަކެއް ވާކަން ވިސްނާތީ،" ރައީސް ވިދާޅުވި އެވެ.

ސިޔާސީ އިދިކޮޅު ބައެއް ލީޑަރުން ރާއްޖޭން ބޭރުގައި އުޅުއްވާތީ އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެ މަނިކުފާނު އަބަދުވެރިކަމުގައި ނުހުންނާނެ ކަމަށާއި އެކަމަކު ވިސްނުމާއި ފިކުރަށް އަންނަ ބަދަލެއްގެ ސަބަބުން ދުވަހަކު ވެސް ރާއްޖޭން ބޭރުގައި އަރުވާލެއްވިގެން ނުހުންނަވާނެ ކަމަށެވެ. އަދި ހިދުމަތް ކުރައްވަން ޖެހޭނީ ގައުމުގައި ހުރެގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ބޭއްވި އެ ޖަލްސާގައި، މިހާތަނަށް ސަރުކާރުގެ ޖަލްސާއެއްގައި ބައިވެރިނުވާހާ ގިނަ އަދަދަކަށް މީހުން ބައިވެރިވި އެވެ. އަދި މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.