Roadha Mihaaru
އަނަންތާރާ ކިހަވައް ހުރަވަޅި އެމްޓީޑީސީން ވިއްކާލަނީ

އަނަންތާރާއިން ހިންގާ ކިހަވައް ހުރަވަޅި އެމްޓީޑީސީން ވިއްކާލަނީ

19 ނޮވެމްބަރ 2017

އަނަންތާރާ ކިހަވައް މޯލްޑިވްސް ވިލާ ހިންގާ ބ. ކިހަވައް ހުރަވަޅީގެ ކުލީގެ މިލްކުވެރިކަން ވިއްކާލަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން އިއުލާންކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އަނަންތާރާ ކިހަވައް މޯލްޑިވްސް ވިލާ ހިންގާ ބ. ކިހަވައް ހުރަވަޅީގެ ކުލީގެ މިލްކުވެރިކަން ވިއްކާލަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން އިއުލާންކޮށްފި އެވެ.

ސަރުކާރުން ރިސޯޓު ހިންގަން އެމްޓީޑީސީއަށް ކުއްޔަށް ދީފައިވާ ކިހަވައް ހުރަވަޅި ވިއްކާލަން ނިންމިއިރު، އެ ރަށުގައި ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލް އިން އަންނަނީ އެ ރިސޯޓު ހިންގަމުންނެވެ. އެ ކުންފުންޏަށް ކިހަވައް ހުރަވަޅި ކުއްޔަށް ދީފައި ވަނީ އެމްޓީޑީސީންނެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ 172 އެނދުގެ ރިސޯޓު ހިންގާ ރަށުގެ ލީސް ހޮލްޑް ރައިޓްސް [ކުލީގެ މިލްކުވެރިކަން] ވިއްކާލަން ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް ހުޅުވާލާ ކަމަށެވެ. ނަމަވެސް އެ ރަށް ވިއްކާލާ އަގެއް އެމްޓީޑީސީން ހާމައެއްނުކުރެ އެވެ.

އެ ކުންފުންޏަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހިންގަން ކިހަވައް ހުރަވަޅި ސަރުކާރުން ކުއްޔަށް ދިނީ ސެޕްޓެމްބަރު 17، 2006ގަ އެވެ. އެ ދުވަހުން ފެށިގެން 25 އަހަރަށް ހިންގުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އެމްޓީޑީސީން ބުންޏެވެ.

ކިހަވައް ހުރަވަޅި ހިންގާ ކުންފުނި ފިޔަވައި އެހެން ބަޔަކަށް ވިއްކާލަން އެމްޓީޑީސީން ނިންމީ ކީއްވެގެން ކަމެއް ސާފުވާ ގޮތެއްނުވި އެވެ. ނަމަވެސް އެ ރަށުގެ ކުލީގެ މިލްކުވެރިކަން އަނަންތާރާއަށް ވިއްކާލަން އެމްޓީޑީސީން ހުށަހެޅި ކަމަށް އެނގިފައިވެ އެވެ. އެ ކުންފުނިން އެ ނުގަތް ސަބަބެއް ވެސް ނޭނގެ އެވެ.

ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލް އިން ހިންގާ އަނަންތާރާ ކިހަވައް މޯލްޑިވްސް އަކީ ބ. ދަރަވަންދޫން ފުރައިގެން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ މަތީ ފެންވަރުގެ ހިތްގައިމު ރިސޯޓެކެވެ. އެ ކުންފުނިން އެ ރަށް ހުޅުވާފައި ވަނީ ޑިސެމްބަރު 2010ގަ އެވެ.

އެމްޓީޑީސީގެ އިއުލާނުގައި ބުނެފައި ވަނީ ކިހަވައް ހުރަވަޅި ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރު 10 ގެ ކުރިން ބިޑް ހުށަހަޅަން ޖެހޭ ކަމަށެވެ.

އެ ކުންފުނިން ދ. އެނބޫދޫފުއްޓާއި އޮޅުވެލީގައި ނިޔާމަ މޯލްޑިވްސް ރިސޯޓު، އެ ރަށް ހިންގާ އޯ ޕްލަސް އީ ހޮލްޑިން އަށް 23.3 މިލިއަން ޑޮލަރު (359.2 މިލިއަން ރުފިޔާ) އަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަނީ ވިއްކާލައިފަ އެވެ.

އެމްޓީޑީސީ އުފެދުނު ފަހުން ދެ ފަހަރެއްގެ މަތިން ހިއްސާ ފައިދާ ބެހި ނަމަވެސް އޭގެ ފަހުން އެ ކުންފުނީގެ ހިއްސާދާރުންނަށް އެއްވެސް ފައިދާއެއް ބަހާފައެއްނުވެ އެވެ.